ފަތުރުވެރިކަމުގެ ދާއިރާއިން ކެއްކުމުގެ ހުނަރުވެރިކަން ކުރިއެރުވުމުގެ ރޮނގުން ޢަބްދުﷲ ޞަބާޙަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު މިއަހަރު މިލިބިވަޑައިގަންނަވަނީ، މިވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، ޚާއްޞަކޮށް، ފަތުރުވެރިންނަށް ތަފާތު ބާވަތްބާވަތުގެ ކެއްކުންތައް ތައްޔާރުކޮށްދެއްވުމަށް ކުރައްވާފައިވާ ހީވާގި އަދި ހުނަރުވެރި މަސައްކަތްތަކުގެ ސަބަބުންނެވެ.
ޢަބްދުﷲ ޞަބާޙަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މިއަދު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޝެފެކެވެ. ކެއްކުމުގެ ދާއިރަށް ޝައުޤުވެރިކަން އުފެދުނީ މަދްރަސީ ދައުރުގައެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ކުރެއްދޫ ރިޒޯޓުގައެވެ. އެ ރިޒޯޓުގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރުވެސް ކެއްކުމުގެ ރޮނގުން ކުރިޔަށްދެވޭނެގޮތުގެ ވިސްނުންފުޅު ގެންގުޅުއްވިއެވެ. އެހެންކަމުން، ކެއްކުމުގެ ރޮނގުން އެކި ކޯސްތައް ފުރިހަމަ ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން، އެ ފުރުޞަތުތަކުގެ ބޭނުން ރަނގަޅަށް ހިއްޕަވައި، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީނުތައް އޭނާވަނީ ފުރިހަމަކުރައްވާފައެވެ.
ޢަބްދުﷲ ޞަބާޙް، މިހާރު އަދާކުރައްވަމުން ގެންދަވަނީ ސޮނެވާފުށި އައިލެންޑް ރިޒޯޓުގެ ސޫޝެފެއްގެ ވަޒީފާއެވެ. މިއީ، ހިތްވަރާއި މިންނަތުން އޭނާ ކުރެއްވި މަސައްކަތުގެ ނަތީޖާއެވެ.
ރާއްޖޭގައި ބޭއްވުނު ކެއްކުމުގެ އެކިއެކި މުބާރާތްތަކުގައި 2000 ވަނަ އަހަރުން ފެށިގެން ޢަބްދުﷲ ޞަބާޙުވަނީ ބައިވެރިވެވަޑައިގެން އެކިއެކި ވަނަތައް ޙާޞިލު ކުރައްވާފައެވެ. އަދި އެކި އަހަރުތަކުގައި ހޮޓެލް އޭޝިޔާ ކަލިނަރީ ޗެލެންޖުގައި އެކި ބައިތަކުން ގޯލްޑް މެޑެލް، ސިލްވަރ މެޑެލް އަދި ބްރޯންޒް މެޑެލް ހާސިލުކުރައްވާފައިވެއެވެ. މިހާތަނަށް ލިބިވަޑައިގެންނެވި އެންމެ ފަޚުރުވެރި ވަނައަކީ، 2015 ވަނަ އަހަރު ބޭއްވުނު [އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖްސް އެންޑް އެގްޒިބިޝަން] ގެ [ހޮޓް ކުކިންގ ލޭމްބް އެންޑް ބީފް] ގެ ބައިން ގޯލްޑު މެޑެލް ހާސިލު ކުރެއްވި ކުރެއްވުމެވެ. އަދި އޭނާއަށްވަނީ [ބެސްޓް މޯލްޑިވިއަން ޝެފް 2015] އާއި، [ބެސްޓް ޝެފް އިން އެފް.އެޗް.އޭ.އެމް 2015] ގެ އެވޯޑާއި، [ވާރލްޑް ޝެފް އެސޯސިއޭސަން އޭޝިއާ ކޮންޓިނެންޓަލް ޑައިރެކްޓަރ މެޑެލް] ވެސް ލިބިވަޑައިގެންފައެވެ.
ޢަބްދުﷲ ޞަބާޙަކީ، އޭނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާތަކާއި މަޢުލޫމާތުތަކުގެ އަލީގައި ކެއްކުމުގެ މަސައްކަތް އެތައް ބަޔަކަށް ދަސްކޮށްދެއްވަމުންވެސް ގެންދަވާ ބޭފުޅެކެވެ. އެގޮތުން ޞަބާޙުގެ އިސްނެންގެވުމުގެ މަތިން 2012 ވަނަ އަހަރުން ފެށިގެން ބ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ސޮނެވާފުށީ މެނޭޖްމަންޓާ ގުޅިގެން ކެއްކުމުގެ މުބާރާތްތައް ރާއްވަވައި ހިންގަވަމުން ގެންދަވައެވެ. ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 4 އަދި ގްރޭޑް 5 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން [ބޮޑުކައްކާ] ގެ ނަމުގައި ކެއްކުމުގެ މުބާރާތްތައް ބާއްވަވަމުން ގެންދަވާތާ މިވަނީ 4 އަހަރުވެފައެވެ. މުބާރާތުން އެއްވަނަ ހާސިލުކުރާ ގުރޫޕްތަކުގެ ކުދިން ރިޒޯޓަށް ގެންދަވައިގެން ރިޒޯޓުގެ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ހޯއްދަވައި ދެއްވަމުން ގެންދަވައެވެ. މިހާރުވެސް ޞަބާޙު ގެންދަވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ކެއްކުމުގެ އެކި މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ކުރައްވަމުންނެވެ.