ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރައްވައި ރައްކާތެރި ކުރެއްވުމުގެ މަސައްކަތް އާާމިނަތު ޒެނީޝާ ޝަހީދު ޒަކީ ފެށްޓެވީ، 2008 ވަނަ އަހަރުއެވެ. އެއީ ކުޑަކުދިންގެ ހިޔާއަށް ވަޑައިގަންނަވަން ފެށްޓެވި ހިސާބުންނެވެ. ހިލޭ ސާބަހަށް ފެށްޓެވި މި މަސައްކަތުގެ ތެރެއިން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ކިޔަވައިދެއްވައި، އެކުދިންނާއެކު އެކި ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެން، އަދި އެކުދިންނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވިއެވެ.
2008 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ވަޒީފާއެއްގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން، ޒެނީޝާ މިއަދު މި މަސައްކަތް ކުރައްވަމުން ގެންދަވަނީ، އޭނާ އުފެއްދެވި އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ [އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)] މެދުވެރިކުރައްވައެވެ. މިފަދަ މަސައްކަތެއް އެންމެ ރަނގަޅަށް ކުރެއްވޭނީ، ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތު ކުރެވޭފަދަ ޖަމުޢިއްޔާއެއް އުފައްދައިގެން ކަމަށް ޒެނީޝާއަށް ގަބޫލުކުރެއްވޭތީ، މި ޖަމުޢިއްޔާ އުފެއްދެވީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ.
[އާކް]ގެ މަސައްކަތް ފެށުނީ، ހަމައެކަނި މާލޭ ސަރަޙައްދުގައި ކަމަށްވީނަމަވެސް، އެކި ވިޔަފާރި ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު، [އާކް]ގެ މަސައްކަތްތައް މިއަދު މިވަނީ ވަރަށް ބޮޑަށް އަތޮޅުތަކަށްވެސް ފުޅާކުރައްވާފައެވެ. އަދި [އާކް]ގެ ކެމްޕެއިންތައް ހިންގައިދިނުމަށް އެކި ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލްތަކުން އަދި އަމިއްލަ ޖަމްޢިއްޔާތަކުންވެސް އެދެމުންދާކަމީ، [އާކް]ގެ ކާމިޔާބީތަކުގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެކެވެ. [އާކް] އިން ކުރަމުން އަންނަ މަސައްކަތްތަކުގައި ވަރަށްބޮޑު ކާމިޔާބެއް ކަމުގައި ބެލެވޭ އެއްކަމަކީ، ސަރުކާރުގެ ތަފާތު ކޮމިޓީތަކުގައި ޖަމްޢިއްޔާތައް ތަމްސީލުކުރުމަށް [އާކް] އަށް ލިބިފައިވާ ފުރްޞަތެވެ. މީގެއިތުރުން، [ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އެގެއިންސްޓް ޗިލްޑްރަން] (ސައިވާކް)ގެ ނޭޝަނަލް އެކްޝަން ކޯޑިނޭޝަން ގްރޫޕްގައިވެސް 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޯ ޗެއަރގެ މަޤާމުވެސް ދަނީ [އާކް] އިން އަދާކުރަމުންނެވެ.
