ތ. ގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީ، މީގެ 27 އަހަރު ކުރިން ފެށިގެން މެދުނުކެނޑި ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމާއި، އެކިއެކި ކަންކަމުގައި ރައްޔިތުން ހޭލުންތެރި ކުރުވުމާއި އަދި ޚާއްޞަކޮށް އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރަމުންގެންދާ ކޮމިޓީއެކެވެ. މިކޮމިޓީގެ ތަރައްޤީގެ ފެށުމަކީ، 1987 ވަނަ އަހަރު ހިންގަން ފެށުނު ހޮޓަލެވެ. އޭގެފަހުން، 1994 ވަނަ އަހަރު ބޭސްފިހާރައެއް ހިންގަން ފަށާފައިވެއެވެ.
ރަށުގެ ރައްޔިތުންނަށް ތަފާތު ބާވަތްތަކުގެ މަސައްކަތް ދަސްކޮށްދޭ ތަމްރީނު ކޯސްތައް ހިންގުމާއި، އެކި ކަންކަމަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި، އަންހެނުންނަށް އަމާޒުކޮށްގެން ތަފާތު ކޯސްތައް 2006 ވަނަ އަހަރުގެ ތެރޭގައި މި ކޮމިޓީން ހިންގާފައިވެއެވެ. މީގެއިތުރުން، ރާއްޖޭގައި ފާހަގަކުރާ އެކި މުނާސަބަތުތައް، ރަށުފެންވަރުގައި ފާހަގަކުރުމަށް މިކޮމިޓީން އިސްނަގައިގެން ހަރަކާތްތެރިވެއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އެންމެ ހަރަކާތްތެރި އަންހެނުންގެ ކޮމިޓީއަކަށް ދެއްވަމުން ގެންދަވާ އެވޯޑް، މަތީ ދަރަޖަތަކުގައި ހިމެނިގެން 1998، 1999، 2000، 2001، 2004، 2006 މިއަހަރުތަކުގައި މި ކޮމިޓީން ހާސިލުކޮށްފައިވެއެވެ.