އަލްފާޟިލް އަޙްމަދު ތައުފީޤު ޢަބްދުއްރަޙްމާން
މ.ޑްރީމީލައިޓް

               އަޙްމަދު ތައުފީޤަކީ، ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވައިވިދާޅުވާ، އަދި 1984 ން ފެށިގެން މި ޢިލްމު، ކުދިންނަށާއި މީހުންނަށް ދަސްކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، މަޢްހަދުން ހިންގަވާ ޤާރީ ކޯސްތަކުގެ ބަައިވެރިންނަށާއި، ނިޒާމީ ކްލާސްތަކުގެ ދަރިވަރުންނަށާއި، އިމާމު ކޯހާއި، ޤާޟީ ކޯހާއި، ވެރިން ތަމްރީނުކުރާ ކޯހާއި، ޤުރްއާން މުދައްރިސުން ތާޒާކުރާ ކޯސްފަދަ ކޯސްތަކުގެ ބައިވެރިންނަށް، ޤުރްއާން ކިޔަވަން ދަސްކޮށްދެއްވަމުން ގެންދަވައެވެ. އަދި ޤުރްއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކުގެ ދަރިވަރުންނަށް ކިިޔަވައިދެއްވައެވެ. މީގެއިތުރުން، 1984 ން ފެށިގެން މަޢްހަދުގެ ދަރިވަރުން، ޤުރްއާން މުބާރާތްތަކަށް ތައްޔާރުކޮށްދެއްވުމާއި، އެހެން ބަައެއް ސްކޫލްތަކުގެ ދަރިވަރުން، ޤުރްއާން މުބާރާތްތަކަށް ތައްޔާރުކޮށްދެއްވުމުގެ މަސައްކަތްވެސް، އަޙްމަދު ތައުފީޤު ކުރައްވަމުން ގެންދަވައެވެ. ޕާކިސްތާނުގައި ކިޔަވައިވިދާޅުވާން އުޅުއްވިއިރު، އެތާނގައި އޮތް ޤުރްއާން މުބާރާތަކުން އަޙްމަދު ތައުފީޤު ތިންވަނަ ހޯއްދަވާފައިވެއެވެ. އަދި މީގެއިތުރުން، މެލޭޝިޔާގައި އޮތް ޤުރްއާން ކިޔެވުމުގެ ބައިނަލްއަޤްވާމީ ދެ މުބާރާތެއްގަޔާއި، މިސުރުގައި އޮތް ޤުރްއާން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތެއްގަޔާއި، ސަޢޫދީ ޢަރަބިއްޔާގައި އޮތް ޤުރްއާން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތެއްގައި އަޙްމަދު ތައުފީޤު ބައިވެރިވެވަޑައިގެންފައިވެއެވެ.