އަލްފާޟިލް ޔާމީން ރަޝީދު
ގ. ސުތުލިގެ

      ވިޜުއަލް އާޓްސްގެ ދާއިރާއިން، ކޮމްޕިއުޓަރ އާޓްސް، އެނިމޭޝަންގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަންނަވާ ޔާމީން ރަޝީދަކީ، މިރޮނގުން ރާއްޖޭގައި މިހާރު ތިއްބެވި އެންމެ ކުޅަދާނަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ. ރާއްޖެއަށް ކޮމްޕިއުޓަރ އެނިމޭޝަން ތަޢާރުފް ކުރެއްވުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. ޔާމީންގެ  ކުރު ތަޢާރުފަކަށް ހަމައެކަނި [މާކަނާ ޝޯ]ވެސް ފުދެއެވެ. 

      މަދްރަސީ ދައުރު ނިންމެވުމަށްފަހު، 1999 ވަނަ އަހަރު ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮޑިއުސަރ (ޓްރޭނީ) އެއްގެ ވަޒީފާއަށް ވެދެވަޑައިގެންނެވި ހިސާބުން އޭނާގެ އުފެއްދުންތެރިކަން ފެނިގެންދިޔައެވެ. އޭނާގެ އަމިއްލަ އުފެއްދެވުމެއް ކަމަށްވާ [އަބޫ]ގެ ނަން ދީފައިވާ 15 މިނިޓުގެ އެނިމޭޓެޑް ކާޓޫނެއް، ޓީ.ވީ މޯލްޑިވްސް މެދުވެރިކޮށް އެންމެ ފުރަތަމަ ޓެލެކާސްޓް ކުރުން ވެގެންދިޔައީ، އޭނާގެ ޙަޔާތުގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރެވުނު ދުވަހަކަށެވެ. އަދި މި ކާޓޫނަކީ، ރާއްޖޭގައި ތައްޔާރުކޮށް ފުރަތަމަ ޓެލެކާސްޓް ކުރެވުނު ކާޓޫނުވެސްމެއެވެ. 
 
      ޔާމީނަށް ލިބިވަޑައިގެންފައިވާ ހުނަރު ޒުވާން ކުދިންނަށް އުނގަންނައިދެއްވުމަކީވެސް އޭނާއަށް ލިބިވަޑައިގަންނަވާ ނުހަނު ބޮޑު އުފަލެކެވެ. މިގޮތުން، ޒުވާން ކުދިން މިރޮނގުން މުޖުތަމަޢަށް ނެރުއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، އެނިމޭޝަން ލެކްޗަރަރެއްގެ ހައިސިއްޔަތުން 2006 ވަނަ އަހަރު [ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް] ގައި އަދި 2007 ވަނަ އަހަރު [ކޮމްޕްޓްރޯނިކްސް] ގައި އަދި 2014 ވަނަ އަހަރު [ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ] ގައި ހިލޭސާބަހަށް ޔާމީން ވަނީ ކިޔަވައިދެއްވާފައެވެ. އަދި 2010 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެމް.ވީ ލީޑްސް ކެމްޕެއިނަށާއި، [ޓައިނީ ހާޓް އޮފް މޯލްޑިވްސް]ގެ ފަންޑް ރެއިޒިންގ ކެމްޕެއިނަށާއި އަދި 2014 ވަނަ އަހަރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ރޯޑް ސޭފްޓީ ކެމްޕެއިނަށް ތަފާތު އެނިމޭޓެޑް ޕްރޮޑަކްޝަންތައް ހިލޭ ތައްޔާރުކޮށްދެއްވާފައިވެއެވެ. މީގެއިތުރުން، ޔޫ.އެން، ޑަބްލިޔު.އެޗް.އޯ ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ޔާމީންގެ ޚިދުމަތް ގެންދަވަނީ ފޯރުކޮށްދެއްވަމުންނެވެ. 
 
      ޔާމީން ރަޝީދު އަޅުގަނޑުމެންގެ ތެރެއަށް އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔަ [މާކަނާ ޝޯ] އަކީ އޭނާގެ އުފެއްދުމެކެވެ. އެއީ ރާއްޖޭގައި މިހާރު ދައްކަމުންދާ އެންމެ އަގުބޮޑު އެނިމޭޓެޑް ޓޯކް ޝޯއެވެ. އަމިއްލަ ކުންފުންޏެއް ކަމަށްވާ [ސެލްމިން އެނިމޭޝަންސް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑް] އިން 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އުފައްދަމުން އަންނަ [މާކަނާ ޝޯ] އަކީ ވަކިފަރާތަކަށް ނުޖެހި، ވަކި ޕާޓީއަކަށް ނިސްބަތްވެގެންނުވާ، އެ ޝޯއަކަށް ގިނަ ބައެއްގެ ތަރުޙީބު ލިބިފައިވާ ޝޯއެކެވެ. އެވަގުތަކު ހިނގާ ކަންކަމުގެ މައްޗަށް ސިޔާސީ ނަޒަރަކުން ބަލައި ތައްޔާރުކުރަމުންދާ ޝޯއަށް ވަރަށްބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ. ލޯކަލް އެކި ޗެނަލްތަކުން ފެށި މި ޝޯގެ މިއަދާ ހަމަޔަށް 300 އަށްވުރެ ގިނަ އެޕިސޯޑު ދައްކާފައިވެއެވެ. މަޝްހޫރު [ދޫނި ރާއްޖެ] ވުޖޫދަށް އައިސް، [ދޫނި ރާއްޖޭ]ގެ ރައީސުންނާއި، ސިޔާސީ އެތައް ކެރެކްޓަރުންތަކެއް ތަޢާރުފްވެ، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ރައްޔިތުންގެ ޝައުޤުވެރިކަން އިތުރުވެގެން ދިޔުމުގައި ޔާމީންގެ ޙިއްޞާ ބޮޑުކަމަށް ދަންނަވަންޖެހެއެވެ.
 
     ރާއްޖޭގައި ފުރަތަމަފަހަރަށް އެއްގަޑިއިރާ ވިހިމިނެޓްގެ އެނިމޭޗަރ ފީޗަރ ފިލްމް [މީ މާކަނާ] އޮލިމްޕަސް ސްކްރީންގައި 2010 ވަނަ އަހަރު އެޅުވިގެންދިޔަކަން އެއީވެސް ޔާމީނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެކެވެ. މި ފިލްމު ވެގެންދިޔައީ، ގިނަ ބައެއްގެ ތަރުޙީބު ލިބިގެން، ހައުސްފުލް އެތައް ޝޯތަކެއް ދެއްކި ފިލްމަކަށެވެ. 
 
     2001 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ވިޔަފާރި ކުންފުނިތަކަށް ގިނަ ޢަދަދެއްގެ އެނިމޭޓެޑް އިޝްތިހާރުތަކެއްވެސް ޔާމީންގެ ސްޓޫޑިއޯ [ސެލްމިން އެނިމޭޝަން ސްޓޫޑިއޯ] އިން ވަނީ ތައްޔާރުކޮށްފައެވެ. ޔާމީން ރަޝީދުގެ ގިނަ މަސައްކަތްތައް، އިންޓަރނެޓްގެ ޔޫޓިއުބް ޗެނަލުން ވަނީ ޝާއިޢުކޮށްފައެވެ.