ކުޅިވަރުގެ ދާއިރާއިން، ކުޅިވަރުގެ ބޭސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަންނަވާ އަޙްމަދު ޝަކީބަކީ، ރާއްޖޭގެ ކުޅިވަރުގެ މައިދާނުން، ޚާއްޞަކޮށް، ފުޓްބޯޅައިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިދާއިރާއާ އޭނާ ގުޅިވަޑައިގަތީ، ރާއްޖޭގެ ސީނިއަރ ފިރިހެން ޤައުމީ ފުޓްބޯޅަ ޓީމުގެ ފިޒިޝަނެއްގެ މަޤާމު، 1996 ވަނަ އަހަރު އަދާކުރައްވަން ފެށްޓެވި ހިސާބުންނެވެ.
މި މަޤާމުގައި މެދުކެނޑުމެއްނެތި މިހާ ގިނަދުވަސް ޝަކީބު ހޭދަކުރައްވާފައިވަނީ، އަދާކުރައްވާ ވަޒީފާއަކަށްވުރެ ބޮޑަށް ދިވެހި ފުޓްބޯޅައަށާއި، އެކި ކުޅިވަރުތައް ކުޅޭ ކުޅުންތެރިންނަށް އޭނާގެ ފަރާތުން ވެދެއްވޭ ވަރަށްބޮޑު އެހީތެރިކަމެއްކަމަށް ދެކެވަޑައިގަންނަވާތީއެވެ. މީގެ އެންމެބޮޑު ހެތްކަކީ، މި މުއްދަތުގައި ރާއްޖޭގެ އެކި ކުޅިވަރުތަކުގައި ޙަރަކާތްތެރިވެފައިވާ އަދި ޙަރަކާތްތެރިވަމުންގެންދާ ކުޅުންތެރިންނަށް، ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާތަކަށް އޭނާ ފަރުވާކޮށްދެއްވާފައިވަނީ، ހިލޭ ސާބަހަށް ކަމަށްވާކަމެވެ. މިއީ އޭނާގެ ޚިދުމަތުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަންތަކެވެ. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އިތުރުން، ފުޓްބޯޅައިގައި ނަން ހިނގާ ރާއްޖޭގެ ބޮޑެތި ހުރިހާ ކްލަބްތަކަށާއި، ރާއްޖޭގެ އެހެނިހެން ކުޅިވަރު އެސޯސިއޭޝަންތަކަށްވެސް ޝަކީބު ޚިދުމަތް ދެއްވަމުން ގެންދަވަނީ، އެއްވެސް އަގަކާނުލައެވެ. ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކުގެ މެޑިކަލް އޮފިސަރުން ތަމްރީނު ކުރެއްވުމުގައި، ފާއިތުވި ދިގު މުއްދަތުގައި ނުހަނު ގިނަގުނަ މަސައްކަތްތަކެއް އޭނާވަނީ ކުރައްވާފައެވެ.
އޭ.އެފް.ސީ އާއި ފީފާގެ އެކްރެޑިޓެޑް ސްޕޯޓްސް ފިޒިޝަނަކަށް ވެވަޑައިގަތުމުގެ ކުރިން، އަޙްމަދު ޝަކީބުވަނީ އޭ.އެފް.ސީ.ގެ 3 އަހަރު ދުވަހުގެ ޓީމް ފިޒިޝަން ކޯސް އަދި ޓީމް ފިޒިޝަން އެޑްވާންސް ކޯސް ފުރިހަމަކުރައްވާފައެވެ. އަދި އޮތޯޕެޑިކް މެޑިސިންގެ ޕޯސްޓްގްރެޖްއޭޖް ކޯހެއް ފުރިހަމަކުރެއްވުމުގެ އިތުރުން، އޭނާވަނީ ފީފާއާއި އޭ.އެފް.ސީ. ގެ ތަފާތު 22 ތަމްރީނު ޕްރޮގްރާމް، ރާއްޖެއިން ބޭރުގައި ފުރިހަމަކުރައްވާފައެވެ.