ޒެނީޝާގެ ތަޞައްވުރަކީ، ދިވެހިރާއްޖެއަކީ ކޮންމެ ކުއްޖަކުވެސް ދުޅަހެޔޮ ޞިއްޙަތެއްގައި އަމާން މާޙައުލެއްގައި އުފާވެރިކަމާއެކު ހެދިބޮޑުވުމަށް ބޭނުންވާ އެހީތެރިކަން ލިބޭ ޤައުމަކަށްވުމެވެ. ޒެނީޝާގެ އިރުޝާދާއި ލަފާގެ މަތިން [އާކް ޖަމްޢިއްޔާ] އިން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ އެކިއެކި ކެމްޕެއިންތަކެވެ. މިގޮތުން، ފާހަގަކޮށްލެވޭ ކެމްޕެއިންތަކުގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި އަންހެން ކުދިންނަށް ހުރި ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށް ކުރިއަށް ގެންދާ [ގްރޭސް] ކެމްޕެއިނާއި، ރައްކާތެރި ގޮތުގައި ކުދިން އިންޓަރނެޓް ބޭނުންކުރުމާ ގުޅޭގޮތުން ކުރިއަށްގެންދާ [ސަރފް ސްމާޓް] ކެމްޕެއިނާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހެދިބޮޑުވެ، ޙަރަކާތްތެރިވެ އުޅުމަށް ބާރުއަޅައި [ހީލް] ކެމްޕެއިން ހިމެނެއެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ކުރިއަށް ގެންދާ [ހޯޕް] ކެމްޕެއިނާއި، ހަނގާކުރުމާ ދެކޮޅަށް ކުރިއަށް ގެންދާ [ރެސްޕެކްޓް] ކެމްޕެއިންވެސް ހިމެނެއެވެ. މިގޮތުން ހިންގާ ކޮންމެ ކެމްޕެއިނެއްގައިވެސް ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކާއި، ބެލެނިވެރިން އަދި ކުޑަކުދިންނަށް ޚާއްޞަ ސެޝަންތައް ހިމެނެއެވެ. މީގެއިތުރުން، ސަރުކާރުގެ ބެލުމުގެ ދަށުން ހިނގަމުންދާ އެކި މަރުކަޒުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ހިންގާ ތަފާތު ޕްރޮގްރާމްތަކާއި، އެކުދިންނާ ހަވާލުވެ ތިބޭ މުވައްޒަފުން ތަމްރީނު ކުރުމަށްވެސް ތަފާތު ޕްރޮގްރާމްތައް އާރކްއިން ކުރިއަށް ގެންދެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި މިކަމަށް މަސައްކަތް ކުރާ އަމިއްލަ ޖަމްޢިއްޔާތަކާއި އާރކްގެ އިސް ނެގުމާއެކު ކުރިއަށް ގެންދާ "ޗައިލްޑް އެޑްވޮކަސީ ނެޓްވަރކް އޮފް ޑިސެބިލިޓީ އޯގަނައިޒޭޝަންސް" ވެސް ހިމެނެއެވެ.
ބައިނަލްއަޤްވާމީ ފެންވަރެއްގައި [އާކް] އަށް ލިބިފައިވާ އެންމެބޮޑު ކާމިޔާބީއަކީ، ކުޑަކުދިންނަށް ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމަށާއި، ޙަރަކާތްތެރިވެ އުޅުމަށް ބާރުއެޅުމަށް ކުރިއަށްގެންދާ [ހީލް] ކެމްޕެއިންގެ މެސެޖްތަކަށް އަލިއަޅުވާލައި [އާކް] އިން އުފައްދާފައިވާ ދެ ވާހަކަފޮތަށް ޔޫރަޕްގެ [ގޯމަންޑް އެވޯޑް] ލިބުމާއި، އެ އެވޯޑްގެ [ބެސްޓް އިން ދަ ވާރލްޑް] ކެޓަގަރީއަށް ދެ އަހަރުވެސް ހުށަހެޅިފައިވާކަމެވެ. ޒެނީޝާގެ އިސްނެންގެވުމުގެ މަތިން ތައްޔާރުކުރެވުނު މި ދެ ވާހަކަފޮތަކީ، [ދަ ކަލަރފުލް ކޮމްޕޭނިއަންޝިޕް އޮފް ކޭސީ ކެބެޖް] އަދި [ދަ ސްނީކީ ސްނެއަރ އޮފް ދަ ސިރަޕީ ސްލަރޕް ސްލޮޕްސް] އެވެ. އަދި މި ދެ ފޮތުން އެއް ފޮތް ވަނީ މި އަހަރު މި އެވޯޑުގައި ދުނިޔޭގެ އެންމެމޮޅު 6 ފޮތުގެ ތެރޭގައި ހިމެނިފައެވެ. ދިވެހިރާއްޖޭގެ ސްކޫލްތަކުގެ އިތުރުން ސިންގަޕޫރުގެ ހަތަރު ސްކޫލެއްގައިވެސް މިހާރު އެ ފޮތް ބޭނުންކުރަމުން ގެންދެއެވެ.
ޒެނީޝާއަށް 2012 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ.