ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ވާހަކަ ލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަންނަވާ ޔަޝްފާ ޢަބްދުލްޣަނީއަކީ، މިއަދު އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ޒުވާން ވާހަކަ ލިޔުންތެރިއެކެވެ. ތަޢުލީމީ ޙަޔާތުން ފެށިގެންވެސް ޔަޝްފާއަކީ ދިވެހި އަދަބިއްޔާތުގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޒުވާނެކެވެ. ބަޙުޘް ކުރުމާއި، ވާހަކަ ލިޔުމަކީ، ޔަޝްފާ ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެއްވައިގެން ކުރައްވާ ކަމެކެވެ.
ޔަޝްފާ ޢަބްދުލްޣަނީ އެންމެ ފުރަތަމަ ދިގު ވާހަކައެއް ލިޔުއްވީ 2006 ވަނަ އަހަރުއެވެ. [ޒީލަން] މި ނަމުގައި ލިޔުއްވި ވާހަކަ، 2008 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި، އެ ވާހަކައަށް ދެވަނަ ލިބިފައިވެއެވެ. ޔަޝްފާގެ ހުރިހާ ވާހަކަތަކެއްވެސް ބިނާކުރައްވާފައިވަނީ މުޖުތަމަޢުގައި ހުރި އެކިއެކި ނޭދެވޭ މައްސަލަތަކާއި، ޢާއިލީ މައްސަލަތަކުގެ މައްޗަށެވެ. އެގޮތުން، ވާހަކަތައް ބިނާވެފައިވަނީ، އަންހެނުންނާއި ގެވެށި އަނިޔާގެ މައްޗަށާއި، އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރުމާއި، އަންހެން ކުދިންނަށް ކުރާ ޖިންސީ އަދި ޖިސްމާނީ އަނިޔާގެ މައްޗަށާއި، މާބަނޑުވުމުން ދިމާވާ ނަފްސާނީ އުނދަގޫތަކުގެ މައްޗަށެވެ. މިއީ މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި، ލިޔުންތެރިކަން މެދުވެރިކުރައްވައި ޔަޝްފާ ކުރައްވަމުން ގެންދަވާ ވަރަށް މުހިންމު އިޖުތިމާޢީ މަސައްކަތެކެވެ.
ޔަޝްފާ ލިޔުއްވި ވާހަކަތަކުގެ ތެރެއިން [ޒީލަން] މި ވާހަކައަކީ، އަންހެނުންނަށް ކުރާ ގެވެށި އަނިޔާއާއި، އެ އަނިޔާތަކުން ނުކުންނަންޖެހޭކަން އަންގައިދީފައިވާ ލޯބީގެ އަސަރުގަދަ ވާހަކައެކެވެ. އެ ވާހަކައިގެ 1000 ކޮޕީ، ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ވަނީ ހުސްވެފައެވެ. އަދި އޭނާގެ މި ވާހަކަ، ދިވެހިރާއްޖޭގެ އަޑުންވެސް ވަނީ ފޮނުއްވާފައެވެ. އޭގެފަހުން ޔަޝްފާ ލިޔުއްވި [ޔުކްތާ] މި ވާހަކައަށް، ޤައުމީ ދިގު ވާހަކަ ލިޔުމުގެ މުބާރާތުން 2009 ވަނަ އަހަރު ދެވަނަ ލިބިފައިވެއެވެ. ޅަފުރައިގެ އަންހެން ކުދިންނަށް ކުރާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލައި ލިޔުއްވި މި ވާހަކައަކީވެސް ޢާންމުންގެ ތަރުޙީބު ވަރަށް ބޮޑަށް ލިބިގެންދިޔަ ވާހަކައެކެވެ. 2011 ވަނަ އަހަރު އޭނާ ނެރުއްވި [ލީޝަން] މިވާހަކައަށް ޤައުމީ ވާހަކަ ލިޔުމުގެ މުބާރާތުން ދެވަނަ، އަދި 2012 ވަނަ އަހަރު ނެރުއްވި [ރުކާން] މި ވާހަކައަށް ޤައުމީ ވާހަކަ ލިޔުމުގެ މުބާރާތުން ތިންވަނަ ލިބިފައިވެއެވެ. [ލީޝަން] މިވާހަކައަކީ ރަށްފުށުގެ ކުދިން މާލޭގައި ތަޢުލީމު އުނގެނުމަށް ކުރާ ބުރަ މަސައްކަތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލޯބީގެ ވާހަކައެކެވެ. އަދި [ރުކާން] އަކީ އަންހެނުންނަށް ކުރާ ނޭދެވޭ އަނިޔާއާ ބެހޭގޮތުން ލިޔުއްވި ވާހަކައެކެވެ. މީގެއިތުރުން، [އައިން] އާއި [އީރަމް] އަކީ، މުޖުތަމަޢުގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ދެ ވާހަކައެވެ.
ޔަޝްފާ ކުރައްވަމުން މި ގެންދަވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު އޭނާއަށްވަނީ ޒުވާނުންގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.
ޔަޝްފާއަކީ މި ދާއިރާއިން މީހުން ބިނާކުރައްވައި ތަމްރީނު ކުރެއްވުމަށް ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، ސްކޫލްތަކުގެ ދަރިވަރުން، އަދަބިއްޔާތުގެ އެކި ބައިތަކަށް ފަރިތަކޮށްދެއްވައި، ސްކޫލްތަކުގެ ދަރިވަރުންނަށް އެކިއެކި މުބާރާތްތަކަށް ވާހަކަލިޔަން ދަސްކޮށްދެއްވާފައިވެއެވެ. އަދި އަދަބީ ބައެއް މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ޔަޝްފާ ކުރައްވާފައިވެއެވެ.
ޔަޝްފާއަކީ ސްކޫލްތަކުން ބާއްވަވާ އަދަބީ ޙަރަކާތްތަކުގައި ދަރިވަރުންނަށް ދިވެހި އަދަބިއްޔާތުގެ ހުނަރުތައް އުނގަންނައިދެއްވަމުންވެސް ގެންދަވާ ބޭފުޅެކެވެ. މީގެއިތުރުން، ޔަޝްފާއަކީ މެރީން ސައެންސް ޓީޗަރެއްގެ ގޮތުގައި ޘާނަވީ ކްލާސްތަކަށް ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.
ވާހަކަލިޔުމުގެ ފަންނު ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ކުރިއަރައި ދިޔުމަކީ، ޔަޝްފާ އެންމެ ބޮޑަށް ކުރައްވާ އުންމީދެވެ. އަދި އެ ރޮނގުން ކުރިއަށްދާން އެދޭ ކޮންމެ ކުއްޖަކަށްވެސް އަދި ކޮންމެ ޒުވާނަކަށްވެސް އެ ރޮނގުން ޚިދުމަތް ދެއްވަން ޔަޝްފާ ހުންނެވީ ތައްޔާރަށެވެ.