ވިޔަފާރި ކުރެއްވުމުގެ މަސައްކަތް އިބްރާހީމް ރަޝީދު ފެށްޓެވީ، 1979 ވަނަ އަހަރުއެވެ. އިބްރާހީމް ރަޝީދު ކުރައްވާ ވިޔަފާރީގެ ބޮޑު ޚިދުމަތެއް ދެއްވަނީ، ޓޫރިސްޓް ރިޒޯޓުތަކަށް ބޭނުންވާ ކާއެއްޗެހި ފޮނުއްވައިދެއްވުމަށެވެ. މިގޮތުން ރިޒޯޓްތަކަށް ބޭނުންވާ ޚާއްޞަ ބާވަތްތަކުގެ މަހާއި، ތަރުކާރީއާއި، މޭވާ ރާއްޖެއަށް އެތެރެކުރައްވައި، އެތަކެތީގެ ތާޒާކަމާއި ޞިއްޙީ ރައްކާތެރިކަމާއެކު ރައްކާކޮށް، އެތަންތަނަށް ފޮނުއްވައިދެއްވުމުގެ ޚިދުމަތް ދެއްވަމުން ގެންދަވައެވެ. ނަތީޖާއެއްގެ ގޮތުން 80 އިންސައްތަ ރިޒޯޓުތަކުން، އިބްރާހީމް ރަޝީދުގެ މި ޚިދުމަތް ލިބިގަންނަމުންދެއެވެ. މީގެއިތުރުން، މިފެނެްވަރުގެ ތަކެތި ބޭނުންވާ މާލެއާއި އަތޮޅުތަކުގެ ތަންތަނަށް ތަކެތި ފޮނުއްވައިދެއްވުމުގެ އިންތިޒާމުވެސް، އިބްރާހީމް ރަޝީދު ހަމަޖައްސަވާފައިވެއެވެ.
ރާއްޖޭގައި ފުރަތަމަ ސުޕަރމާކެޓް ގޮތަށް ވިިޔަފާރީގެ ޚިދުމަތް ދެއްވުމުގެ މަސައްކަތް ފެށްޓެވި ބޭފުޅުންގެ ތެރޭގައި އިބްރާހީމް ރަޝީދު ހިމެނިވަޑައިގަންނަވައެވެ. އިބްރާހީމް ރަޝީދު ހިންގަވާ ސުޕަރމާކެޓުން ލިބެން ހުންނަ ތަކެތީގެ ތެރޭގައި، ދުނިޔޭގައި ނަން ހިނގާފައިވާ 7 ބްރޭންޑެއްގެ ސޯލް ޑިސްޓްރިބިއުޓަރކަން ހޯދާފައިވާ ތަކެތި ހިމެނެއެވެ.