އަލްފާޟިލާ މަރްޔަމް ވަޙީދާ
ގ. ހިލްމަން

      މަރްޔަމް ވަޙީދާ އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފްވެގެންދިޔައީ، މީގެ 18 އަހަރު ކުރިން ޓެލެވިޜަން މޯލްޑިވްސްގެ އިނގިރޭސި ޚަބަރުކިޔާ [ނިވްސް ކާސްޓަރ]އެއްގެ ގޮތުގައެވެ. މަޤްބޫލު ކޮންމެ ނިއުސް ކާސްޓަރެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު އެއް ސިފައަކީ، ޚަބަރު ކިޔުމުގެ ޚާއްޞަ ވައްޓަފާޅިއެއް ހުރުމެވެ. ހަމައެއާއެކު، އެ ކިޔާ ޚަބަރެއް، އެމީހަކަށް ރަނގަޅަށް އެނގިހުރެ، އަމިއްލަ ނަފްސަށް އިތުބާރާއި ޔަޤީންކަން އޮވެގެން ކިޔުމާއި، ޚާއްޞަކޮށް، ބަސްތަކާއި ލަފްޒުތަކާއި، މީސްމީހުންނާއި ތަންތަނުގެ ނަންތައް، ބެލުންތެރިންނަށް ރަނގަޅަށް އޮޅުންފިލާނޭހެން ކިޔައިދިނުމެވެ. މި ރޮނގުން މަރްޔަމް ވަޙީދާއަކީ، ނަމޫނާ ބޭފުޅެކެވެ. ޑިވެލޮޕްމަންޓް ސްޓަޑީޒުން އިނގިރޭސިވިލާތުގެ ނޮރިޗްގެ ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ ގައި މާސްޓަރޒްއަށް ކިޔަވައި ވިދާޅުވަމުން ގެންދެވިއިރު، ބީ.ބީ.ސީ. ގައި ޕްރެޒެންޓަރ ޓްރޭނީ ކޯހެއް އޭނާވަނީ ފުރިހަމަކުރައްވާފައެވެ. 

      މަރްޔަމް ވަޙީދާގެ ހިތްގައިމު އަޑުން، ކޮންމެ ޕްރޮގްރާމެއްވެސް ހުށަހަޅުއްވައި ދެއްވަމުން ގެންދެވީ ހިތްހެޔޮކަމާއި، ބެލުންތެރިން ޝައުޤުވެރިކުރުވާފަދަ ގޮތަކަށެވެ. އެއީ އޭނާގެ ޚާއްޞަ ސިފައެކެވެ. މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި 800 އަށްވުރެ ގިނަ ރިޕޯޓަށް ދިވެހިބަހުންނާއި އިނގިރޭސިބަހުން ވަނީ އަޑު އަޅުއްވައިދެއްވާފައިވެއެވެ. މަރްޔަމް ވަޙީދާއަކީ، އެކިއެކި ޤައުމީ ޖަލްސާތަކުގެ މާސްޓަރ އޮފް ސެރެމަނީކަން ކުރައްވަމުން ގެންދަވާ ކުޅަދާނަ ހުނަރުވެރި ބޭފުޅެކެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވުނު ޖަލްސާތައްވެސް އޭނާވަނީ ހުށަހަޅުއްވައިދެއްވާފައެވެ.  

      މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ބޯޑު މެންބަރެއްގެ ޙައިޘިއްޔަތުންވެސް 2008 ން 2012 އަށް އޭނާވަނީ ޚިދުމަތް ކުރައްވާފައެވެ. އޭރު އެމް.އެން.ބީ.ސީ.ގެ ދަށުން ހިންގަމުން ގެންދިޔަ ޤައުމީ ޓީ.ވީ އާއި، ޤައުމީ ރޭޑިއޯގެ ނޫސްވެރިން ތަމްރީނު ކުރަން އެކުލަވައިލެވުނު [މޮޑިއުލް] ފަރުމާކޮށްދެއްވީވެސް އޭނާއެވެ. މީގެއިތުރުން، ޓީ.ވީ.ގެ ޖާނަލިސްޓުން ތަމްރީނު ކުރުމަށް ހިންގަވާ ކޯސްތަކުގައިވެސް އޭނާވަނީ ކިޔަވައިދެއްވާފައެވެ. މިއަދުވެސް އެ މޮޑިއުލްގެ އެހީގައި ނޫސްވެރިން ބިނާކުރެވެމުން އަންނައިރު، މީހުން ބިނާކުރުމުގެ ދާއިރާއިންނާއި، ލީޑަރޝިޕްގެ ދާއިރާގައިވެސް މަރްޔަމް ވަޙީދާ ގެންދަވަނީ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވަމުންނެވެ. މީގެއިތުރުން، މީޑިއާގެ ދާއިރާއިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މުވައްޒަފުންނާއި، އެމް.އެން.ޑީ.އެފް.ގެ [އައްޑަނަ ޓީ.ވީ]ގެ މުވައްޒަފުންވެސް އޭނާ ތަމްރީނު ކޮށްދެއްވާފައިވެއެވެ. އަދި  މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއިން 2013 ވަނަ އަހަރު ފުރަތަމަ ފަހަރަށް ތަޢާރުފް ކޮށްފައިވާ  [އެޑްވާންސް އެންކަރިން އެންޑް ޕްރެޒެންޓިންގ] ކޯހުގެ ސިލަބަހަކީވެސް މަރްޔަމް ވަޙީދާ އެކުލަވައިލެއްވި ސިލަބަހެކެވެ. 