1996 ން ފެށިގެން މިހާތަނަށް ރާއްޖޭގެ ސީނިއަރ އަދި ޖޫނިއަރ ނޭޝަނަލް ޓީމުތައް ކުޅުނު 150 އަށްވުރެ ގިނަ މެޗުގައި ޓީމުގެ ފިޒިޝަނަކަށް މަސައްކަތް ކުރައްވާފައިވާއިރު، މި މުއްދަތުގައި ރާއްޖެއިން ފުޓްބޯޅައިގައި ހޯދި ހުރިހާ ކާމިޔާބީއެއްގައި، އަޙްމަދު ޝަކީބުގެ ޙިއްޞާ ވަރަށްވެސްބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.
މިހާރު އަޙްމަދު ޝަކީބަކީ ފީފާގެ އެފް.މާކް ސްޓަޑީ ގްރޫޕްގެ ސަޑްން ކާޑިއެކް ޑެތް އިން ސްޕޯޓްސް ޕްރިވެންޝަން ރިސަރޗް ގްރޫޕްގެ ކޯ އޯތަރއެއްގެ އިތުރުން، ފީފާގެ މެޑިކަލް ނެޓްވާރކްގެ ސްޕޯޓްސް މެޑިސިން އެޑްވައިޒަރީ ޕެނަލްގެ 9 މެންބަރުންގެ ތެރެއިން މެންބަރެއްވެސް މެއެވެ.
އެފް.އޭ.އެމް.ގެ ރަސްމީ ހިސާބުތައް ދައްކާގޮތުގައި، އަޙްމަދު ޝަކީބު ވަނީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް މިހާތަނަށް އެއްލައްކަ ފަސްދޮޅަސް ދެހާސް މެޑިކަލް ކޮންސަލްޓަންސީ ދެއްވާފައެވެ. މީގެއިތުރުން، އެފް.އޭ.އެމް ކްލިނިކުން ބޭރުގައިވެސް އަޙްމަދު ޝަކީބު ވަނީ އެއްވެސް އަގެއް ނެންގެވުމެއްނެތި ޢާންމުންގެ އެތައް ބަޔަކަށް ފަރުވާދެއްވާފައެވެ.
އަޙްމަދު ޝަކީބުގެ ޚިދުމަތް ލިބިފައިވަނީ ހަމައެކަނި ރާއްޖޭގެ ކުޅުންތެރިންނަށް އެކަންޏެއް ނޫނެވެ. 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗްގައި، ކާޑިއަކް އެރެސްޓަކަށް ދިޔަ އިންޑިއާ ކުޅުންތެރިއަކަށް ދަނޑުމަތީގައި ފަރުވާދީ، އެ ކުޅުންތެރިޔާގެ ފުރާނަ ސަލާމަތްކުރުމުގައި ޝަކީބު އަދާކުރެއްވި ދައުރު، އިންޑިއާގެ ނޫސްތަކުންނާއި، ފީފާ އަދި އޭ.އެފް.ސީ. އިން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.
އަޙްމަދު ޝަކީބު އިސްވެ ހުންނަވައިގެން، [ސްޕޯޓްސް މެޑިސިން އެސޯސިއޭޝަން] ގެ ނަމުގައި އެސޯސިއޭޝަނެއް އުފައްދަވައި، ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ އެސޯސިއޭޝަނަކަށް، އެ އެސޯސިއޭޝަން މިއަދު ވަނީ ހައްދަވާފައެވެ. އޭނާއަކީ މިހާރު އެ އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓްވެސް މެއެވެ.
އަޙްމަދު ޝަކީބު ފާހަގަކުރެވިފައިވަނީ، ޚިދުމަތް ހޯދަން އަންނަ ކުޅުންތެރިންނަށް ހިނިތުންވުމާއެކު ފަރުވާކުރެއްވުމުގައި ދެމިހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. މިއަދުވެސް މި ޚިދުމަތުގައި އޭނާ ދެމިހުންނެވުމުގެ އެންމެބޮޑު ސިއްރަކީ، މިކަމަށް އޭނާގެ ހިތްޕުޅުގައި އޮތް ލޯތްބާއި، ދިވެހި ކުޅިވަރަށް އޭނާގެ ހިތްޕުޅުގައި އޮތް ލޯތްބެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ ހިންގުން ހަރުދަނާކުރުމަށް ފީފާއިން އެންމެފަހުން އެކުލަވައިލި ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއަރމަނަކަށް ޝަކީބު ޢައްޔަނު ކޮށްފައިވާކަމީ، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އަޙްމަދު ޝަކީބް ކުޅިވަރަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރާކަމުގެ އަލިގަދަ ހެތްކެކެވެ.