އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމު
ހ.ހޮޅުދޫގެ

               އަވަސް ލިޔުމާއި، "އިޝްތިހާރު ތާނަ" އަކުރު، ލިޔުމުގެ ފަންނުގެ ތެރެއަށް ތަޢާރުފުކޮށްދެއްވީ، ސައިކުރާ އިބްރާހީމް ނަޢީމެވެ. އަވަސް ލިޔުމުން ލިޔުއްވާއިރު ލިޔުއްވަނީ، އޭގައި އުސޫލުތަކެއް ހިފަހައްޓަވައިގެން އެހެން މީހުންނަށްވެސް ކިިޔަން އެނގޭގޮތަށް، ދިވެހިބަހުގެ ގަވާއިދާވެސް އެއްގޮތަށެވެ. ރިޕޯޓަރެއްގެ ގޮތުން ނަޢީމު ހޭދަކުރެއްވި 35 އަހަރުގެ ތެރޭގައި، ބޮޑެތި ވާހަކަތަކާއި، ބޭބޭފުޅުންގެ ތަޤްރީރުތަކާއި، ވާހަކަފުޅުތައް، އޭގެ އަސްލު ނުގެއްލޭގޮތަށް ފަހުން ބަލައިގެން ލިޔެވޭ ފެންވަރަށް ނޯޓުކުރައްވާފައިވެއެވެ. މިގޮތަށް ލިޔުއްވުމުގެ ތެރޭގައި، އަމިއްލަ ޝޯޓްހޭންޑް ލިޔުއްވުމެއްވެސް ނަޢީމު ގެންގުޅުއްވިއެވެ.

               މަދްރަސީ ދައުރުގައި، ފިލާވަޅުތަކާއި، މަޒުމޫނުފަދަ ތަކެތީގެ ސުރުޚީތައް ފަލަކޮށް ލިޔުއްވުމާއި، ކްލާހުގައި ނެރޭ މަޖައްލާތަކުގެ ސުރުޚީތައް ފަލަކޮށް ބޮޑުއަކުރުން ލިޔުއްވުމާއި، ސްޓެންސިލުގައި ލިޔެގެން ނޫސް ޗާޕުކުރި ދުވަސްވަރު، އެކިފާޑުގެ ބޮޑުއަކުރުން، ސުރުޚީތަކާއި އިޝްތިހާރުތައް ލިޔުއްވާފައިވުމާއި، މަގުމަތީގައި ބަހައްޓާ ފިލްމު އިޝްތިހާރުތަކުގައިވެސް އެކިގޮތްގޮތަށް ބޮޑުއަކުރުން ލިޔުއްވުން، ނަޢީމުގެ ލިިޔުމުގެ ފަންނުގެތެރެއިން ފާހަގަކޮށްލެވެއެވެ.

               ދިވެހިބަހަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމާއި، ދިވެހި ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމާއި، މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމު ނަޢީމަށް ވަނީ ލިބިވަޑަައިގެންފައެވެ.