އަލްފާޟިލާ މަރްޔަމް ފަޒްނީ
ކ. މާފުށި/ ރަތްވިލާ

        ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށް، އަޑުއިވުމުން މަޙްރޫމްވެފައިވާ ކުދިންނަށާއި މީހުންނަށް ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަން މަރްޔަމް ފަޒްނީގެ ހިތްޕުޅުގައި އުފެދުނީ، ތަޢުލީމީ ދައުރު ނިންމަވައިލެއްވި ހިސާބުން ފެށިގެން ލިބިވަޑައިގެންނެވި ފުރުޞަތެއްގައި، ޖަމާލުއްދީން ސްކޫލްގެ ވަޒީފާއަކަށް އެދިވަޑައިގެން، މި ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވުމުންނެވެ. އޭނާ ކިޔަވައިދެއްވަނީ ޖަމާލުއްދީން ސްކޫލްގެ އަޑުއިވުމުން މަޙްރޫމްވެފައިވާ ދަރިވަރުންގެ ކްލާސް ކަމަށްވާ [ކްލާސް ފޮރ ހިޔަރިންގ އިމްޕަޔަރޑް ޗިލްޑްރަން (CHIC) ކްލާހުގެ ދަރިވަރުންނަށެވެ. ފުރަތަމަ ކްލާސްތަކަށް ވަޑައިގެން، ކްލާސްތައް ހިނގަމުންދާގޮތް ބެއްލެވުމަށްފަހު، އެކަމަށް ހިތްޕުޅުގައި ޝައުޤުވެރިކަން އުފެދި، ސައިން ލޭންގުއޭޖް ދަސްކުރައްވަން ފެށްޓެވިއެވެ. ފުރަތަމަކޮޅު އުނދަގޫވި ނަމަވެސް، ބައެއް ސައިންތައް ދަސްކުރެއްވުމަށްފަހު، ކުދިންނަށް މުޢާމަލާތު ކުރައްވަން ފެށްޓެވުމުން، ދަސްކުރުމަށް މާގިނަ ވަގުތުތަކެއް ހޭދަކުރައްވަން ޖެހިވަޑައެއްނުގެންނެވިއެވެ.

       އަޑުއިވުމުން މަޙްރޫމްވެފައިވާ ދަރިވަރުންނަށް ކިޔަވައިދިނުން ބައްޓަން ކުރުމުގަޔާއި، ދަރިވަރުންގެ ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލާއި، ބޭނުންވާ މެޓީރިއަލްތައް ތައްޔާރުކުރެއްވުމުގައި، މަރްޔަމް ފަޒްނީ ވަރަށްގިނަ ވަގުތުތަކެއް ހޭދަކުރައްވަމުން ގެންދަވައެވެ. ދަރިވަރުންގެ ވިސްނުމާއި ހުނަރު ބޭނުންކުރައްވައި، ދަރިވަރުންގެ އިޙްސާސްތަކާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނާވަޑައިގެން، އެކުދިންނަށް ޚިދުމަތް ދެއްވަމުން ގެންދަވަނީ ހީވާގިކަމާއި މުރާލިކަމާ އެކުގައެވެ. 

