އަލްޤާރީ އިބްރާހީމް ޝިފާއު
ރ. އިންނަމާދޫ/ ޝާރކް

 ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން މިއަހަރު ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅަކީ، މިރޮނގުން އަޅުގަނޑުމެންގެ ތެރެއަށް ވަރަށް މަޝްހޫރު ބޭފުޅެކެވެ. 

ކީރިތި ޤުރްއާން އަޑުއެހުމަށާއި ކިޔެވުމަށް އިބްރާހީމް ޝިފާއު އެންމެ ކުޑައިރުއްސުރެވެސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވައެވެ. އެކަމަށް އެންމެ ބޮޑަށް މަގުފަހިވީ، 1994 ވަނަ އަހަރު އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ކިޔަވައި ވިދާޅުވުމުގެ ފުރްޞަތު ލިބިވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ. ކީރިތި ޤުރްއާނުގެ ތެރެއަށް ވެދެވަޑައިގަތުމާއެކު، ޤުރްއާން ކިޔެވުމުގެ ތަފާތު ރާގުތަކަށް އޭނާގެ ހިތްޕުޅުގައި ޚާއްޞަ ލޯތްބެއް އުފެދުނެވެ. އަދި އެކި ރާގުތައް ދަސްކުރައްވަން ފެށްޓެވިއެވެ. ހިތްވަރާއި ޢަޒުމާއެކު މަސައްކަތެއް ފަށައިފި ކަމަށްވާނަމަ، މާތްﷲގެ އިރާދަފުޅާއެކު، އެކަން ޙާޞިލުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއެކު، ޝިފާއު މި ފެށްޓެވި މަސައްކަތުގެ ނަތީޖާ ދިޔައީ ފެންނަމުންނެވެ. 1994 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމަޔަށް، ރާއްޖޭގެ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި، އެންމެމަތީ ހަރުފަތުގައި، ދެ އަހަރަކު ފިޔަވައި ހުރިހާ އަހަރަކު، އެއްވަނައިގައި އޭނާވަނީ ހިފަހައްޓަވާފައެވެ. އަދި ޖަމުޢިއްޔަތުލް ފަލާޙުގެ ޤުރްއާން މުބާރާތްތަކުގައިވެސް އެންމެމަތީ ހަރުފަތުގައި އޭނާ ހިފެހެއްޓެވިއެވެ. ރާއްޖެއިން ބޭރު ފަނޑިޔާރުން ގެންނަވައިގެން، 2002 ވަނަ އަހަރު ރާއްޖޭގެ ޤާރީންގެ މެދުގައި ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުން 2 ވަނަ ހޯއްދަވާފައިވެއެވެ. މި މުބާރާތުގައި ބައިވެރިވި އެއްވެސް ފަރާތަކަށް މުބާރާތުގެ 1 ވަނަ ޙާޞިލު ކުރެއްވިފައެއް ނުވެއެވެ. 

އިބްރާހީމް ޝިފާއުގެ ޢަޒުމަކަށްވީ، މި ރޮނގުން ރާއްޖެއިން ޙާޞިލު ކުރެވެން އޮތް އެންމެމަތީ ތަޢުލީމެއް ޙާޞިލު ކުރެއްވުމެވެ. އެގޮތުން، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއިން ހިންގަވާ އިމާމު ކޯހާއި، ޤާރީ ކޯސް ފުރިހަމަކުރެއްވުމަށް 2005 ވަނަ އަހަރު ފެށްޓެވިއެވެ. އޭގެ ނަތީޖާއަކީ ޤާރީ ކޯހާއި، އިމާމުން ތަމްރީނު ކުރުމުގެ ޑިޕްލޮމާ ކޯހާއި، ޤުރްއާން މުދައްރިސް އޮނަރޒް ޑިގްރީ ޙާޞިލު ކުރެއްވި ކުރެއްވުމެވެ. އެއަށްފަހު، އިސްލާމީ ޝަރީޢާއިން އޭނާވަނީ މާސްޓަރޒްވެސް ހައްދަވާފައެވެ. 

ޝިފާއު ވަނީ ރާއްޖޭގެ އެކި ސްކޫލްތަކަށްވެސް ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. މާލޭގެ އެކި ސްކޫލްތަކަށް އެކި މުބާރާތްތަކުގައި މަތީ ވަނަތައް އޭނާ ހޯއްދަވައިދެއްވާފައިވެއެވެ. މީގެއިތުރުން، ރާއްޖެއިން ބޭރުގައިވެސް އޭނާ ވަނީ ރާއްޖެ ތަމްސީލު ކުރައްވައި، ރަނގަޅު ކާމިޔާބީތަކެއް ހޯއްދަވާފައެވެ. 

