އަލްފާޟިލާ ޖުވައިރިއްޔާ ވަޖްދީ
ސިލްވަރވިލާ / ސ.މަރަދޫ

               ޖުވައިރިއްޔާ ވަޖްދީއަކީ، ކެއްކުމުގެ މަސައްކަތް ގިނަބަޔަކަށް ދަސްކޮށްދެއްވާފައިވާ މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ކެއްކުމުގެ މަސައްކަތް ގިނަބަޔަކަށް ދަސްކޮށްދެއްވުމުގެ ގޮތުން، 7 ޑިސެމްބަރ 1997 ގައި "ޖުވޭސް ކުކަރީ ކްލާސް"ގެ ނަމުގައި ކްލާހެއްވެސް ވަނީ، ރަޖިސްޓަރީ ކުރައްވާފައެވެ. މިގޮތުން، މި ކްލާހުގެ ނަމުގައި، މާލެއާއި އަތޮޅުތަކުގައި ކެއްކުމުގެ ހުނަރު ދަސްކޮށްދެއްވުމުގެ މަސައްކަތް ޖުވައިރިއްޔާ ކުރައްވަމުން ގެންދަވައެވެ. މިހާތަނަށް ވަރަށް ގިނަބަޔަކަށް މި މަސައްކަތް ޖުވައިރިއްޔާ ވަނީ ދަސްކޮށްދެއްވާފައެވެ. މީގެތެރެއިން 300 އަަށްވުރެ ގިނަ މީހުންނަށް މި މަސައްކަތް ދަސްކޮށްދެެއްވާފައިވަނީ، ހިލޭ ސާބަހަށެވެ.  މީގެއިތުރުން،  ކާއެއްޗެހި ތައްޔާރުކުރާނެގޮަތް ބަޔާންކުރައްވާފައިވާ 14 ފޮތެއްވެސް ޖުވައިރިއްޔާ ވަނީ، ޝާއިޢުކުރައްވާފައެވެ. މީގެތެރޭގައި "ތަފާތުކާނާ"ގެ ނަމުގައި 8 ފޮތް، "ޖާފަތު"ގެ ނަމުގައި 1 ފޮތް، "ބީފާނު"ގެ ނަމުގައި 3 ފޮތް، "މީރުކާނާ"ގެ ނަމުގައި 2 ފޮތް ވަނީ ނެރުއްވާފައެވެ. މިފޮތްފޮތުގައި ލިޔުއްވާފައިވާ ކާއެއްޗެހި ތައްޔާރުކުރާނެ ގިނަ ގޮތްތަކަކީ، ޖުވައިރިއްޔާގެ އަމިއްލަ ތަޖުރިބާގެ މައްޗަށް އެކުލަވައިލައްވާފައިވާ ގޮތްތަކެވެ.

               "ޖުވޭސް ކެފޭ"ގެ ނަމުގައި ޖުވައިރިއްޔާ ހިންގަަވާ ކެފޭއަކީވެސް، ގިނަބަޔަކު އެތަނުން ޚިދުމަތް ލިބިގަންނަމުންދާ ތަނެކެވެ. އެކިއެކި މުނާސަބަތުތަކާ ގުޅިގެނެް، ރާއްޖޭގައި ބޭއްވޭ ކާއެއްޗެހި ތައްޔާރުކުރުމުގެ މުބާރާތްތަކުންވެސް މަތީ ވަނަަތައް، ޖުވައިރިއްޔާ ހާސިލުކުރައްވާފައިވެއެވެ.