އަލްފާޟިލް މުޙައްމަދު ސަޢީދު
ކުދިމާވިލާ / ގދ.ތިނަދޫ

         މުޙަންމަދު ސަޢީދަކީ، 1993 ވަނަ އަހަރުން ފެށިގެން، ދުނިޔޭގެ ފުޓްބޯޅަ ޖަމްޢިއްޔާ (ފިފާ)ގެ އެސިސްޓެންޓް ރެފްރީއެއްގެ ހައިސިއްޔަތުން ރެފްރީކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިހާތަނަށް ފީފާއިން ހިންގި 4 މުބާރާތަކާއި، އޭ.އެފް.ސީ އިން ހިންގި 12 މުބާރާތެއްގެ އެސިސްޓެންޓް ރެފްރީކަން ކޮށްދެއްވާފައިވެއެވެ. މީގެތެރޭގައި، ފީފާއިން އިންތިޒާމްކޮށްގެން 1997 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވި ވާރލްޑް ޔޫތް ޗެމްޕިއަންޝިޕާއި، 1998ގައި ބޭއްވި ފްރާންސް ވާރލްޑްކަޕް ކޮލިފައިން މެޗްތަކާއި، 1999 ވަނަ އަހަރު ނައިޖީރިއާގައި ބޭއްވި ވާރލްޑް ޔޫތް ޗެމްޕިއަންޝިޕާއި، 2001 ވަނަ އަހަރު ބޭއްވި ފީފާ ކޮންފެޑެރޭޝަން ކަޕާއި، މިއަހަރު ބޭއްވި ވާރލްޑްކަޕް ހިމެނެއެވެ. އަދި  އޭ.އެފް.ސީ.ގެ މުހިންމު މެޗުތަކުގެ ތެރެއިން 1993 ވަނަ އަހަރު ބޭއްވި ސާޕް ގޭމްސްގެ ފައިނަލްމެޗާއި، 1994 ވަނަ އަހަރު ބޭއްވި އޭޝިޔާގެ 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗާއި، 1994ވަނަ އަހަރާއި،  1996 ވަނަ އަހަރާއި، 2000 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕްވިނަރސް ކަޕްގެ ފައިނަލް މެޗްގައި މުޙަންމަދު ސަޢީދު އެސިސްޓެންޓް ރެފްރީކަން ކޮށްދެއްވާފައިވެއެވެ.

        2002 ވަނަ އަހަރު، އޭޝިޔާ ސަރަޙައްދުގެ އެންމެމޮޅު އެސިސްޓެންޓް ރެފްރީގެ މަގާމަށް މުޙަންމަދު ސަޢީދު ހޮވިފައިވެއެވެ.

        ރާއްޖޭގައި ކުޅެވުނު ފުޓްބޯޅަ މުބަރާތްތަކާއި، ފުޓްބޯޅަ މެޗްތަކުގެ ތެރެއިން 54 މެޗެއްގައި މުޙަންމަދު ސަޢީދު އެސިސްޓެންޓް ރެފްރީކަން ކޮށްދެއްވާފައިވެއެވެ.