ފަހަކަށްއައިސް ޝިފާއު އަޅުގަނޑުމެންގެ ތެރޭގައި ފެނިގެންދިޔައީ، ރާއްޖޭގައި ބޭއްވޭ ޤުރްއާން ކިޔެވުމުގެ އެންމެ އަގުބޮޑު މުބާރާތް ކަމަށްވާ [ދިވެހިރާއްޖޭގެ އަލިގަދަ ތަރި] މި މުބާރާތުންނެވެ. މިހާތަނަށް ބޭއްވުނު ތިން މުބާރާތުގައި ޝިފާއުވަނީ އިސް ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި މިނޫނަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ޤުރްއާން މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ. ޝިފާއުއަކީ ގިނަ ދުވަސްތަކެއް ވަންދެން އިސްލާމީ މަރްކަޒުގެ އިމާމުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރުވެސް މާލޭގައި އިމާމުވެވަޑައިގެން ހުކުރު ކުރައްވަމުން ގެންދަވައެވެ. 

ޝިފާއު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އިސްލާމިކް ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ހިންގަވަމުން ގެންދަވާ އިސްލާމް މުދައްރިސުންނާއި، ޤުރްއާން މުދައްރިސުން އަދި އިމާމުން ތަމްރީނު ކުރެއްވުމުގެ ޕްރޮގްރާމްގައި ކިޔަވައިދެއްވުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން، ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދޭ ކީރިތި ޤުރްއާނާއި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގެ އަޑުއެޅުއްވުމުގެ މަސައްކަތް ހިމެނެއެވެ. އަދި އިމާމުންނާއި ޤާރީން އޭނާ ގެންދަވަނީ ތަމްރީނު ކުރައްވަމުންނެވެ. އަދި ގދ. ތިނަދުއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަޢްހަދުއް ދިރާސާތިލް ޤުރްއާނިއްޔާގެ އިސް މުދައްރިސެއްގެ ގޮތުގައި ޤާރީ ކޯސްތައް ހިންގަވަން ވަނީ ފަށްޓަވާފައެވެ. 

ޝިފާއުއަކީ އޭނާ ކުރައްވަން ބޭނުންވާ ކޮންމެ ކަމެއް ކާމިޔާބު ކުރެއްވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވައި، ފަހެއް ބެއްލެވުމެއްނެތި ކުރިއަށް ވަޑައިގަންނަވާ ޢަޒުމް ވަރުގަދަ ބޭފުޅެކެވެ. މީހުންނަށް ކަންކަމުގައި އެހީތެރިވެދެއްވުމާއި، އެކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގައި ނަމޫނާއެކެވެ. ތެދުއުއިވަޑާމުގެ ހުރިހާ މަސައްކަތަކާއި، ލިޔުމާއި ލޭތު މަސައްކަތްވެސް ދެނެވަޑައިގަންނަވާ އަދި ޢަމަލީގޮތުން ކުރައްވަމުން ގެންދަވާ ހިތްވަރުގަދަ މަސައްކަތްތެރިއެކެވެ. 

ކީރިތި ޤުރްއާނުގެ ދާއިރާ ކުރިއެރުވުމަށް ވަރަށްގިނަ މަސައްކަތްތަކެއް މިއަދު ކުރަން ޖެހިފައިވާ ކަމަށް ޝިފާއު ގަބޫލުފުޅުކުރައްވައެވެ. އަދި މިކަން ކުރާނެ އެކަށީގެންވާ މީހުން ބިނާކުރަން އެބަޖެހޭ ކަމަށާއި، މި ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރާ މީހުންގެ ޢަދަދު އިތުރުވާން ޖެހޭކަމަށްވެސް އޭނާ ދެކެވަޑައިގަންނަވައެވެ. އަދި ކީރިތި ޤުރްއާން ކިޔަވައިދިނުމާއި، އުނގަންނައިދިނުމުގައި ރާއްޖެއިން ބޭރުގެ މަޝްހޫރު ޔުނިވަރސިޓީތަކުން ރާއްޖޭގެ ޤާރީންނަށް މެދުކެނޑުމެއްނެތި ފުރްޞަތުތައް ލިބެމުން ދިޔުމަކީ، އޭނާ އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެވެ.