އަލްފާޟިލް އަޙްމަދު ޙިޝާން
ގ.ނީރުވީކް / މާލެ

 ކަންކަމަށް ލޯ ހުޅުވެނީ މައިންބަފައިންނާއި މުދައްރިސުން ކޮށްދެއްވާ މަސައްކަތުންކަން އަބަދުވެސް ގަބޫލުކުރައްވާ އަޙްމަދު ޙިޝާންގެ ހިތްޕުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚިދްމަތް ކުރުމުގެ ޝައުޤުވެރިކަން އުފެދުނީ 1999 ވަނަ އަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރެއްގައި، އުމުރުން ދުވަސްވީ މީހަކަށް އެހީވުމަށް، އޭނާގެ ގޭގައި ހުންނަވަން ޖެހިވަޑައިގެން ހިސާބުން ފެށިގެންނެވެ.

ލަންޑަނަށް ކުރެއްވި ދަތުރުފުޅަށްފަހު ޙިޝާން މާލެ ވަޑައިގެން، އުމުރުން ދުވަސްވީ މީހުންނަށް ޚިދްމަތް ކޮށްދެއްވަން ފެށްޓެވިއެވެ. އެގޮތުން އަވަށްޓެރިންނަށާއި، ތިމާގެ މީހުންގެ ތެރެއިން އުމުރުން ދުވަސްވެ، ބަލި ޙާލަތުގައިވާ ފަރާތްތަކަށް ޒިޔާރަތް  ކުރައްވައި، އެމީހުންގެ ބޭނުންތަކަކީ ކޮބައިތޯ ބައްލަވައި، އެބޭނުންތައް ފުއްދަވައިދެއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އަދި އަމިއްލަފުޅަށް ކޮށްނުދެއްވޭ ކަންކަމުގައި، އެހެން މީހުންގެ އެހީތެރިކަން ހޯއްދަވައިގެންވެސް ބަލިމީހާގެ ޙައްޤުގައި އެކި މަސައްކަތްތައް ކުރައްވަމުން ގެންދެވިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި ޙިޝާން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްތަކެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި ދައުލަތުގެ ތަފާތު މުއައްސަސާތަކަށް ޙިޝާން ވަޑައިގެން، އެތަންތާނގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތަކާއި، އެމީހުންނަށް ލިބެންޖެހޭ ޢިނާޔަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވައި، އެމީހުންގެ ޙައްޤުގައި ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. އެމަސައްކަތުގައި ޙިޝާނަށް ކުރިމަތިވެވަޑައިގެންނެވި އެންމެބޮޑު ގޮންޖެހުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ބެހޭގޮތުން ކަމާބެހޭ މުއައްސަސާތަކުގައި، އެކަމާ ބެހޭގޮތުން އެއްވެސްވަރަކަށް ހޭލުންތެރިކަން ނެތުމެވެ. އަދި އެކަން ދެނެގަނެވުނު ހިސާބުން ފެށިގެން މީޑިއާއާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކުރައްވައި، ހޭލުންތެރިކުރުމުގެ މަސައްކަތް ފެށްޓެވިއެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޝުޢޫރުތަކާއި ބޭނުންތައް، ކަމާބެހޭ ފަރާތްތަކަށާއި މުޖްތަމަޢަށް ހާމަކޮށްދެއްވަން އޭނާ ފެށްޓެވި "ހިމޭން މުޒާހަރާ" އެވެ. މީހަކަށް އެކަނިވެސް މުޖްތަމަޢަށް ބަދަލެއް ގެނެވިދާނެ ކަމަށް ދެކެވަޑައިގެން، އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކަށް، ގިނަ ބަޔަކު ސަމާލުކަންދޭން ފެށިކަން އެއީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ޚާއްޞަ އުފަލެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ދުނިޔޭގެ އެހެން ޤައުމުތަކުގައި ޚިދްމަތްދޭގޮތާއި، އެކަންކަމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބެއްލެވުމަށް ސްރީލަންކާއަށާއި ތުރުކީގެ އިސްތަންބޫލްގެ އެފަދަ މަރްކަޒުތަކަށް ޙިޝާންވަނީ ޒިޔާރަތް ކުރައްވައި، މަޢުލޫމާތު ހޯއްދަވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތަފާތު އެހީއަށް ބޭނުންވާ ގިނަ އަދަދެއްގެ ކުދިންނަށް ދާއިމީކޮށް މާލީ ޢިނާޔަތް ލިބޭނެގޮތަށް، އަމިއްލަ ފަރާތްތަކުންނާއި، ބައެއް ކުންފުނިތަކުން ސްޕޮންސަރ ލިބޭނެގޮތްތައް ޙިޝާން ވަނީ ހައްދަވައިދެއްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ހިނގާބިނގާވެ އުޅުމަށް ޢުޛުރުވެރިވެފައިވާ ފަރާތްތަކަށް، ފުރޮޅުލީ 100 އަށްވުރެ ގިނަ ގޮނޑި، އަމިއްލަ ޚަރަދުގައި ދެއްވާފައިވެއެވެ. މި ގޮނޑިތައް މަރާމާތުކޮށްދެއްވައި ހައްދަވަނީވެސް ޙިޝާނެވެ. މީގެއިތުރުން އެމީހުންނަށް ބޭނުންވާ އަސަޔާއި، ކުރަޗް، އަދި ކޭންސްފަދަ ތަކެތިވެސް އަމިއްލަ ޚަރަދުގައި ހޯއްދަވައި ދެއްވަމުން ގެންދަވައެވެ.

ޙިޝާން ކުރައްވަމުން ގެންދަވާ މިފަދަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި މަސައްކަތްކުރާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލަޔާއި، ސަރުކާރުން ދެއްވާ އިނާމު، މި އަހަރު އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ޙިޝާންގެ އުންމީދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އުމުރުން ދުވަސްވީ މީހުންނަށް ޚިދްމަތް ކުރެއްވުމުގައި، މުޅި އުމުރު ހޭދަކޮށްލެއްވުމެވެ. އޭނާގެ މަޤްޞަދު މާތްގެ އިރާދަފުޅާއެކު މިއަދު މިދަނީ ހާސިލު ވަމުންނެވެ.