      މަރްޔަމް ފަޒްނީގެ ޚިދުމަތް ދެއްވަމުން ގެންދަވަނީކީ ޖަމާލުއްދީން ސްކޫލްގައި ތިބި އަޑުއިވުމުން މަޙްރޫމްވެފައިވާ ދަރިވަރުންނަށް އެކަންޏެއް ނޫނެވެ. މިއަދު އޭނާގެ ޚިދުމަތް، މުޅި ރާއްޖޭގެ އަތޮޅުތަކަށް ފުޅާވެފައިވާކަން، ޚާއްޞަ ގޮތެއްގައި ފާހަގަކުރަންޖެހެއެވެ. ރާއްޖޭގައި އުފެދިފައިވާ އަޑުއިވުމުން މަޙްރޫމްވެފައިވާ އަދި އެ ޖަމްޢިއްޔާއެއް އުފެއްދެވުމުގައި އިސް ދައުރެއް ފަޒްނީ އަދާކުރެއްވި ޖަމްޢިއްޔާ ކަމަށްވާ ޑެފް އެސޯސިއޭޝަނުން ހިންގަމުން ގެންދާ ޕްރޮގްރާމްތައް ހިންގެވުމުގައި ޢަމަލީގޮތުން އޭނާ ބައިވެރިވެވަޑައިގަންނަވައެވެ. ވަރަށްގިނަ ރަށްރަށުން މިކަންކަމަށް އެދެމުންދާތީ، ހަފްތާގެ ބަންދު ދުވަސްތަކުގަޔާއި، ސްކޫލް ޗުއްޓީ ދުވަސްވަރު ރަށްރަށުގައި ކުދިންނަށާއި، ޓީޗަރުންނަށާއި، ބެލެނިވެރިންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގެވުމުގެ މަސައްކަތް ކުރައްވައެވެ. މި ޕްރޮގްރާމްތައް އެންމެ ބޮޑަށް އަމާޒުކުރައްވާފައިވަނީ، އަޑުއިވުމުން މަޙްރޫމްވެފައިވާ ކުދިން އެންމެ ގިނައިން ދިރިއުޅޭ ރަށްރަށަށެވެ. 

       ފަޒްނީއަށް އެންމެ ބޮޑަށް އުނދަގޫވީ، ވާހަކަ ނުދެއްކޭ ނުވަތަ މަންމަން ކުދިންގެ ތެރޭގައި ތިބި ތަފާތު ކުދިން ދެނެގަތުމުގެ މަސައްކަތެވެ. އެކަންކަން ދެނެގަނެވުމުން، ދެން ކުރިއަށް ދާންވީގޮތް ވަރަށް ރަނގަޅަށް އެނގިގެން ދިޔުމުން، ޖަމާލުއްދީން ސްކޫލާއި ޑެފް އެސޯސިއޭޝަނާ ގުޅިގެން ފަޒުނީގެ ޢަމަލީ ޙިއްޞާ އޮވެގެން ކުރެވުނު ބޮޑު މަސައްކަތަކީ، ސައިން ލޭންގުއޭޖްގެ  500 ބަސް އެކުލެވޭ ޑިކްޝަނަރީއެއް އުފެއްދެވުމެވެ. 

       މިއަދު މަރްޔަމް ފަޒްނީއަކީ، އަޑުއިވުމުން މަޙްރޫމްވެފައިވާ ކުދިންނަށް އާ ނަމެއް ނޫނެވެ. އެހުރިހާ ކުދިންގެ ލޯބި ހޯއްދަވާފައިވާ ފަޒްނީއަކީ، އެކުދިންގެ އިޙްސާސްތައް ދެނެވަޑައިގެން ޚިދުމަތް ދެއްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ. ހަމައެޔާއެކު، ރަށްރަށުގައި ހިންގަވާ ޕްރޮގްރާމްތަކަށް ލިބެމުންދާ ތަރުޙީބަކީވެސް ފަޒްނީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ ކަމެކެވެ. މީގެއިތުރުން، ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ތަފާތު އެކިއެކި މައްސަލަތަކަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން، ދަރިވަރުންގެ ބެލެނިވެރިންނާއި އަދި މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް އޭނާ ހިންގަވައިދެއްވަމުން ގެންދަވައެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ރަނގަޅު އަސަރު ކުރަމުންދާކަމާއި، އެކަމުގެ ނަތީޖާ ފެންނަމުންދާކަން އެއީ ފަޒްނީއަށް ލިބިވަޑައިގަންނަވަމުންދާ ވަރަށް ޚާއްޞަ އުފަލެކެވެ.

