އަލްފާޟިލް ޢައްބާސް މުޙައްމަދު
ހ. މެރީރޯޒް

          ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން، ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު އެރުވޭ ޢައްބާސް މުޙައްމަދަކީ، 1986 ވަނަ އަހަރު މިދާއިރާއަށް ވެދެވަޑައިގެންނެވި ބޭފުޅެކެވެ. [ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް]ގެ ނަމުގައި އެއަހަރު އުފެއްދެވި ކުންފުންޏާ އެކީގައި މި ދާއިރާއަށް ވެދެވަޑައިގެން، ވިޔަފާރިއާއި އިޤްތިޞާދުގެ ތަފާތު ދާއިރާތަކުން މަސައްކަތް ކުރެއްވުމަށްޓަކައި އިތުރު ކުންފުނިތައް އުފައްދަވައި، އޭނާ މިއަދު ވަނީ މި ދާއިރާއިން ފާހަގަކުރެވޭފަދަ ކުރިއެރުންތަކެއް ހޯއްދަވާފައެވެ. 

       ޢައްބާސް ފުރަތަމަ އުފެއްދެވި ކުންފުނި [ކޯލޯޑް މޯލްޑިވްސް] ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަށް ނުކުމެފައިވަނީ، ރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި އެކްސްޕޯޓް ކުރާ މުދާ ކުރެވޭ މުދާ ކްލިއަރ ކުރުމުގެ މަސައްކަތާ އެކުގައެވެ. މިއާއެކު އާސިއާން ޤައުމުތަކާއި، އެމެރިކާއާއި ޔޫރަޕްގެ ބައެއް ޤައުމުތަކުގެ ވިޔަފާރިތަކާއެކު ވެވުނު އެއްބަސްވުންތަކުގެ ދަށުން އެ ފަރާތްތަކުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ކާގޯ ހޭންޑްލިންގގެ ހުރިހާ މުޢާމަލާތްތަކެއްގެ ރާއްޖޭގެ އެޖެންޓްގެ ގޮތުގައި [ކޯލޯޑް މޯލްޑިވްސް] ހަމަޖެހުނެވެ. 

       އިޤްތިޞާދީ ދާއިރާގައި ޢައްބާސް އެންމެ ފުރަތަމަ ފެށްޓެވި ކާގޯ ހޭންޑްލިންގގެ މަސައްކަތް ފުޅާކުރެއްވުމަށްޓަކައި 1999 ވަނަ އަހަރު [އެއިރޯ އެކްސްޕްރެސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް]ގެ ނަމުގައި އާ ކުންފުންޏެއް އުފައްދަވައި، މެލޭޝިއަން އެއަރލައިންސްގެ މާސްކާގޯއާއެކު، ޖެނެރަލް ސޭލްސް އެޖެންޓް ކަމުގެ އެއްބަސްވުމެއްގައި ސޮއިކުރެވި، މި ޚިދުމަތް ފުޅާކުރެއްވުމުގެ ގޮތުން އެހެން ބައެއް އެއަރލައިންތަކަށް މި ޚިދުމަތް ދެއްވަން ފެށްޓެވިއެވެ. އަދި 2005 ވަނަ އަހަރު [ކޯލޯޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް] ގެ ނަމުގައި އިތުރު ކުންފުންޏެއް އުފައްދަވައި، ފްރައިޓް ފޯވަރޑިންގގެ މަސައްކަތް، މި ކުންފުންޏަށް ބަދަލުކުރެއްވިއެވެ. ޢައްބާސްގެ އިސްނެންގެވުމާއި އިންވެސްޓްމަންޓާއެކު، ވިޔަފާރިއާއި މަސައްކަތުގެ ދާއިރާ އިތުރަށް ފުޅާކުރެއްވުމަށްޓަކައި [ކޯލޯޑް ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑް]ގެ ނަމުގައި ޢިމާރާތް ކުރުމުގެ މަސައްކަތް ކުރެއްވުމަށް 2011 ވަނަ އަހަރު އާ ކުންފުންޏެއް އުފެއްދެވިއެވެ.

