އަލްފާޟިލް މުޙައްމަދު އިބްރާހީމް
ގ. މުށިވެލި

       ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކުން ނަގަން ބޭނުންވާ ފިލްމާއި އިޝްތިހާރުފަދަ އެހެނިހެން މަސައްކަތްތަކުގައި ނުވަތަ ޕްރޮޑަކްޝަން ކޯޑިނޭޝަން މަސައްކަތުގައި މުޙައްމަދު އިބްރާހީމްގެ އެހީތެރިކަން ފޯރުކޮށްދެއްވަން ފަށްޓަވާފައިވަނީ، 2006 ވަނަ އަހަރުއެވެ. ރާއްޖެއިން ބޭރުގެ ރަޙްމަތްތެރިއެއްގެ އެދުމުގެ މަތިން މި ފެށްޓެވި މަސައްކަތް ކުރުމަށް އެފަހަރު ރާއްޖެ އައީ ދެމީހުންގެ ޓީމެކެވެ.

       މުޙައްމަދު އިބްރާހީމް، އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވަނީ [ބްލޫ އެންޑް ވައިޓް]ގެ ނަމުންނެވެ. އެ ނަމުގައި އޭނާ އުފައްދަވައިގެން ކުރިއަށް ގެންދަވާ ކުންފުންޏަކީ، ރާއްޖޭގައި ޕްރޮޑަކްޝަން ކޯޑިނޭޝަންގެ ރޮނގުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުން ގެންދާ ކުންފުންޏެކެވެ.

     ރާއްޖޭގައި ޕްރޮޑަކްޝަން ކޯޑިނޭޝަންގެ މަސައްކަތް ކުރިން ކުރަމުންދާ ކަމަށް އިޝްތިހާރު ކުރެވިފައި ހުންނަނީ، އަވަށްޓެރި ބައެއް ޤައުމުތަކުގެ ކުންފުނިންނާއި އަދި ޔޫރަޕްގެ ބައެއް ކުންފުނިތަކުންނެވެ. ރާއްޖޭގެ އެއްވެސް ކުންފުންޏަކުން އެ މަސައްކަތް ކުރަމުންދާކަން އޭރު ފާހަގަކުރެވިފައެއް ނުވެއެވެ. އެހެންކަމުން، މި ޚިދުމަތް ރާއްޖޭގައި ދެއްވަން ފަށްޓަވައި، މިކަން ބޭރު ދުނިޔޭގައި އިޝްތިހާރު ކުރެއްވުމަށް މުޙައްމަދު އިބްރާހީމް އަދާކުރައްވާފައިވާ ދައުރު ފާހަގަކޮށްލަންޖެހެއެވެ.

     އެންމެ ދެމީހުންގެ ޓީމަކަށް ދެވުނު ޚިދްމަތެއް، މިއަދާ ހަމައަށް އައިއިރު މިވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. މި ޚިދުމަތް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރާއްޖެއަށް އަންނަ އެތައް ފަރާތަކަށް، އެ ފަރާތްތަކުން ހިތްހަމަޖެހޭފަދަ މިންވަރަކަށް މި މަސައްކަތް މުޙައްމަދު އިބްރާހީމް ވަނީ ތަރައްޤީ ކުރައްވައި ކުރިއަށް ގެންދަވާފައެވެ. 

      މުޙައްމަދު އިބްރާހީމް ކުރައްވަމުން މި ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް، ފިލްމު އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ރާއްޖެއިން ބޭރުގެ ވަރަށްގިނަ ކުންފުނިތަކުން މުޙައްމަދު އިބްރާހީމްގެ މަސައްކަތަށް ވަނީ ތަޢުރީފް ކޮށްފައެވެ. އަދި އޭނާ އެ ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު، އެ ކުންފުނިތަކުން ވަޒަންކުރަމުން ގެންދެއެވެ. ރާއްޖޭގައި ފިލްމެއް ނުވަތަ އިޝްތިހާރެއް ނެގުމުގެ މަސައްކަތް ކުރާކަމަށްވާނަމަ، އެކަން އެންމެ ރަނގަޅަށް، އެންމެ ފުރިހަމަގޮތުގައި ކުރައްވަނީ، މުޙައްމަދު އިބްރާހީމްކަން މިދެންނެވި ކުންފުނިތަކުން ފާހަގަކޮށްފައިވެއެވެ.

      މިކަމުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ދިވެހި ޒުވާނުންނަށް މުޙައްމަދު އިބްރާހީމް ދެއްވާ އިސްކަމެވެ. ޒުވާނުން މި ދާއިރާއަށް ނެރުއްވައި، އެމީހުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދެއްވާކަން އެއީ މިއަދު ވަރަށް ބޮޑަށް ބަލައިގަންނަންޖެހޭ ކަމެކެވެ. އަދި ވަޒީފާގައި މުޅިން ދިވެހިން ގެންގުޅުއްވަމުން، މިއަދާ ހަމަޔަށްވެސް އެ މަސައްކަތް ކުރިއަށް ގެންދަވާފައިވަނީ، ބޭރުގެ ފަރާތްތަކަށްވެސް އިތުބާރު ހިފޭ ފެންވަރެއްގައެވެ. 

      ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކާއި، މަސައްކަތަށް ބޭނުންވާ ތަކެއްޗާއި، ފަންނީ މީހުން ހޯދުންފަދަ ދިމާވާ ހުރިހާ ހުރަސްތަކެއް ގިރާކުރައްވަމުން ގެންދަވައި، ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ކުރަމުންދިޔަ މި މަސައްކަތް މިއަދު މިވަނީ ރާއްޖޭގެ ފަރާތްތަކާ ޙަވާލުކުރެވޭވަރަށް ކުރިއެރުވިފައެވެ. މިކަމުގައި މުޙައްމަދު އިބްރާހީމްގެ ޙިއްޞާ ވަރަށް ބޮޑެވެ.