އަލްފާޟިލް ޢަލީ ނަޢީމް
ހ.ފެލީޝިއާ

 

ފިޝަރީޒްގެ ދާއިރާއަކީ ރާއްޖެއަށް ބޭނުންތެރި ދާއިރާއަކަށްވާތީ، ޢަލީ ނަޢީމް ގަސްތުކުރެއްވީ، މަސްވެރިކަމުގެ ދާއިރާގައި ވަޒީފާއެއް އަދާކުރައްވާށެވެ. އެގޮތުން، މަސްވެރިކަމާބެހޭ ތަފާތު ކޯސްތައް ފުރުއްވުމަށްފަހު، އެރޮނގުން ތަމްރީނު ހޯއްދެވިއެވެ. އޭގެފަހުން ކުރެއްވިކަމަކީ، އައި.ޑީ.އޭ.ގެ ލޯނެއްގެ ދަށުން ރާއްޖޭގައި ހިންގި މަސްވެރިކަމުގެ ފުރަތަމަ މަޝްރޫޢު ހިންގުމުގައި ބައިވެރިވެލެއްވުމެވެ. އޭގެފަހުން، ރާއްޖޭގެ އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަސައްކަތް ހިންގެވިއެވެ. އެމަސައްކަތް ފެށުނީއްސުރެ ޢަމަލީގޮތުން އެކަމުގައި އުޅުއްވިއެވެ. 

މަސްވެރިކަމުގެ މަސައްކަތްތަކަށް، ޢަލީ ނަޢީމް ޚާއްޞަ ޝައުޤެއް ހުރެއެވެ. ޚާއްޞަކޮށް، ކަނޑުމަތީގައާއި، މޫދުގައި ވަރަށް ގިނަ ވަގުތު ހޭދަކުރައްވައެވެ. 

އޮއިވާލި ކަނދުފައްޗާ ބެހޭގޮތުން ކަރުދާހެއް ތައްޔާރުކުރައްވައި ކެނެޑާގައި އޮތް މަސްވެރިކަމާބެހޭ ސިމްޕޯޒިއަމްއަށް ޢަލީ ނަޢީމް ހުށަހެޅުއްވިއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި، އޮއިވާލި ކަނދުފައްޗާބެހޭގޮތުން ލިޔެފައި ހުންނަ ލިޔުންތައް ހޯއްދަވައި، ދިރާސާ ކުރައްވަމުން ގެންދަވައެވެ.