އަލްފާޟިލް ފަރްޙަތު ޖަލީލު
މއ. މިލާން

      ފަރުޙަތު ޖަލީލަކީ، މަދްރަސީ ދައުރުން ފެށިގެން މިއަދާ ހަމައަށްވެސް ކުޅިވަރު ކުޅުމާއި ތަރައްޤީކޮށް އަދި ކުޅިވަރުގެ ރޮނގުން ތަފާތު ޚިދުމަތްތައް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މަދްރަސީ ދައުރު 1986 ވަނަ އަހަރު ނިންމެވުމަށްފަހު، ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގެން، ވަޒީފާގައި އުޅުއްވަމުންވެސް ކްރިކެޓަށް ވަރަށް އިސްކަމެއް ދެއްވަމުން ގެންދެވިއެވެ. މިގޮތުން، ޤައުމީ ކްރިކެޓް ޓީމަށް ކުޅުއްވައި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކްރިކެޓް ކުޅުއްވައި ރާއްޖެ ތަމްސީލު ކޮށްދެއްވާފައިވާ ކަން ފާހަގަކުރަމެވެ. 

    1992 ވަނަ އަހަރު އަމިއްލަ ވިޔަފާރިއެއް ފެށްޓެވުމަށްފަހުވެސް ޙަޔާތުގެ އެންމެ މުހިންމު އެއް ކަމެއް ކަމަށް ދެކެވަޑައިގެން، ކްރިކެޓް ކުޅުއްވުން ކުރިއަށް ގެންދަވައި، އެ ރޮނގުން ތަފާތު ކާމިޔާބީތައް ފަރްޙަތުވަނީ ޙާޞިލު ކުރައްވާފައިވެއެވެ. 

     1996 ވަނަ އަހަރު ރަސްމީކޮށް ކްރިކެޓް ކުޅުއްވުން ހުއްޓަވާލެއްވުމަށްފަހު، ކްރިކެޓް އަމްޕަޔަރިންގއާއި، ކްރިކެޓް ކޯޗިންގގެ ރޮނގުން ކުރިއަށް ވަޑައިގެންނެވިއެވެ. އަދި ޕާޓްޓައިމްކޮށް ކްރިކެޓް ކޮންޓްރޯލް ބޯޑުގައި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އެގޮތުން ކްރިކެޓް ކޮންޓްރޯލް ބޯޑުގެ ޖެނެރަލް ސެކްރެޓަރީ ކަމާއި، އަމްޕަޔަރުންގެ ކޮމިޓީގެ ޗެއަރމަން ކަމާއި، ބޯޑުގެ އެކްޓިންގ ވައިސް ޕްރެޒިޑެންޓް ކަމާއި އަދި ކްރިކެޓް ކޮންޓްރޯލް ބޯޑުގެ ވައިސް ޕްރެޒިޑެންޓްކަންވެސް ކުރައްވާފައިވެއެވެ. 

     ކުދިންނަށް ކޯޗް ކޮށްދެއްވުމުގެ މަސައްކަތް ފެށްޓެވީ 2000 ވަނަ އަހަރުއެވެ. މި މަސައްކަތުގެ ތެރެއިން ކްރިކެޓް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި 2009 ވަނަ އަހަރު އަމިއްލަ ކްރިކެޓް އެކަޑަމީއެއް [މިލާން ކްރިކެޓް އެކަޑަމީ]ގެ ނަމުގައި އުފައްދަވައި، ކްރިކެޓް ކުރިއެރުވުމަށްޓަކައި ހިލޭސާބަހަށް ކުދިން ތަމްރީނު ކުރައްވަން ފެށްޓެވިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، މިއަދު އޭނާވަނީ ޤައުމަށްޓަކައި މޮޅު ކްރިކެޓް ކުޅުންތެރިންތަކެއް އުފައްދަވައިދެއްވައި، މި މައިދާނަށް ނެރެދެއްވާފައެވެ. މީގެތެރެއިން ބައެއް ކުދިން މިހާރު ރާއްޖޭގެ ޤައުމީ ޓީމު ތަމްސީލު ކުރަމުންދާކަން ފާހަގަކުރަމެވެ. އަދި މިލާން ކްރިކެޓް އެކަޑަމީ އިން އުފެއްދި ގިނަ ކުދިން، 17 އަހަރުން ދަށުގެ ޤައުމީ ކްރިކެޓް ޓީމަށް ކުޅެމުންދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. 

