އަލްފާޟިލް އިބްރާހީމް ރަޝީދު
ނ. މަގޫދޫ/ ސާމިޔާނާ

       ޒުވާނުންގެ ދާއިރާއިން، ދަރުމަޔަށް މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އިބްރާހީމް ރަޝީދުގެ ހިތްޕުޅުގައި މިކަމުގެ ޝައުޤުވެރިކަން އުފެދުނީ، ސްކޫލްގައި އުޅުއްވި ދުވަސްވަރުއެވެ. ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ތިމާވެށި ކްލަބްގެ މަސައްކަތްތަކުގެ ތެރެއިންނެވެ. އެއަށްފަހު، ރަށުގެ ޒުވާނުންގެ ކުޅިވަރުގެ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެށްޓެވިއެވެ. އެގޮތުން، ޒުވާނުން ބާއްވާ އެކިއެކި ކުޅިވަރުތައް ރާއްވަވައިދެއްވުމުގައި ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރައްވަމުން ގެންދެވިއެވެ. އަދި ފުޓްބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ކޯސް ފުރިހަމަކުރައްވައި، ރަށުގައި ބާއްވާ އެކިއެކި ފުޓްބޯޅަ މެޗްތަކުގެ ރެފްރީކަން ކޮށްދެއްވަމުން ގެންދެވިއެވެ. 
 
        އިބްރާހީމް ރަޝީދުގެ ހިތްޕުޅުގައި ދަރުމަޔަށް މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން އުފެދިފައިވާލެއް ބޮޑުކަމާއެކު، މިރޮނގުން މީހުން މުޖްތަމަޢަށް ނެރުއްވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ރަށުގެ ޒުވާނުންގެ ތެރޭގައި، މިކަމަށް ޝައުޤުވެރިކަން ހުރި ޒުވާނުން ހޯއްދަވައިގެން، އެ ޒުވާނުން މި މަސައްކަތުގެ ތެރެއަށް ވެއްދުމަށްވެސް އޭނާވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑުގެ އެފް.އެމް ޗެނަލްގެ އަޑުއެހުންތެރިންގެ މެދުގައި ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި އިބްރާހީމް ރަޝީދު އިސްނަންގަވައިގެން، [އާރު.އެފް.އެމް ލާމަސީލު ފްރެންޑްސް]ގެ ނަމުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކުރައްވައިގެން ހިންގަވަން ފެށްޓެވިއެވެ. އެގޮތުން، އަޑުއެހުންތެރިންގެ މެދުގައި ރަޙްމަތްތެރި މާޙައުލެއް ޤާއިމުކުރެއްވުމަށްޓަކައި އެކިއެކި ދަތުރުތައް ރާއްވަވައި، އެކިއެކި ކުޅިވަރު ޙަރަކާތްތަކުގެ ޕްރޮގްރާމްތައް ހިންގަވަމުން ގެންދެވިއެވެ.
 
        އިބްރާހީމް ރަޝީދުގެ ޚިދްމަތް ޔޫތު މިނިސްޓްރީއަށްވެސް މެދުކެނޑުމެއްނެތި ދަނީ ލިބެމުންނެވެ. އެ މިނިސްޓްރީން ޒުވާނުންނަށް އަމާޒު ކުރައްވައިގެން ހިންގަވާ ތަފާތު އެތައް ޕްރޮގްރާމެއްގައި އިބްރާހީމް ރަޝީދު ޢަމަލީގޮތުން ދަރުމަޔަށް އެތައް މަސައްކަތްތަކެއް ގެންދަވަނީ ކޮށްދެއްވަމުންނެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމުން ޒުވާނުން ދުރުހެލިކުރުވުމަށާއި، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރުމަށްވެސް އޭނާ ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވަމުން ގެންދަވައެވެ. މީގެއިތުރުން، ޔޫތު ޗެލެންޖް ޕްރޮގްރާމްގަޔާއި، ޑިމޮކްރަސީ ފެއަރފަދަ ޙަރަކާތްތައް ކުރިއަށް ގެންދެވުމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ. 4 ވަނަ ސާކް ޔޫތު ފެސްޓިވަލްގައިވެސް އިބްރާހީމް ރަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. 
 
އިބްރާހީމް ރަޝީދު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތް އެންމެ ބޮޑަށް ގުޅިފައިވަނީ ދިވެހި ރެޑްކްރެސެންޓް ޖަމްޢިއްޔާއާއެވެ. އޭނާ އެ ޖަމްޢިއްޔާއާ ގުޅިވަޑައިގަތީ، 2012 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އިމަރޖެންސީ ޓްރޭނިންގ އާއި، ފަސްޓްއެއިޑް ޓްރޭނިންގ އާއި އަދި ނޭޝަނަލް އިމަރޖެންސީ ރެސްޕޮންސް ޓްރޭނިންގ ފުރިހަމަކުރައްވައި، ވަރަށް ފުޅާ ދާއިރާއެއްގައި އޭނާ ގެންދަވަނީ ޚިދްމަތް ކުރައްވަމުންނެވެ. މިގޮތުން، ރާއްޖޭގެ އެކި ރަށްރަށުގައި ރެޑް ކްރެސެންޓުން ޒުވާނުންނަށާއި، ސްކޫލްތަކުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައި އޭނާ މަޢުލޫމާތު ދެއްވަމުން ގެންދަވައެވެ. މާލޭގައި ކުރިއަށްގެންދާ އެކިއެކި ޙަރަކާތްތަކުގައިވެސް އޭނާ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި މިދިޔަ އަހަރުގެ ޑިސެންބަރު މަހު މާލެއަށް ދިމާވި ފެނުގެ މައްސަލަ ޙައްލުކޮށް، ގޭގެއަށް ފެން ފޯރުކޮށްދިނުމުގައިވެސް އޭނާ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. މިހާރު އޭނާ އެންމެބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ދަރުމަޔަށް މަސައްކަތްކުރާ މީހުން ބިނާކުރައްވައި، މުޖްތަމަޢަށް ނެރުއްވުމުގެ މަސައްކަތެވެ. 
 
       ދިވެހި ރެޑް ކްރެސެންޓުން ހޮވާ 2014 ވަނަ އަހަރުގެ ބެސްޓް ވޮލަންޓިއަރގެ މަޤާމުވެސް އިބްރާހީމް ރަޝީދު ވަނީ ހޯއްދަވާފައެވެ. އިބްރާހީމް ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، ހިލޭ ސާބަހަށް ނުވަތަ ދަރުމައަށް މަސައްކަތް ކުރުމަކީ، ދިރިއުޅޭ މުޖްތަމަޢަށް އަދި އަމިއްލަ ނަފްސަށް ކުރިއެރުންތަކެއް ލިބޭ މުހިންމު ވަސީލަތެކެވެ. އަދި ހިތްވަރު ލިބިގެން ދަރުމައަށް މަސައްކަތްކުރާ މީހުންނަކީ، އެމީހުން ނިސްބަތްވާ ރަށްރަށުގެ އިތުރުން، މުޅި ޤައުމަށް އެކި ދާއިރާތަކުން ފައިދާކުރަނިވި ބަދަލުތަކެއް ގެނެސްދެވޭނެ ބައެއްވެސްމެއެވެ.