އައްޑޫ ކޮމްޕްރިހެންސިވް ސްކޫލް

               އައްޑޫ ކޮމްޕްރިހެންސިވް ސްކޫލަކީ، ރަސްމީ ތަޢުލީމުގެ މިންގަނޑަށް ނުފެތިގެން، އެހެން ސްކޫލްތަކުން ކިޔެވުމުގެ ފުރުސަތު ނުލިބި ތިބި، އުމުރަށް ނުފެތޭ ކުދިންނަށް ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި، 1996 ވަނަ އަހަރު އުފައްދާފައިވާ ސްކޫލެކެވެ. ސްކޫލް ފުރަތަމަ ހިންގަމުން ގެންދިޔައީ، އިމާރާތެއް ކުއްޔަށް ހިފައިގެންނެވެ. ނަމަވެސް، ސްކޫލް އިމާރާތް ކުރުމަށް ސަރުކާރުން ބިމެއް ދެއްވުމާ ގުޅިގެން، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީފުޅާއެކު، އެ ބިމުގައި ސްކޫލް ހިންގޭނެ އެކަށީގެންވާ އިމާރާތްތައް ހަދައި، މިހާރު ސްކޫލް ހިންގަނީ އެތާނގައެވެ. 

               މި ސްކޫލްގައި ކިޔަވައިދޭން ފެށިއިރު ތިބީ 68 ދަރިވަރުންނެވެ. މިހާތަނަށް މި ސްކޫލްގައި 913 ދަރިވަރުން ރަޖިސްޓަރީ ކުރެވިފައިވެއެވެ. މި ސްކޫލްގައި، ސާނަވީ ފެންވަރަށް ތަޢުލީމު ދެވެއެވެ. މި ސްކޫލުން މިހާތަނަށް 311 ދަރިވަރުން، ޖީ.ސީ.އީ. އޯޑިނަރީ ލެވެލް އިމްތިޙާނުގައި ބައިވެރިކޮށްފައިވެއެވެ.

               ސަރުކާރުން އިންތިޒާމު ކުރައްވައިގެން ސްކޫލްތަކުގެ މެދުގައި ބާއްވަވާ އެކިއެކި މުބާރާތްތަކުގައި މި ސްކޫލްގެ ދަރިވަރުން މަތީ ވަަނަތައް ހާސިލުކޮށްފައިވެއެވެ.

               އައްޑޫ ކޮމްޕްރިހެންސިވް ސްކޫލްގެ މަސްއޫލުވެރިޔަކީ، ސ.ހިތަދޫ "ނިޔާޒް" އަލްފާޟިލާ ފާޠިމަތު ޞާދިޤެވެ.