      ކްރިކެޓްގެ ރޮނގުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަފާތު ތަމްރީނު ކޯސްތައް ފަރުޙަތު ޖަލީލު ވަނީ ފުރިހަމަކުރައްވާފައެވެ. އެގޮތުން، އޭ.ސީ.ސީ ލެވެލް 2 އަމްޕަޔަރ ކޯސް ފުރިހަމަކުރައްވާފައިވެއެވެ. މީގެއިތުރުން، އޮސްޓްރޭލިއާގެ ބްރިސްބަންގައި އޮސްޓްރޭލިއަން ލެވެލް 2 ކޯޗިންގވެސް ފުރިހަމަކުރައްވާފައިވެއެވެ. އަދި ފަރުޙަތު ޖަލީލަކީ، ނިއުޒީލަންޑް ޓަރފް އިންސްޓިޓިއުޓްގެ ލެވެލް 1، 2، 3 ކޯސް ފުރިހަމަކުރައްވާފައިވާ ކޮލިފައިޑް ކިއުރޭޓަރއެކެވެ. 

      ފަރުޙަތު ޖަލީލްވަނީ ކްރިކެޓްގެ ރޮނގުން ގިނަގުނަ ކާމިޔާބީތައް ޙާޞިލު ކުރައްވާފައެވެ. އެކަމުގެ އަގު ވަޒަންކުރައްވައި، ދިވެހި ސަރުކާރުން ވަނީ 2003 ވަނަ އަހަރު ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން ޒުވާނުންގެ ޤައުމީ އިނާމު އޭނާއަށް ދެއްވާފައެވެ. މީގެއިތުރުން، ފަރުޙަތު ޖަލީލަކީ މުޖުތަމަޢަށް ހިލޭސާބަހަށްވެސް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، ކްރިކެޓް ކުޅޭ ކުދިންނަށް ބޭނުންވާ ކުޅިވަރު ސާމާނާއި ފައިސާގެ އެހީ ވެދެއްވުމާއި، ކްރިކެޓު ނޫން އެހެން ކުޅިވަރުތައް ސްޕޮންސަރ ކުރެއްވުމާއި، ސްޕޮންސަރ ހޯއްދަވައި ދެއްވަމުން ގެންދަވާކަން މި ފުރްޞަތުގައި ފާހަގަކުރަމެވެ. 

ފަރުޙަތު ޖަލީލަކީ ބައިނަލްއަޤްވާމީ ކްރިކެޓް މެޗްތަކުގައިވެސް އަމްޕަޔަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރުވެސް ކްރިކެޓަށް ޚިދުމަތް ކުރެއްވުމުގައި އަވަދިނެތި އުޅުއްވަމުންވެސް، ކުޅިވަރަށް ޚިދުމަތް ކުރެއްވުމަށް ހުންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުން ކުޅިވަރުގެ ޤައުމީ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާކަން ފާހަގަކުރަމެވެ. ފަރުޙަތު ޖަލީލު މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 30 އަހަރަށްވުރެ ދިގު މުއްދަތެއް ވަނީ ވެފައެވެ. އޭނާގެ އުންމީދަކީ، ޒުވާން ކުޅުންތެރިން މިކުޅިވަރުގެ ތެރެއިން އުފަންކުރައްވައި، ޤައުމީ ފެންވަރުގެ ކާމިޔާބީތައް ހޯދައިދެވޭނެ ކުދިން ކަމުގައި އެކުދިން ހެއްދެވުމެވެ.