އަލްފާޟިލް ޙުސައިން ޢަލީ މަނިކު
މއ. ފްލޮރިފަރ

      ކުރެހުމުގެ ޝައުޤުވެރިކަން ޙުސައިން ޢަލިމަނިކުގެ ހިތްޕުޅުގައި އުފެދުނީ، މަޖީދިއްޔާ ސްކޫލްގައި ތަޢުލީމު ޙާޞިލު ކުރައްވަން އުޅުއްވި ދުވަސްވަރުއެވެ. ކުރެހުމުގެ މަސައްކަތް އޭނާ ދަސްކުރެއްވީ، ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ކުރެހުންތެރިޔާ ކަމަށްވާ ސަރުދާރު ދޮންމަނިކު އަރިހުންނެވެ. 

މި ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީއްސުރެ ޙުސައިން ޢަލިމަނިކުގެ ޢަޒުމަކަށްވީ، މި ދާއިރާއިން ހީވާގިކަމާއެކު ކުރިއަށް ވަޑައިގެން، މިރޮނގުން އެކިއެކި ކާމިޔާބީތައް ޙާޞިލު ކުރެއްވުމެވެ. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޙުސައިން ޢަލިމަނިކު ވަނީ ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ބޭއްވުނު ކުރެހުމުގެ ތަފާތު އެކިއެކި މައުރަޒުތަކުގަޔާއި ކޭމްޕްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ބައިނަލްއަޤްވާމީ ބައެއް މުބާރާތްތަކުގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. 
 
     ރާއްޖޭގައި މިހާތަނަށް ބޭއްވުނު ކުރެހުމުގެ އެކިއެކި މުބާރާތްތަކާއި، އެކިއެކި ޙަރަކާތްތަކުގައިވެސް ޙުސައިން ޢަލިމަނިކު ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. ޚާއްޞަކޮށް، ރާއްޖޭގައި އެކި އަހަރު ބޭއްވުނު އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މައުރަޒުތަކުގައި ބައިވެރިވެވަޑައިގެން އެކިއެކި ކުރެހުންތައް ހުށަހަޅުއްވައިގެން، ވަރަށްގިނަފަހަރު އޭނާވަނީ އެކި ވަނަތައް ޙާޞިލު ކުރައްވާފައެވެ. މި މައުރަޒުތަކުގައި ބައިވެރިވެވަޑައިގެން، މައްޗަންގޮޅީ އަވަށަށް އޭނާ ހޯއްދަވައިދެއްވި ކާމިޔާބީތައް، ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އަދި ޤައުމީ އެކިއެކި މުނާސަބަތުތަކާ ގުޅިގެން ހިންގާފައިވާ އެކިއެކި ޙަރަކާތްތަކުގައިވެސް ޙުސައިން ޢަލިމަނިކު ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ޖުމްހޫރީ ދުވަހާ ގުޅިގެން ހިންގުނު އެކިއެކި ޙަރަކާތްތަކުގަޔާއި، މިނިވަންދުވަހާ ގުޅިގެން ހިންގުނު އެކިއެކި ޙަރަކާތްތައް ހިމެނެއެވެ. 
 
      ރާއްޖޭގައި މިހާތަނަށް ބޭއްވުނު ކުރެހުމުގެ އެކިއެކި ޙަރަކާތްތަކުގެ ތެރެއިން ޙުސައިން ޢަލިމަނިކު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އެންމެ ޚާއްޞަ ޙަރަކާތަކީ، ސާސްކަފުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އެން.އެސް.އެސް.އިން އިންތިޒާމުކޮށްގެން ބޭއްވި [ދިވެހިރާއްޖޭގެ ވާހަކަ] އެވެ. [ދިވެހިރާއްޖޭގެ ވާހަކަ]އިގެ އަޞްލު ކޮންސެޕްޓަށް، ޚިޔާލާއި ލަފާ ދެއްވި ބޭފުޅުންގެ ތެރޭގައި ޙުސައިން ޢަލިމަނިކު ހިމެނިވަޑައިގަންނަވައެވެ. 
 
       ޙުސައިން ޢަލިމަނިކަކީ، ބައިނަލްއަޤްވާމީ ވަރަށްގިނަ ކުރެހުމުގެ ކޭމްޕްތަކުގަޔާއި، ވާރކްޝޮޕްތަކުގަޔާއި އަދި މައުރަޒުތަކުގައި ބައިވެރިވެވަޑައިގެން، ރާއްޖެ ތަމްސީލު ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ސްރީލަންކާގައާއި، އިންޑިޔާގަޔާއި، ޗައިނާގަޔާއި، ޖަޕާނުގައާއި، ބަންގްލަދޭޝްގައާއި، ނޭޕާލުގައި ބޭއްވުނު ތަފާތު ކޭމްޕްތަކާއި މައުރަޒުތަކުގައި އޭނާވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ރާއްޖޭގައި ބޭއްވުނު ވަރަށްގިނަ މައުރަޒުތަކުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވެއެވެ. މިހާރު އަޅުގަނޑުމެން ބޭނުންކުރަމުން ގެންދާ ޕާސްޕޯޓާއި އަދި މި އަންނަ އަހަރު އަލަށް ތަޢާރުފު ކުރައްވާ ޕާސްޕޯޓްވެސް ފަރުމާ ކުރެއްވީ ޙުސައިން ޢަލި މަނިކެވެ. އޭނާއަށްވަނީ ކުރެހުމުގެ ރޮނގުން 2001 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. 
 
       ޙުސައިން ޢަލިމަނިކަކީ، ރާއްޖޭގެ ކުރެހުންތެރިންގެ ޖަމުޢިއްޔާ، [ޔުނައިޓެޑް އާޓިސްޓްސް އޮފް މޯލްޑިވްސް]ގެ ފައުންޑަރ މެންބަރެކެވެ. އެ ޖަމުޢިއްޔާ އުފެއްދެވުމުގައި، އޭނާގެ ދައުރު ވަރަށް ބޮޑެވެ. 
 
       ޙުސައިން ޢަލިމަނިކަކީ، އޭނާގެ މި ހުނަރު، އެހެން ފަރާތްތަކަށް ދަސްކޮށްދެއްވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ އަރިހުން ކުރަހަން ދަސްކުރި ވަރަށްގިނަ ކުދިން މިއަދު ކުރެހުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންދާކަން އެއީ އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށް ޚާއްޞަ އުފަލެކެވެ. ޙުސައިން ޢަލިމަނިކުގެ އުންމީދަކީ، މި މަސައްކަތުގައި ކުރިއަށް ވަޑައިގެން، އޭނާފަދަ ހުނަރުވެރި އެތައް ކުދިންނެއް މި ފަންނުން ނެރެދެއްވުމެވެ.