ކެޕްޓަން އަޙްމަދު ޢާޠިފް
މއ.އުޑުވިލާ (މ.ނިވްހިލްމަން)

އަޙްމަދު ޢާޠިފްގެ މިޔުޒިކީ ޙަޔާތް ފެށިގެން އައީ މަދްރަސީ ދައުރުގައެވެ. އެއަށްފަހު، 1987 ވަނަ އަހަރު ސިފައިންގެ ޚިދްމަތާ ގުޅިވަޑައިގެން ހިސާބުން ފެށިގެން، ސިފައިންގެ ބޭންޑްގައި ޚިދްމަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. މިޔުޒިކް ޝޯއެއްގައި ޢާޠިފް އެންމެ ފުރަތަމަ ފެނިގެން ދިޔައީ، ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން އިންތިޒާމް ކުރައްވައިގެން، 1987 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ އޯޑިއޯންގައި ބޭއްވި މިޔުޒިކް ޝޯއިންނެވެ.

ޢާޠިފްގެ އަޑު ޢާންމުކޮށް އަޅުގަނޑުމެންނަށް އިވެން ފެށީ، 1988 ވަނަ އަހަރުން ފެށިގެންނެވެ. އޭނާގެ ފުރަތަމަ ލަވަ އިވިގެންދިޔައީ، 1988 ވަނަ އަހަރުގެ ދިވެހި ފަންނާނުންގެ ޝޯއިންނެވެ. ޢާޠިފްގެ ލަވަތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔަ އެއްލަވަޔަކީ އަލްމަރްޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ހައްދަވާފައިވާ "ދިވެހި ޤައުމީ ޒުވާނުން ކެރޭ" މިލަވައެވެ. އެލަވަ ޢާތިފް ވިދާޅުވެފައިވަނީ، މަސްޢޫދު މޫސާދީދީއާ އެކުގައެވެ.

1989 ވަނަ އަހަރު ސިފައިންގެ "ކޮޕްސް" ބޭންޑް އުފެދުނު ހިސާބުން ފެށިގެން، ޢާޠިފްގެ ވަރަށްގިނަ ލަވަތައް އިވެމުންދިޔައެވެ. ޚާއްޞަކޮށް، އަމިއްލަ ރާގުތަކަށް ވިދާޅުވެފައިވާ ލަވަތައް ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، "މަސްތުވެއްޖޭ ފެނިފައި މިތުރާ" މި ލަވައާއި، "ގެންދާށެ ވަޔާ" "އޭ މަލާ ތިޔައީ މަގޭ" "އިޙްސާސެއްވޭހޭ" "ޖޯޝޭ ގެނައި މީ ޤައުމީ އުފާ" ފަދަ ލަވަތަކުގެ މަތިން ހަނދާންކޮށްލަން ޖެހެއެވެ. ޢާޠިފަކީ ކޮޕްސް ބޭންޑްގެ ކީބޯޑް އާޓިސްޓެއްވެސް މެއެވެ.

އެކިއެކި ޝޯތަކުގައި ޢާޠިފް ވިދާޅުވެފައިވާ ލަވަތަކާއި އަދި ރެކޯޑު ކުރެވިފައިވާ ލަވަތަކުގެ އަދަދު މިހާރު 500 އާ ކައިރިކުރާއިރު، މިހާތަނަށް އެއްވެސް ލަވައެއް އަގަށް ވިދާޅުވެފައިނުވާކަން އެއީ ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. 80 އަށްވުރެ ގިނަ އަދަދެއްގެ އަމިއްލަ ރާގު ކޮޕްސް ބޭންޑުން ހުށަހަޅައިދީފައިވާއިރު، މިއިން ކޮންމެ ރާގެއްގައިވެސް ޢާޠިފްގެ ޙިއްޞާ ވެއެވެ. އަދި މިދެންނެވި 80 އަށްވުރެ ގިނަ ލަވައިގެ ތެރެއިން 50 އަށްވުރެ ގިނަ ލަވަ ވިދާޅުވެފައިވަނީ، ޚުދު ޢާޠިފެވެ. މީގެއިތުރުން، ބައެއް މަދަޙަވެސް އޭނާ ވިދާޅުވެފައިވެއެވެ.

