އަލްފާޟިލާ ޢާއިޝަތު ޒަޢީމާ ޙަސަންދީދީ
މ.ސިލްވަރކްލައުޑް

 

ޢާއިޝަތު ޒަޢީމާ ޙަސަންދީދީއަކީ، ރާއްޖޭގެ ވަރަށްގިނަ ބަޔަކަށް ވަރަށް މުހިންމު ޚިދުމަތެއް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ޙައްޖާއި ޢުމްރާގެ އަޅުކަމަށް ވަޑައިގަންނަވާ ބޭފުޅުންނަކަށް ޒަޢީމާގެ ނަންފުޅު އަލެއް ނުވާނެއެވެ.
 
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މީހުންނަށް އެހީތެރިވެވަޑައިގެން ދެއްވުމުގެ މަސައްކަތްޕުޅު ޒަޢީމާ ފަށްޓަވާފައިވަނީ، ހިޖުރައިން 1398 ވަނަ އަހަރުއެވެ. މީލާދީން 1978 ވަނަ އަހަރުއެވެ. މިކަން ފެށިގެންއައީ، ޒަޢީމާގެ ފިރިކަލުން ޢައްބާސް އިބްރާހީމާއެކު، އެއަހަރު ޙައްޖަށްދިޔަ ސާދަވަރަކަށް މީހުން ޙައްޖަށް ގެންދެވި ހިސާބުން ފެށިގެންނެވެ. ވިދިގެން އައިއަހަރު އެ ޖަމާޢަތާ ގުޅިގެން ފަންސާހަކަށް މީހުން ޙައްޖަށްދިޔައެވެ. މިއިން ކޮންމެ ދަތުރެއްގައިވެސް ޙައްޖަށްދާ މީހުންނަށް ކައްކައި ކާންދިނުމުގެ މަސައްކަތް ކުރެއްވީ ޒަޢީމާއެވެ.
 
ޙައްޖަށް މީހުން ގެންދިޔުމުގެ މަސައްކަތް ފުރަތަމަ ހައެއްކަ އަހަރު ޒަޢީމާ ހިންގެވީ، އޭނާގެ ފިރިކަލުން ޢައްބާސް އިބްރާހީމްގެ އަމިއްލަ ނަމުގައި ހިންގެވި ޖަމާޢަތުންނެވެ. 1983 ވަނަ އަހަރުުން ފެށިގެން އަލްމަރްޙޫމް އިތާ މުޙަންމަދު ނަޞީރުގެ ނަމުގައި ހިންގި ޖަމާޢަތަކަށް އެ ޖަމާޢަތް ބަދަލުވުމަށްފަހުވެސް އެ ޖަމާޢަތުން ޙައްޖަށްދިޔަ މީހުންނަށް ކައްކައި ކާންދިނުމާއި، އެމީހުންގެ ހާލުއަހުވާލު ބެލުމުގެ ހުރިހާ ކަމެއް ކުރައްވަމުން ގެންދެވީ ޒަޢީމާއެވެ. މިއިން ކޮންމެ އަހަރަކުވެސް ދުއިސައްތައަށްވުރެ ގިނަ މީހުން ޙައްޖަށް ގެންގޮސްފައިވެއެވެ. 1989 ވަނަ އަހަރުން ފެށިގެން ޙައްޖަށް މީހުން ގެންދަވާފައިވަނީ އަލިއާ ޖަމާޢަތުގެ ނަމުގައި އުފެއްދެވި ޖަމާޢަތަކުންނެވެ. އެ ޖަމާޢަތުން މީހުން ޙައްޖަށް ގެންދިޔައީ ދެ އަހަރުއެވެ. އެ ދެ އަހަރުގެ ތެރޭގައި ހާހަކާ ކައިރިކުރާ އަދަދަކަށް މީހުން ޙައްޖަށް ގެންދަވާފައިވެއެވެ. މިދެންނެވި ދެއަހަރުވެސް ޙައްޖާޖީންނަށް، ޚާއްޞަކޮށް، އަންހެނުންނަށް ޚިދުމަތް ކޮށްދެއްވުމުގައި ޒަޢީމާ ދެމިހުންނެވިއެވެ.
 
އޭގެފަހުން، މިމަސައްކަތް ގެންދެވީ ޒަޢީމާގެ ކޮއްކޮ އަލްމަރްޙޫމް މުޙަންމަދު ޙަސަންދީދީ އިސްވެ ހުންނަވައިގެން އުފެއްދެވި  "ދީމާ ޙައްޖު ގްރޫޕް" އިންނެވެ. 1992 ވަނަ އަހަރުން ފެށިގެން 5 އަހަރު ވަންދެން އެ ގްރޫޕުން ކޮންމެ އަހަރަކު މީހުން ޙައްޖަށް ގެންދިޔައެވެ. ދީމާ ޙައްޖު ގްރޫޕަށް ދިމާވި މައްސަލައެއްގައި 1416 ވަނަ އަހަރު (1996 ވަނަ އަހަރު) މީހުން ޙައްޖަށް ގެންދެވޭގޮތް ނުވުމުން، އެ އަހަރު ޒަޢީމާ ޙައްޖަށް ވަޑައިނުގަންނަވައި މާލޭގައި ހުންނެވީއެވެ. ނަމަވެސް، އެއަހަރުގެ ޙައްޖު ދުވަހު މާލޭގައި ހުންނަވަން ޖެހިވަޑައިގަތުމުން ޒަޢީމާގެ ހިތްޕުޅަށް ކުރި ވަރަށް އާދަޔާ ޚިލާފު އަސަރުތަކާ ގުޅިގެން، އޭގެ ނަތީޖާއަކަށްވީ އަމިއްލަފުޅު ނަމުގައި ޖަމާޢަތެއް އުފައްދަވައި، ޢާއިލާގެ ތެރެއިން ޙައްޖުވެރިންނަށް އެހީތެރިވެދެވޭނެ މަގުފަހިކޮށްދެއްވިއެވެ. މިގޮތުން [ޖަމާޢަތު ޒަޢީ ލިމަނާސިކިލްޙައްޖި ވަލްޢުމްރަތި] އުފައްދަވައިގެން މި މަސައްކަތް ފެށްޓެވިއެވެ. އޭގެފަހުން ކޮންމެ އަހަރަކު ރަމަޟާން މަހު ޢުމްރާއަށާއި ޙައްޖަށް މީހުން ގެންދިޔުމުގެ މަސައްކަތް ގަވާއިދުން ފެށްޓެވިއެވެ. އެދުވަހުން ފެށިގެން ޒަޢީމާ ޖަމާޢަތާ ގުޅިގެން ޙައްޖަށްދާ މީހުންގެ ޢަދަދު، އެއްއަހަރުން އަނެއް އަހަރަށް އައީ އިތުރުވަމުންނެވެ.
 