     ސުނާމީ ކާރިސާއާ ގުޅިގެން ޓީ.ވީ.އެމް. އިން ގެނެސްދިން ޚާއްޞަ ލައިވް ކަވަރޭޖްގައި ވޮލަންޓިއަރ ޖާނަލިސްޓެއްގެ ގޮތުގައި، ރާއްޖޭގެ އެތައް ރަށަކުންނާއި، ސްރީލަންކާގެ ގާލީންވެސް މަރްޔަމް ވަޙީދާ ވަނީ ރިޕޯޓްކޮށްދެއްވާފައެވެ. އެ މުހިއްމު ދަނޑިވަޅުގައި ސީ.އެން.އެން.އިން ފޮނުވި ރާއްޖޭގެ ޙާލަތު ކިޔައިދެމުން ގެންދިޔަ ރިޕޯޓަރަކީވެސް މަރްޔަމް ވަޙީދާއެވެ. 

     ރާއްޖޭގެ ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި 2000 ވަނަ އަހަރު ބޭއްވުނު [މިސް ވާރލްޑް] އިވެންޓާއި، ކޮކޯ ޕާމް ބޮޑުހިތި ރިޒޯޓް ގައި ބޭއްވުނު [މިސް ފްރާންސް 2010]ގެ ބީޗްވެއަރ އިވެންޓް ގެނެސްދެއްވާފައި ވަނީވެސް މަރްޔަމް ވަޙީދާއެވެ. ގިނަ އަހަރުތަކެއް ވަންދެން ހުށަހަޅުއްވައިދެއްވި ޓީ.ވީ.އެމް.ގެ [ހޭޔަންބޯ] ޕްރޮގްރާމާއި، ޓީ.ވީ.އެމް.އިން ގެނެސްދިން ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ހަފްތާގެ ޚާއްޞަ ކަވަރޭޖާއި، ޔުނިސެފާއި ޓީ.ވީ.އެމް ގުޅިގެން ގެނެސްދިން [ޗައިލްޑް ޑިވެލޮޕްމަންޓް]އާ ބެހޭ ޕްރޮގްރާމާއި، އަންހެނުންނަށް ޚާއްޞަ ޕްރޮގްރާމް ފަދަ މުހިންމު އެތައް ޕްރޮގްރާމްތަކެއް، ޓީ.ވީ.އެމް.ގެ ސީނިއަރ ޕްރެޒެންޓަރގެ މަޤާމުވެސް ފުރުއްވާފައިވާ މަރްޔަމް ވަޙީދާ ވަނީ ހުށަހަޅުއްވައިދެއްވާފައެވެ. މީގެއިތުރުން، މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައްވެސް ފާހަގަކުރެވެއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ލައިވް ކަވަރޭޖާއި  2013  ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި، އެން.ޑީ.ޓީ.ވީ.ގެ ރިޕޯޓަރެއްގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދެއްވާފައިވެއެވެ.   

     މަރްޔަމް ވަޙީދާއަށްވަނީ ބައިނަލްއަޤްވާމީ ޖޭ.ސީ.އައި. އެވޯޑްގެ [ޕާރސަނަލް އިމްޕްރޫވްމަންޓް އެންޑް އެކޮމްޕްލިޝްމަންޓް]ގެ ދާއިރާއިން އެވޯޑް ލިބިވަޑައިގެންފައެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ، ޓީ.ވީ.އެމް. ގެ މެނޭޖްމަންޓް ސްޓާފުންނާއި، ކުންފުނިންތަކުން ދީފައިވާ ފުރުޞަތުތަކާއި، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ޓި.ވީ. ބެލުންތެރިންނާއި، މަންމައާއި ބައްޕައާއި، ޢާއިލާގެ ފަރާތުން ދެއްވާފައިވާ ލޯތްބާއި ހިތްވަރެވެ. މަރްޔަމް ވަޙީދާއަކީ، ރާއްޖޭގެ އެންމެ މަޤްބޫލު އެއް ޓީ.ވީ. ޕްރެޒެންޓަރެވެ.