އަލްފާޟިލް މުޙައްމަދު ރިޟްވާން
މއ. ތަބައްގެ

        މުޙައްމަދު ރިޟްވާނަކީ، ތާނައާއި ޢަރަބި އަދި ލެޓިން އަކުރު، ބޮޑުއަކުރު ކުރުމާއި، ޑިޒައިން ކުރުމާއި، ލިޔުމާއި ފަރުމާކުރުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ޤައުމީ ފެންވަރުގައި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ބޮޑުއަކުރުން ތާނައާއި ޢަރަބި އަދި ލެޓިން އަކުރު، ތަފާތު ފޮންޓްތަކަށް ލިޔުއްވައި ފަރުމާކުރުމުގެ މަސައްކަތް ރިޟްވާން ދަސްކުރެއްވީ، ޢުމުރުން އެންމެ 6 އަހަރުގައެވެ. ކުރެހުމާއި ކެފުމާއި ލިޔުމުގެ މަސައްކަތުގައި ނޫޅުއްވާ ހަނދުމަފުޅެއް ނުހުރެއެވެ. ޢަމަލީގޮތުން މަސައްކަތް ފެށްޓެވީ ޢުމުރުން އެންމެ 10 އަހަރުގައެވެ. އޭނާގެ ލޮބުވެތި ބައްޕަ އަލްމަރްޙޫމް ޢަލީ ފަހުމީ ނުވަތަ މުޅި ޤައުމަށް އެބޭފުޅެއްގެ ލިޔުންތެރިކަމުގެ ކުޅަދާނަކަމަށް މަޝްހޫރު ތަބައް ޢަލިފުޅުގެ ފުރިހަމަ އިރުޝާދުގެ ދަށުންނެވެ.

       ރިޟުވާންގެ ލިޔުއްވުމުގެ ހުރި ކުޅަދާނަކަމާއި ހުނަރުވެރިކަން، ޤައުމީ ފެންވަރުގައި އެންމެ ފުރަތަމަ ފެނިގެން ދިޔައީ، ތަޢުލީމު ޙާޞިލު ކުރައްވަމުން ގެންދެވި ދުވަސްވަރުއެވެ. 1987 ވަނަ އަހަރު ބޭއްވުނު ދިވެހިރާއްޖޭގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މައުރަޒުން ޅަޢުމުރުގައި އަތުލިޔުމުން ފަޚުރުވެރި 1 ވަނައާއި، ލިޔުމުގެ މަސައްކަތުން 2 ވަނަ ހޯއްދެވުމުންނެވެ. 
 
       މީގެ އިތުރުން، އަތްތެރި މަސައްކަތާއި އަތު މަސައްކަތުގެ އެހެން މައުރަޒުތަކުންވެސް މަތީ ވަނަތައް ހޯއްދަވާފައިވެއެވެ. އެގޮތުން، 1988 ވަނަ އަހަރު ޢަރަބި ލިޔުމުގެ މަސައްކަތުން ތިންވަނައާއި، 1990 ވަނަ އަހަރު ތާނަ ޢަރަބި ލިޔުން ފިޔަވައި އެހެނިހެން ލިޔުމުގެ މަސައްކަތުން އެއްވަނަ އާއި، 1990 ވަނަ އަހަރު އަތުލިޔުމުން ތިންވަނަ އާއި، 1995 ވަނަ އަހަރު ތައްގަނޑު ޖެހުމުން ދެވަނަ އާއި،  1996 ވަނަ އަހަރު ޓީޗިންގ މެޓީރިއަލްސް އުފެއްދުމުން (އަކުރު ތަބައް) އެއްވަނައާއި، 1996 ވަނަ އަހަރު ނައިލޯން ޕްލާސްޓިކް، ޕީ.ވީ.ސީ ފަދަ ތަކެތީގެ މަސައްކަތުން 2 ވަނަ (އަކުރު ސެޓް) އާއި، 1997 ވަނަ އަހަރު ޕްލާސްޓިކް މަސައްކަތުން ތިންވަނަ ހޯއްދަވާފައިވުން ހިމެނެއެވެ.
 
       މި މަސައްކަތް ރަނގަޅު ފެންވަރެއްގައި ކުރެއްވުމަށްޓަކައި 8 ޖޫން 1991 ގައި ކްރޮމެޓިކް އާޓްސް އެންޑް ޑިޒައިން ސަރވިސަސް ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި، ރަޖިސްޓަރީ ކުރައްވައިގެން މި މަސައްކަތް ރިޟްވާން ހިންގަވަމުން ގެންދަވައެވެ. 
 
      ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ބެހެއްޓިފައިވާ ގިނަ ޢަރަބި ލިޔުންތައް ލިޔުއްވި އެއްބޭފުޅަކީ، ރިޟްވާނެއެވެ. އަދި ހުޅުމާލޭ މިސްކިތް، މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދުލް އަމާނީގައި ބެހެއްޓިފައިވާ ހުރިހާ ލިޔުމެއް ލިޔުއްވައި ފަރުމާ ކުރެއްވުމާއި، ގއ. ވިލިނގިލީ މަސްޖިދުއް ތައުބާގައި ހައިވަކަރުން ކަނޑާ ނަގައިގެން ތައްޔާރުކުރެވުނު ބޮޑެތި ލިޔުންތައް ޚާއްޞަގޮތެއްގައި ފާހަގަކުރެވެއެވެ. މީގެއިތުރުން، މާލެއާއި ރާއްޖޭގެ އެކި މިސްކިތްތަކުގެ މިޙްރާބުގޭގައި ބެހެއްޓުމަށް ލިޔުން ތައްޔާރު ކުރައްވާފައިވެއެވެ. މިގޮތުން، ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކުގައި  ރިޟްވާންގެ ލިޔުއްވުމުގެ ފަންނުވެރިކަން ފެންނަން ހުރެއެވެ. 
 
      2000 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރަށް މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ އިން ނެރުއްވަމުން ގެންދެވި ކަލަންޑަރުގެ ހުރިހާ ލިޔުންތައް ރިޟުވާން ލިޔުއްވައި ފަރުމާކޮށްދެއްވާފައިވެއެވެ. މި 6 އަހަރު ދުވަހުގެ ތެރޭގައި، ކަލަންޑަރުގައި ހިމެނުމަށް ޖުމްލަ 72 ލިޔުން ފަރުމާކޮށްދެއްވާފައިވެއެވެ. މިގޮތުން ތައްޔާރުކޮށްދެއްވާފައިވާ ބައެއް ޢަރަބި ލިޔުންތައް ފަރުމާކުރެއްވުމުގައި، އޭގެ މާނަ ދޭހަވާގޮތަށް ފަރުމާ ކުރައްވާފައިވާކަމީ، މި ފަންނުގައި އޭނާގެ ތަޖުރިބާއާއި ހުނަރު ސާބިތުކޮށްދޭ ކަމެކެވެ. 
 
     ލިޔުމާއި ފަރުމާ ކުރުމުގެ ރޮނގުން ރިޟްވާން ކުރައްވަމުން ގެންދަވާ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އޭނާއަށް ސަރުކާރުން ވަނީ 2003 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމު ދެއްވާފައެވެ. 
 
     ރިޟްވާން މިއަދުވެސް ބޭނުންފުޅުވަނީ މި މަސައްކަތުގައި ކުރިއަށް ވަޑައިގެން މިކަމަށް ޝައުޤުވެރިވާ ކުދިންނަށް މަސައްކަތް ރަނގަޅަށް ދަސްކޮށްދެއްވުމެވެ.