ޙައްޖަށާއި ޢުމްރާއަށް މީހުން ގެންދިޔުމާއި، އެމީހުންގެ ހުރިހާ ކަންކަމެއް ބެލެހެއްޓުމަކީ، ވަރަށްބުރަ ކަމެކެވެ. އަދި އެއީ ކޮނޑުގައި އެޅޭ ވަރަށްބޮޑު ޒިންމާއެކެވެ. ހަމައެހެންމެ ބޮޑު މަސްއޫލިއްޔަތެކެވެ. މިކަމުގެ ބުރަކަން ޒަޢީމާއަށް އަބަދުވެސް އިޙްސާސް ކުރެއްވެއެވެ. ޒަޢީމާގެ ޙަވާލުގައި ޙައްޖާއި ޢުމްރާއަށްދާ މީހުންނަށް އަދި އޭގެކުރިން، ޒަޢީމާގެ ބައިވެރިވެވަޑައިގަތުން އޮވެގެން، އެހެން ޖަމާޢަތްތަކުގެ ނަމުގައި ދިޔަ މީހުންގެ ކަންކަން ޒަޢީމާ ބަލަހައްޓަވަމުން ގެންދަވާފައިވަނީ، ތަޢުރީފު ޙައްޤުވާފަދަ ދަރަޖައަކަށެވެ. އަދި އެކަމުގެ ސަބަބުން، ހަމައެކަނި ޒަޢީމާގެ އަރިހުގައި ޙައްޖަށްދާން ބޭނުންވާ މީހުން އިތުރުވެފައިވާ މިންވަރަކަށެވެ.
 
ޒަޢީމާ އެންމެބޮޑު ސަމާލުކަމެއް ދެއްވަނީ، ޙައްޖާއި ޢުމްރާއަށްދާ މީހުންނަށް، ޙައްޖާއި ޢުމްރާގެ އަޅުކަން ވީހާވެސް ފުރިހަމައަށް އަދާކުރެވޭނެ މަގުފަހިކޮށްދެއްވުމަށެވެ. އަންހެނުންނަށާއި، ބަލިމީހުންނަށާއި، އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެންނެވެ. ވަކި މީހަކަށް ވަކިގޮތެއް ނުބަހައްޓަވައި ހުރިހާ ޙާޖީންނާމެދުވެސް އެއްގޮތެއްގައި ކަންތައްތައް ކުރައްވައިގެންނެވެ.
 
ޙައްޖަށް ގެންދާ މީހުންނަށް މިދެންނެވި ޚިދްމަތްތައް ޒަޢީމާ ދެއްވުމުގެ އިތުރަށް، ވަރަށްގިނަ މީހުންނަށް ފަރުޟު ޙައްޖު އަދާކުރުމުގެ ފުރުޞަތުވެސް ޒަޢީމާ ދަރުމައަށް ހޯއްދަވައިދެއްވާފައިވެއެވެ. އަދި ޒަޢީމާގެ ޖަމާޢަތުގައި ޚިދުމަތްތެރިންގެ ގޮތުގައި ގެންދާ މީހުންގެ ތެރޭގައިވެސް ކޮންމެ އަހަރަކު އާ މީހުން ހިމަނުއްވައިގެން، އެމީހުންނަށް ފަރުޟު ޙައްޖުގެ އަޅުކަން ހިލޭ އަދާކުރެވޭނެގޮތް މެދުވެރިކޮށްދެއްވައެވެ. އެގޮތުން، ވޭތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި، 100 އަށްވުރެ ގިނަ މީހުން ހިލޭ ޙައްޖަށް ގެންގޮސްދެއްވާފައިވެއެވެ. އަދި މީގެއިތުރަށް ދުނިޔެ ދޫކޮށްފައިވާ ބައެއް މީހުންގެ ޢާއިލާގެ މީހުން އެދިގެން ބަދަލު ޙައްޖުކޮށްދެއްވުމުގެ ގޮތުންވެސް ޒަޢީމާވަނީ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުއްވައިދެއްވާފައެވެ.
 
ޒަޢީމާގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައިވެސް މި ޚިދުމަތުގައި ކުރިއަށް ވަޑައިގަތުމެވެ. އަދި ޒަޢީ ޖަމާޢަތުން ޙައްޖަށާއި ޢުމްރާއަށްދާ މީހުންނަށް، މިހާރަށްވުރެވެސް ރަނގަޅަށް ލުއިފަސޭހަކަމާއެކު ޚިދްމަތް ދެެއްވޭގޮތަށް ކަންކަން އިންތިޒާމު ކުރައްވައި ފަހިކުރެއްވުމެވެ.