       ބައިނަލްއަޤްވާމީ ފެންވަރުގައި އެން.ޖީ.އޯ ތަކާ ގުޅިގެންވެސް ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ވާރކްޝޮޕްތައް ފަޒްނީ ވަނީ ހިންގަވައިދެއްވާފައެވެ. އަދި ޤައުމީ ފެންވަރުގައި ދަރިވަރުންނަށްވެސް އެކިއެކި ޕްރޮގްރާމްތައް ހިންގަވައިދެއްވައި، ދަރިވަރުންގެ މިޒާޖާ އެއްގޮތަށް، އެ ދަރިވަރުންގެ އުޅުމާއި ގުޅުން ބައްޓަންކޮށްދެއްވުމުގައިވެސް ފަޒްނީއަކީ ލާމަސީލު ނަމޫނާއެކެވެ. 

       މަރްޔަމް ފަޒްނީއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭގޮތުން ކުރެވޭ ތަޙުޤީޤުތަކުގައި ތަރުޖަމާނެއްގެ ގޮތުން މަސައްކަތް ކޮށްދެއްވާ ބޭފުޅެކެވެ. އަދި މޯލްޑިވްސް ޑްރަގް އޭޖެންސީއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހެދޭ އެސެސްމަންޓްތައް ތަރުޖަމާކޮށްދެއްވުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާ ކައުންސެލިންގ ސެޝަންތައް ތަރުޖަމާކޮށްދެއްވަމުންވެސް ގެންދަވައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ޑޮކްޓަރަށް ދައްކަންޖެހޭ ފަހަރުތަކުގައިވެސް، އެކުދިންގެ ތަރުޖަމާނެއްގެ ގޮތުންނާއި، ކޯޓުތަކުގައި ހިނގާ ޝަރުޢީ މައްސަލަތަކުގައާއި، މިނޫންވެސް ޝަރުޢީގޮތުން ނިންމަންޖެހޭ ކަންކަމުގައި ފަޒްނީ ވަރަށް ގިނައިން ވަޑައިގަންނަވައެވެ. 2010 އިން ފެށިގެން 2014 ވަނަ އަހަރާ ހަމަޔަށް ޑިސެބިލިޓީ ކައުންސިލްގެ ސްޓިއަރިންގ ކޮމިޓީގެ ފަންނީ ދާއިރާ ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައިވެސް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެސް.ޓީ.އޯ. ގައިވެސް ތަމްރީނުތަކެއް އޭނާ ހިންގަވައިދެއްވާފައިވެއެވެ. 

      މަރްޔަމް ފަޒްނީ ވަނީ ޖަމާލުއްދީން ސްކޫލްގެ ފަރާތުން ބައިނަލްއަޤްވާމީ ބައެއް އިވެންޓްތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަޑުއިވުމުން މަޙްރޫމްވެފައިވާ ދަރިވަރުންނަށް، އެކި ޚަބަރުތައް އެކުދިންގެ ބަހުރުވައިން ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދެއްވާ ބޭފުޅަކީވެސް މަރްޔަމް ފަޒްނީއެވެ. އަދި މިނޫން އެހެން އިވެންޓްތައްވެސް ފަޒްނީ ގެނެސްދެއްވައެވެ.  

      ރާއްޖޭގައި ތިބި އަޑުއިވުމުން މަޙްރޫމްވެފައިވާ ދަރިވަރުންނަށް ޚިދުމަތް ކޮށްދެއްވުމަކީ މަރްޔަމް ފަޒްނީއަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެކެވެ. ފަޒްނީގެ ޢަޒުމަކީ މިރޮނގުގައި އިތުރު ތަޖުރިބާތަކެއް ޙާޞިލުކުރައްވައި، ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުރި ކުދިންނާއި މީހުންނަށް ޚިދުމަތް ކުރުމުގައި ސާބިތުކަމާއެކު ދެމިހުންނެވުމެވެ.