އަލްފާޟިލް މުޙަންމަދު ޢާޞިފް
މ.ރަތްވިލާ

        މުޙައްމަދު ޢާޞިފް ނުވަތަ އޭނާގެ އާންމު ނަމުން ދަންނަވާނަމަމޮންދު ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 23 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. 1991 ވަނަ އަހަރު  ޓެލެވިޜަން   މޯލްޑިވްސްގެ ޕްރޮޑިއުސަރ) ޓްރޭނީ(ގެ ވަޒީފާއިން  ބްރޯޑްކާސްޓިންގ  ދާއިރާއާ ގުޅިވަޑައިގެންނެވި މުޙައްމަދު ޢާޞިފް، މިދާއިރާގައި ކުރެއްވި ޚިދުމަތްތަކާއި އަދި ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން ޢާޞިފު ހިމެނިވަޑައިގަންނަވަނީ، ވަކިފަރާތަކަށް ޖެހިވަޑައިނުގެން، ޤައުމުގެ މަޞްލަޙަތު ޙިމާޔަތް ކުރުމުގައި، މި ދާއިރާއިން މީހުން އެންމެ ޤަދަރުކުރާ އަދި އެންމެ އިތުބާރުކުރާ އެއް ޝަޚްޞިއްޔަތުކަމުގައެވެ.

         މަޢުލޫމާތު  ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުން މުޙައްމަދު ޢާޞިފަށް ޤައުމީ އިނާމެއް މި އެރުވެނީ، ވަޒީފާގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތަކަށްވުރެ ބޮޑަށް، ދިވެހި ޤައުމަށާއި މުޖުތަމަޢަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހުގައެވެ. މިގޮތުން، ބްރޯޑްކާސްޓިންގ ދާއިރާއިން މީހުން ބިނާކުރެއްވުމަށް ޢާޞިފު އަމިއްލަފުޅުގޮތުން ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކާއި، އޭނާގެ އަމިއްލަފުޅު ތަޖުރިބާ ހިއްސާ ކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެއެވެ.

        ހުށަހެޅުމުގެ  ހުނަރުވެރިކަމުގެ ރޮނގުން ޢާޞިފަކީ،  ލާމަސީލު މިސާލެކެވެ.  ޢާޞިފުގެ އަޑަކީ އަޅުގަނޑުމެން ދިވެހިންގެ އެތައް ބައެއްގެ މެދުގައި ވަރަށް މަޤްބޫލު އަޑެކެވެ. ތަފާތު އެތައް ޕްރޮގްރާމްތަކަށް އޭނާވަނީ އަޑު އަޅުއްވައިދެއްވާފައެވެ. އަމިއްލަ ފަރާތްތަކުން ތައްޔާރުކުރާ ސީޑީތަކަށާއި، ޑޮކިއުމެންޓަރީތަކަށް އަދި އަމިއްލަ ފަރާތްތަކުން ބާއްވާ އެކި ޙަފްލާތަކުގައި ދައްކާ ރިޕޯޓްތަކަށް ޢާޞިފްވަނީ އަޑު އަޅުއްވައިދެއްވާފައެވެ. ޚާއްޞަކޮށް، ޤައުމީ އެކިއެކި ކަންކަމާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ އެކިއެކި މުހިންމު ޕުރޮގުރާމުތަކުގަޔާއި، ދީނީ ހޭލުންތެރިކަމާއި ޤައުމީ ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ޕްރޮގްރާމްތަކުގައި ގެނެސްދެވޭ ރިޕޯޓްތައް ޢާޞިފް ހުށަހަޅުއްވާފައިވާ ފުރިހަމަކަމާމެދު ސުވާލެއް ނުއުފެދެއެވެ. އަދި ބައެއް މަދަޙަ ސީޑީތަކުގެ ތަޢާރުފްވެސް ޢާޞިފްގެ އަޑުން އަޅުއްވައިދެއްވާފައިވެއެވެ.

         ޢާޞިފް އެކި ޕުރޮގުރާމުތަކަށް  އަޑު އެޅުއްވުމުގެ މަސައްކަތް  ކުރައްވާފައިވަނީ  ،މުޅިން ހިލޭ ސާބަހަށެވެ. އެންމެފަހުން އޭނާ ކުރެއްވި އެންމެ މުހިންމު މަސައްކަތްޕުޅަކީ، ޓެލެވިޜަން މޯލްޑިވްސްގައި ވަޒީފާ އަދާކުރެއްވިއިރު ، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ރެކޯޑް ކުރެއްވުމަށް  ފެށްޓެވި  މަސައްކަތްޕުޅެވެ. އެމަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ،ނިންމަވާފައެވެ. ޢާޞިފްގެ އުންމީދަކީ، ޤުރްއާން ތަރުޖަމާގެ ރެކޯޑިންގ ވެވަޑައިގެންނެވިހާ އަވަހަކަށް މުޅިން ނިންމަވާލެއްވުމެވެ.

