އަލްފާޟިލް އަޙްމަދު ނާޝިދު
މ.ޕޯލްސްޓަރ

               އަޙްމަދު ނާޝިދު ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެެށްޓެވީ، 1987 ގައި "މެޑިކްލިނިކް"ގެ ނަމުގައި ކްލިނިކެއް ހުޅުއްވައިގެންނެވެ. މެޑިކްލިނިކުން ދެއްވަމުން ގެންދެވި ޚިދުމަތް، 1992 ގައި "އޭ.ޑީ.ކޭ. މެޑިކަލް ސެންޓަރ" މި ނަމަށް ބަދަލުކުރައްވައި، 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކުރެއްވިއެވެ. 1996 ގައި މާލޭ ސެންޓްރަލް ހޮސްޕިޓަލް ކުއްޔަށް ހިއްޕަވައިގެން އޭ.ޑީ.ކޭ. ހޮސްޕިޓަލުގެ ނަމުގައި 24 ގަޑިއިރުގެ ޚިދުމަތްދޭ ހޮސްޕިޓަލެއް މިހާރު ހިންގަވަމުން ގެންދަވައެވެ. 

               މި ހޮސްޕިޓަލުގައި 29 ޑޮކްޓަރުންނާއި 45 ނަރުހުން ޚިދުމަތްދެމުން ގެންދެއެވެ. ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަަތްވެސް މިހާރު އަޙްމަދު ނާޝިދު ވަނީ ފަށްޓަވައިފައެވެ. އެންޑޮސްކޮޕީއާއި، ޓްރެޑްމިލާއި، ކިޑްނީ ޑައިލެސިސްގެ ޚިދުމަތާއި، ލޯވަޅު ތޮރުފައިގެން އޮޕަރޭޝަން ކުރުމުގެ ޚިދުމަތާއި، އެމް.އާރު.އައި.ގެ ޚިދުމަތް، މި ހޮސްޕިޓަލުން ލިބެންހުރި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.

               ފޯރުންތެރިކަން ނެތް ގިނަ އަދަދެއްގެ ބަޔަކަށް ކޮންމެ އަހަރަކުވެސް އޭ.ޑީ.ކޭ. ހޮސްޕިޓަލުން ހިލޭ ބޭސްކޮށްދެއްވައެވެ.

               ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި އެންމެ ފުރިހަމަޔަށް ބައިވެރިވާ ފަރާތަކަށް، 1998 ން ފެށިގެން އޭ.ޑީ.ކޭ. ހޮސްޕިޓަލުން ކޮންމެ އަހަރަކުވެސް -/25,000 ރުފިޔާގެ އިނާމަކާއި، އެެއްއަހަރުދުވަހު ހިލޭ ބޭސްކޮށްދެއްވާގޮތަށް ހަމަޖައްސަވައި، އެކަން ކުރައްވަމުން ގެންދަވައެވެ.