އަލްފާޟިލް ޢާމިރު މަންޞޫރު
މއ. މަނަސް

      ޢާމިރު މަންޞޫރު އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވަނީ، ރާއްޖޭގެ ޤައުމީ ޓެނިސް މުބާރާތްތަކުގައާއި، ޓެނިސް އެސޯސިއޭޝަނުން ބޭއްވެވި ޓެނިސް ޗެމްޕިއަންޝިޕް މުބާރާތްތަކުގައި ވަރަށްގިނަ އަހަރުތަކެއްގައި އެއްވަނަ ހޯއްދަވާފައިވާ މަޝްހޫރު ކުޅުންތެރިއެއްގެ ގޮތުގައެވެ. މިގޮތުން، ޤައުމީ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން 8 ފަހަރު އަދި ޓެނިސް ޗެމްޕިއަންޝިޕް މުބާރާތުގެ ޗެމްޕިއަންކަން 7 ފަހަރު  ހޯއްދަވާފައިވެއެވެ. މިގޮތުން، ސިންގަލްސް ޗެމްޕިއަންކަމާއި ޑަބަލްސް ޗެމްޕިއަންކަން، އެކި އަހަރު އޭނާވަނީ ހޯއްދަވާފައެވެ.

      ޢާމިރު މަންޞޫރު ޓެނިސް ކުޅުއްވަން ފެށްޓެވީ، މަދްރަސީ ދައުރުގައި 1982 ވަނަ އަހަރުއެވެ. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ޓެނިސް  ކުޅުއްވުމުގެ އިތުރުން، އެރޮނގުން ތަފާތު އެތައް ޚިދުމަތްތަކެއް އޭނާވަނީ ކޮށްދެއްވާފައެވެ. އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ ފަރާތުން ހިންގި އެކިއެކި ތަމްރީނު ޕްރޮގްރާމްތަކުގައި އޭނާވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ބައިނަލްއަޤްވާމީ ޓެނިސް މުބާރާތްތަކުގައި އޭނާވަނީ ރާއްޖެ ތަމްސީލު ކުރައްވާފައެވެ. ޢާމިރު މަންޞޫރު ފާހަގަކުރެވިފައިވަނީ ނަމޫނާ ޓެނިސް ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ. 

      ޢާމިރު މަންޞޫރު މިއަދު އެންމެބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ، ރާއްޖޭގައި ޓެނިސް ތަރައްޤީ ކުރެއްވުމަށް ކުރެވެންހުރި މަސައްކަތްތައް ކުރެއްވުމުގެ މައްޗަށެވެ. އަދި ރާއްޖޭގައި ބޭއްވޭ އެކިއެކި ޓެނިސް މުބާރާތްތައް އިންތިޒާމު ކުރެއްވުމުގަޔާއި، އެ މުބާރާތްތަކަށް ސްޕޮންސަރ ހޯއްދަވައިދެއްވުމަށްޓަކައި އޭނާ ކުރައްވާ މަސައްކަތްތައް، ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން، މުބާރާތްތަކުގައި ކުޅޭ ކުދިން، އޭނާ އަމިއްލައަށް ސްޕޮންސަރ ކުރެއްވުމާއި، މުބާރާތްތައް ހިނގަމުންދާއިރު، މުބާރާތްތަކުގައި ބައިވެރިވާ ކުދިންގެ ކެއުމާއި ސައިގެ ކަންތައްތައް ހަމަޖައްސަވައިދެއްވުމާއި އަދި ރާއްޖެއިން ބޭރަށް ޓެނިސް ޓީމުތައް ދާއިރު، ތަކެތީގެ ގޮތުންނާއި ފައިސާގެ ގޮތުން އެހީތެރިކަން ދެއްވަމުން ގެންދަވައެވެ. މިހާރު މާލޭގައި އަޅާފައިވާ ޓެނިސް ކޯޓުތައް އެޅުމުގައިވެސް ޢާމިރުގެ ޙިއްޞާ ވަރަށް ބޮޑެވެ. 

      ޓެނިހަށް ޝައުޤުވެރިވާ ކުދިންގެ ޢަދަދު މިއަދު މަދެއް ނޫނެވެ. އެހެން ނަމަވެސް، ޕްރޮފެޝަނަލް ކުޅުންތެރިންނާ ހަމަޔަށް އެކުދިން ގެންދިޔުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު، އެކަންކަމަށް ގޮންޖެހުންތަކެއް ހުރިކަމަށް ޢާމިރު ގަބޫލުކުރައްވައެވެ. އަދި ޕްރޮފެޝަނަލް ކުޅުންތެރިން އުފެއްދުމަށްޓަކައި ހުރި ހުރަސްތަކަކީ ކޮބައިތޯ ބަލައި، އެކަންކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. 

      ޢާމިރު މަންޞޫރު ހިލޭސާބަހަށް ކޮށްދެއްވާ މަސައްކަތްތަކުގެ ތެރެއިން އޭނާގެ ޙިއްޞާ އޮންނަ ލިލީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ހެޔޮއެދުންތަކާއެކު، [މެރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕް]ގެ ނަމުގައި 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެނިސް މުބާރާތެއް ގެންދަވަނީ ބާއްވަވަމުންނެވެ. މިއީ ރާއްޖޭގައި ޓެނިހުގެ ކުޅިވަރު ތަރައްޤީ ކުރުމަށް އެހީތެރިވެދެއްވުމުގެ ގޮތުން، ވާދަވެރި މެޗްތަކެއް ކުޅުމުގެ ފުރްޞަތު، ކުޅުންތެރިންނަށް ހޯއްދަވައިދެއްވައި، ކުޅުމުގެ ފެންވަރު މަތިކުރެއްވުމުގެ މަޤްޞަދުގައި ހިންގަވާ މުބާރާތެކެވެ. މުބާރާތުގެ އޮފިޝަލުންގެ ގޮތުގައި ކުދިންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު ހުޅުވިފައި އޮތުމުން، ޓެނިސް އަމްޕަޔަރުންގެ ގޮތުގައި ކުރިއަށް ދިޔުމުގެ މަގު، އެކުދިންނަށް ފަހިވެގެންދެއެވެ.

       ޢާމިރު މަންޞޫރުގެ އުންމީދަކީ، ޓެނިހުގެ ރޮނގުން ރާއްޖޭގައި ފާހަގަކުރެވޭ ކުޅުންތެރިންތަކެއް މުސްތަޤްބަލުގައި އުފެދިގެންދިޔުމެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތު، އެކުދިންނަށް ލިބެމުންދިޔުމެވެ.