       ރީޓެއިލް ވިޔަފާރީގެ މަސައްކަތް، ޢައްބާސް ފަށްޓަވާފައިވަނީ، 1994 ވަނަ އަހަރު ހުޅުވުނު ކަލަރ ބޭންކް ފިހާރައާ އެކުގައެވެ. ހަމަ އެ އަހަރު އިނގިރޭސިވިލާތުގެ [ކްރައުން ޕެއިންޓްސް ލިމިޓެޑް] އާއި [ކޯލޯޑް މޯލްޑިވްސް] އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ޢިމާރާތުގައި ލާ ދުނިޔޭގެ ފެންވަރުގެ ކުލައިގެ ބްރޭންޑްތަކެއް ތަޢާރުފް ކުރެއްވިއެވެ. ހަމައެޔާއެކު، އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގައި ލާ ކުލައިގެ ޕްރީމިއަމް ބްރޭންޑެއް ކަމަށްވާ [ސިކަންސް] ކުލަ ރާއްޖޭގައި ވިއްކުމަށްޓަކައި ނެދަރލެންޑްސްގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ. މީގެއިތުރުން، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ލާ ބާވަތުގެ ކުލަ، ރާއްޖޭގައި ވިއްކުމަށްޓަކައި ނޯވޭގެ ކުންފުންޏަކާއެކު 2000 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ. މިދެންނެވި ކުލައާއި، ކުލަލުމަށް ބޭނުންވާ ތަފާތު ގިނަ ވައްތަރުތަކުގެ އާލާތްތައް ވިއްކުމަށާއި، ކަމާގުޅޭ އެހެނިހެން ޚިދުމަތް ދިނުމަށްޓަކައި [ކަލަރ ބޭންކް]ގެ ނަމުގައި މަޝްހޫރު ދެ ފިހާރައެއް މިހާރު މާލޭގައި ހިންގަވަމުން ގެންދަވާއިރު، މިއީ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ކާމިޔާބު ވިޔަފާރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ރީޓެއިލް ވިޔަފާރި، އާ ހަރުފަތަކަށް ގެންދިޔުމަށްޓަކައި 2010 ވަނަ އަހަރު އެމެރިކާގެ އޭސް އިންޓަރނޭޝަނަލާއެކު ފްރެންޗައިޒް އެއްބަސްވުމެއްގައި ކޯލޯޑް މޯލްޑިވްސް އިން ސޮއިކޮށް، ހޯމް އިމްޕްރޫވްމަންޓް ވިޔަފާރީގައި ދުނިޔޭގައި ކުރިއަރާފައިވާ [އޭސް ހާޑްވެއަރ]ގެ ޚިދުމަތް 2011 ވަނަ އަހަރު ރާއްޖޭގައި ފެށްޓެވިއެވެ. އަދި 2013 ވަނަ އަހަރު [އޭސް ހާޑްވެއަރ]ގެ ދެވަނަ ފިހާރައެއްވެސް ވަނީ ހުޅުވާފައެވެ.

       ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން މީހުން ބިނާކުރެއްވުމަށްވެސް މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޢައްބާސް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން، ފަންނީ ދިވެހި ފަރާތްތަކުގެ އެހީގަޔާއި، ރާއްޖެއިން ބޭރުން ގެނެވޭ ތަޖުރިބާކާރުންގެ އެހީގައި، މާލޭގައި ހިންގަވާ ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ހިންގަވާ ތަމްރީނުތަކުގައި ކުންފުނީގެ އިސް ފަރާތްތަކާއި މުވައްޒަފުން ބައިވެރިކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަންޖެހެއެވެ.

      ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާއިންވެސް ޢައްބާސް ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ. ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމު އުނގަންނައިދިނުމަށްޓަކައި 2009 ވަނަ އަހަރު އުފެއްދެވި ކުންފުނި [އެޑިޔުކޯޕް ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑް]ގެ ދަށުން 2010 ވަނަ އަހަރު [މާލޭ ބިޒްނަސް ސްކޫލް]ގެ ނަމުގައި އިންސްޓިޓިއުޓެއް އުފައްދަވައި، ތަޢުލީމުގެ ފުރުޞަތުތައް އެކި ފަރާތްތަކަށް ހުޅުއްވައިލެއްވިއެވެ. މި އިންސްޓިޓިއުޓްގެ ނަން، [މޯލްޑިވްސް ބިޒްނަސް ސްކޫލް]ގެ ނަމަށް މިހާރު ބަދަލުކުރައްވާފައިވާއިރު، މިތަނަށް ކޮލެޖެއްގެ ދަރަޖަ، 2013 ވަނަ އަހަރު ވަނީ ލިބިފައެވެ. 

      ޢައްބާސް ދެކެވަޑައިގަންނަވާ ގޮތުގައި، ކޮންމެ ކަމެއްގައިވެސް ކުރިއަށް ދެވޭނީ، އެކަމެއްގެ ހުނަރާއި ތަޢުލީމު ރަނގަޅަށް ލިބިގެންނެވެ. އެހެންކަމުން، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށާއި އަދި އެހެން ފަރާތްތަކަށް އޭނާ މި ހުޅުއްވައިލެއްވި ފުރުޞަތުގެ ނަތީޖާ މިއަދު ފެންނަމުންދާކަން އެއީ އޭނާއަށް ލިބިވަޑައިގަންނަވަމުންދާ އެންމެބޮޑު އެއް އުފާފުޅެވެ.