         ބްރޯޑްކާސްޓިންގ ދާއިރާއިން ޢާޞިފް ހޯއްދަވާފައިވާ ކާމިޔާބީތަކަކީވެސް، ހަނދާންކޮށްލަންޖެހޭ ކާމިޔާބީތަކެކެވެ.      އޭޝިއަން ސުނާމީއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށްޓަކައި އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަންގެ ފަރާތުން އޭ.ބީ.ޔޫ.ގެ ޤައުމުތަކުގެ ތެރެއިން ސުނާމީގެ އަސަރުކުރި ޤައުމުތަކަށް ހުޅުވައިލި ކޯ ޕްރޮޑަކްޝަން ހެދުމުގެ ފުރުޞަތުގައި ރާއްޖެއިން ޢާޞިފް ހުށަހެޅުއްވި   ޕްރޮޕޯސަލް،    މުޅި ސަރަޙައްދުންވެސް އެންމެ ރަނގަޅު ޕްރޮޕޯސަލަކަށް ހޮވިގެންދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 2005 ވަނަ އަހަރު ޓީ.ވީ.އެމް. އިން މި ކޯ ޕްރޮޑަކްޝަންގައި ބައިވެރިވެ، ޑޮކިއުމެންޓްރީ ހެދުމުގެ ފުރުޞަތު ޢާޞިފަށް ލިބިވަޑައިގެންނެވިއެވެ. މިގޮތުން އުފެއްދި ޑޮކިއުމެންޓްރީ "ސުނާމީ އާފްޓަރ މެތްޢާރިފާސް ސްޓޯރީ" ވަނީ އޭ.ބީ.ޔޫ.ގެ ވަރަށްގިނަ ޤައުމުތަކުގައި ބްރޯޑްކާސްޓް ކޮށްފައެވެ. އަދި 2005 ވަނަ އަހަރު އޭ.ބީ.ޔޫ.އިން ބޭއްވި އޭ.ބީ.ޔޫ ޕްރައިޒް ފެސްޓިވަލަށް ޤައުމުތަކުން ހުށަހެޅި ޑޮކިއުމެންޓްރީތަކާއި ޕުރޮގުރާމުތައް ޝޯޓްލިސްޓް ކުރުމަށް ހޮވި ފަނޑިޔާރުންގެ ޕެނަލްގައިވެސް ޢާޞިފް ހިމެނިވަޑައިގެންފައިވެއެވެ. މީގެއިތުރުން، އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ބޭއްވި ޖެންޑަރއާ ބެހޭ ދެ ވާރކްޝޮޕެއްގައި ގެސްޓް ލެކްޗަރަރއެއްގެ ގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

         މިހާރު ރާއްޖޭގައި ހިންގާ ރޭޑިއޯ ޓީ.ވީ ޗެނަލްތައް ހިންގުމުގައި އިސްކޮށް ތިއްބެވީ މުޙަންމަދު ޢާޞިފާއެކު މަސައްކަތް ކުރައްވައި، އޭނާގެ ފަރާތުން އިރުޝާދާއި ތަޖްރިބާ ލިބިވަޑައިގެންފައިވާ ފަންނުވެރިންނެވެ. އެކަމަށް ޢާޞިފު ފަޚްރުވެރިވެވަޑައިގަންނަވައެވެ.

         މުޙައްމަދު  ޢާޞިފް މިހާރު ހުންނެވީ ،ވީ މީޑިއާގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަޤާމުގައެވެ. ޢާޞިފްގެ އުންމީދަކީ، މި ދާއިރާގެ ޚިދުމަތުގައި ކުރިއަށް ވަޑައިގަތުމެވެ. ޢާޞިފަށް ޤުދްރަތުން ލިބިވަޑައިގެންނެވި ހުށަހެޅުމުގެ ހުނަރު،  އާދެ!  އޭނާގެ  އެ އޮމާން ހިތްފަސޭހަ  އަޑުން  އަޅުގަނޑުމެންގެ ހިތްތަކަށް އިތުރު ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއްވުމެވެ.