އަލްފާޟިލާ ނާހިދާ ޢަލީ
ހ. ބޮޑުކޮށީގެ

ހަށިގަނޑު ރީތިކޮށް ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ޞިއްޙީގޮތުން އެންމެ މުހިންމު އެއްކަމަކީ، ކަސްރަތު ކުރުން ކަމަށްވާއިރު، މިރޮނގުން ދިވެހި މުޖްތަމަޢަށް ޚިދްމަތްތަކެއް ކޮށްދެއްވުމުގެ ޝައުޤުވެރިކަން ނާހިދާގެ ހިތްޕުޅުގައި އުފެދުނީ ،މީގެ  20 އަހަރު ކުރިންނެވެ. އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވެފައިވާ ނަމުންނަމަ ނާހީ، މިމަސައްކަތް ފެށްޓެވީ ހޮބީއެއްގެ ގޮތުގައެވެ.

މިއީވެސް މިރޮނގުން މަޢުލޫމާތުތަކެއް ލިބިގެން އަދި ތަމްރީނުތަކެއް ފުރިހަމަކޮށްގެން ނޫނީ ނުކުރެވޭނެ މަސައްކަތެއްކަން އޭނާ އޭރުވެސް ގަބޫލު ކުރެއްވިއެވެ. އަދި މިރޮނގުން ތަފާތު ތަމްރީނުތައް ފުރިހަމަކުރައްވަމުން ގެންދެވިއެވެ. އެއަރ މޯލްޑިވްސްގެ ވަޒީފާގައި ވަރަށް ބުރަކޮށް އުޅުއްވި ދުވަސްވަރުވެސް މާލޭގައި އޭނާ ހިންގަވަމުން ގެންދެވި ކޯސްތަކާއި ކްލާސްތައްވެސް ނަންގަވައި ދެއްވަމުން ގެންދެވީ ހިތްވަރާއި ވަރުގަދަ ޢަޒުމަކާއެކު ފޫހިކަމެއްނެތިއެވެ. އެދުވަސްވަރަކީ، ކަސްރަތު ކުރުމުގެ ޝައުޤުވެރިކަން ،ދިވެހި އަންހެނުންގެ ތެރޭގައި ވަރަށް ކުޑަގޮތަކަށް އޮތް ދުވަސްވަރަކަށް ވުމާއެކު، ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމާއި، ކަސްރަތު ކުރުމުގެ މުހިންމުކަން ،މާލެއާއި އަތޮޅުތެރޭގެ އެކި ޢުމުރުގެ އަންހެނުންނަށާއި، ކުޑަކުދިންނަށް އޮޅުންފިލުއްވައި ދެއްވުމަށްޓަކައި ،އެކި ޕްރޮގްރާމްތަކާއި ތަމްރީނުތައް، ހިލޭ ސާބަހަށް އޭނާ ހިންގަވައިދެއްވައެވެ.

މިރޮނގުން ތަފާތު ތަމްރީނުތައް ފުރިހަމަކުރައްވައި، ބައިނަލްއަޤްވާމީ ފެންވަރުގެ ސެޓްފިކެޓްތައް ނާހިދާވަނީ ހޯއްދަވާފައެވެ.  މާލޭގައި ހިންގާ ވަރަށްގިނަ ފިޓްނަސް ސެންޓަރުތަކުގައި މަސައްކަތް ކުރައްވައި، ތަފާތު ބާވަތްތަކުގެ ކަސްރަތު ކްލާސްތައް އޭނާ ހިންގަވާފައިވެއެވެ. ނާހިދާގެ މި ތަމްރީނުތަކާއި ތަޖުރިބާތަކާއެކު، އޭނާގެ މަސައްކަތް މިއަދު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.

"ފިޓް ފިޓްނަސް އެންޑް ހެލްތު ސްޓޫޑިއޯ"ގެ ނަމުގައި އަމިއްލަ ކަސްރަތު ކްލާހެއް މިހާރު ހިންގަވަމުން އެބަގެންދަވައެވެ. އަދި، އެމްޕަވަރ ފިޓްނަސް ސްޓޫޑިއޯގައި ކަސްރަތު ކްލާސްތަކެއް ނާހިދާ ނަންގަވައިދެއްވަން މިހާރުވަނީ ފަށްޓަވާފައެވެ. މި ސްޓޫޑިއޯގައި މިހާރުވެސް ޕްރޮފެޝަނަލް 10 އިންސްޓްރަކްޓަރަކު ވަޒީފާ އަދާކުރައްވަމުން ގެންދަވައެވެ.

ނާހިދާގެ ފިޓްނަސް ސްޓޫޑިއޯއިން ހިންގަމުންގެންދާ ކަސްރަތު ކްލާސްތަކުގެ ތެރޭގައި، ޒުންބާ، ޒުންބާ ޓޯނިންގ، ޒުންބާ ސްޓެޕްސް، ޒުންބާ ކިޑްސް، ލެސްމިލްސް، ބޮޑީ ޕަންޕް، ބޮޑީ އެޓޭކް، ޔޯގާ ފިޓްބަރން، ފިޓް އެބްސް ހިމެނެއެވެ.

ނާހިދާ ހިންގަވާ ކަސްރަތު ކްލާސްތަކަކީ، އެކި އުމުރުގެ އަންހެން ބޭފުޅުންނަށް އަމާޒު ކުރައްވައިގެން ހިންގަވާ ކްލާސްތަކެކެވެ. 

ނާހިދާގެ ޚިދްމަތް، މާލޭގެ ބައެއް ސްކޫލްތަކަށްވެސް ލިބެމުންދެއެވެ. ސްކޫލްތަކުގައި ހިލޭ ސާބަހަށް އެކިއެކި ކްލާސްތައް އޭނާ ނަންގަވައި ދެއްވަމުން ގެންދަވައެވެ. މި ދާއިރާއަށް ޒުވާން އަންހެން ކުދިން ނެރުއްވުމުގެ ޢަޒުމުގައި މަސައްކަތް ކުރައްވައި، ދާދިފަހުން ޒުވާން 15 އަންހެން ކުދިން ހިލޭ ސާބަހަށް ތަމްރީނު ކުރައްވައި، މި ދާއިރާއަށް ނެރުއްވައިދެއްވާފައިވެއެވެ. ޓެލެވިޜަން މޯލްޑިވްސް މެދުވެރި ކުރައްވައިވެސް ކަސްރަތުގެ ތަފާތު ފިލާވަޅުތައް އޭނާވަނީ ޢާންމުންނަށް ހުށަހަޅުއްވައިދެއްވާފައެވެ. 

ނާހިދާގެ އުންމީދަކީ، އޭނާ މިކުރައްވާ މަސައްކަތުން ރާއްޖޭގެ އަންހެން ބޭފުޅުންގެ ހިތްޕުޅުގައި ކަސްރަތުގެ މުހިންމުކަމަށް އިތުރު ޝައުޤުވެރިކަމެއް އުފެދި، ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ކަސްރަތުގެ ދާއިރާއިން ފެނިގެން ދިޔުމެވެ. އަދި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކަސްރަތުގެ ޙަރަކާތްތައް ހިންގެވޭނެ ގޮތްތައް މެދުވެރިވެގެން ދިޔުމެވެ.