އަލްފާޟިލް އަޙްމަދު ސަލީމު
ހ.އާގަދަގެ

               ފަތުރުވެރިކަމުގެ ދާއިރާގައި އަޙްމަދު ސަލީމު ފުރަތަމަ ކުރެއްވި މަސައްކަތަކީ، ޓޫރިސްޓް ހޮޓާތަކާއި ރިޒޯޓުތައް ފަރުމާކުރެއްވުމާއި، އެތަންތާނގެ ފެންވަރު މަތިކުރެއްވުމާއި، ސުޕަވައިޒް ކުރެއްވުމުގެ މަސައްކަތެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް، އާ ފަރުމާކުރެއްވުންތައް ތަޢާރުފު ކުރެއްވުމުގެ މަސައްކަތްވެސް ސަލީމު ކުރައްވާފައިވެއެވެ.

               ޓޫރިސްޓް ރިޒޯޓު ހިންގެވުމުގެ މަސައްކަތް އަޙްމަދު ސަލީމު ފެށްޓެވީ 1984 ގައެވެ. އެ އަހަރު، ސަލީމު ބައިވެރިވެވަޑައިގަންނަވާ ކުންފުންޏަކުން، އއ. ވެލިގަނޑު، ސަރުކާރުން ކުއްޔަށް ހިއްޕަވައިގެން ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީ ކުރައްވައި ހިންގަވަން ފެށްޓެވިއެވެ. އޭގެފަހުން، 1992 ގައިވެސް  ސަލީމު ބައިވެރިވެވަޑައިގަންނަވާ ކުންފުންޏަކުން އއ. ރަންގައްޔާއި، ރަންގަލިފިނޮޅު ކުއްޔަށް ހިއްޕަވައިގެން ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރައްވައި ހިންގަވަން ފެށްޓެވިއެވެ.

               1996 ވަނަ އަހަރާއި، 1997 ވަނަ އަހަރު، އެނދުގެ އަދަދު 100 އިން ފެށިގެން 199 އާ ދެމެދުގެ ރިޒޯޓު ހޮޓާތަކުގެ ތެރެއިން އެންމެ މަތީ އޮކިއުޕެންސީއެއް ޤާއިމުކުރި ރިޒޯޓަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ލިބުނީ، ވެލިގަނޑު އައިލެންޑް ރިޒޯޓަށެވެ. 1996 ވަނަަ އަހަރު، އެނދުގެ އަދަދު 200 އިން ފެށިގެން މަތީގެ ރިޒޯޓު ހޮޓާތަކުގެ ތެރެއިން އެންމެ މަތީ އޮކިއުޕެންސީއެއް ޤާއިމުކުރި ރިޒޯޓަކަށް ރައިސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ލިބުނީ ރަންގަލި އައިލެންޑް ރިޒޯޓަށެވެ.