އެކިއެކި މުނާސަބަތުތަކާ ގުޅިގެން، ތައްޔާރުކުރާ ލަވަތަކުގައިވެސް ޢާޠިފްގެ ޙިއްޞާ ވަރަށް ބޮޑެވެ. މިނިވަންދުވަސް، ޤައުމީ ދުވަސް، ނަޞްރުގެ ދުވަސް އަދި ޢީދު ދުވަސްފަދަ ދުވަސްތަކާ ގުޅިގެން އެކިއެކި ފަރާތްތަކުން ތައްޔާރުކުރައްވާ ލަވަތައް ތައްޔާރުކޮށްދެއްވުމުގައި ޢާޠިފްވަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުއްވައިދެއްވާފައެވެ.

ޤައުމީ ލަވަ މުބާރާތެއް ނަމަވެސް ނުވަތަ އެކިއެކި ފަރާތްތަކުން އިންތިޒާމުކުރާ އެކިއެކި ލަވަ މުބާރާތުގައި ކަމަށްވިޔަސް، ޖަޖުންގެ ޕެނަލުން ޢާޠިފް ނުފެންނަ މުބާރާތެއް ވަރަށް މަދޭ ދެންނެވުމަކީ، ދެންނެވޭ ކުށްބަހަކަށް ނުވާނެއެވެ. މާލޭގެ ސްކޫލްތަކުގެ ކުދިންގެ ލަވަ މުބާރާތްތަކުގަޔާއި، ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލްތަކުގެ ކުދިންގެ މެދުގައި ބޭއްވޭ ލަވަ މުބާރާތްތަކުގަޔާއި، އެކި ޓީ.ވީ ޗެނަލްތަކުން ބާއްވާ ލަވަ މުބާރާތްތަކުގެ ފަނޑިޔާރުކަން، ޢާޠިފް ވަނީ އެތައްފަހަރަކު ކޮށްދެއްވާފައެވެ.

ޢާޠިފު، "ޑައިފޮނިކްސް އޯޑިއޯ ޓްރެކްސް"ގެ ނަމުގައި 1997 ވަނަ އަހަރު ރެކޯޑިންގ ސްޓޫޑިއޯއެއް އުފައްދައި، އެ ސްޓޯޑިއޯއިން ޚިދްމަތް ދެއްވަމުން ގެންދަވައެވެ. ޖުމްހޫރީ ދުވަސް، ޤައުމީ ދުވަސްފަދަ ދުވަސްތަކަށް ތައްޔާރުކުރާ ލަވަތަކުގެ ބެކް މިޔުޒިކް ތައްޔާރުކޮށްދެއްވުމުގެ އިތުރަށް، އަމިއްލަ ފަރާތްތަކުން އުފައްދާ ދިވެހި ފިލްމުތަކަށާއި، އޯޑިއޯ އަލްބަމްތަކަށް، އެ ސްޓޫޑިއޯއިން ލަވަ ތައްޔާރުކޮށްދެއްވައި، ބެކް މިޔުޒިކް އަޅުއްވައިދެއްވަމުން ގެންދަވައެވެ.

އަޙްމަދު ޢާޠިފް މިހާރު ހުންނެވީ، އެމް.އެން.ޑީ.އެފް.ގެ ކެޕްޓަން ކަމުގެ ރޭންކުގައެވެ. މިރޮނގުން މިއަދު ޤައުމީ ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޢާޠިފަށް ލިބިވަޑައިގަންނަވާއިރު، އޭނާއަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އެއް އުފަލަކީ، އޭނާގެ އެއް ބޭފުޅެއް ކަމަށްވާ ޔޫސުފު ޔުހާން ޢާޠިފު ލަވަކިޔުމުގެ ރޮނގުން ކާމިޔާބީތައް ހޯއްދަވަމުން ގެންދަވާ ކަމެވެ. ޢާޠިފްގެ ޢަޒުމަކީ، ރާއްޖެއަށާއި ރާއްޖޭގެ ޒުވާނުންނަށް މި ރޮނގުން އިތުރު ޚިދްމަތްތައް ކޮށްދެއްވުމެވެ.