އަލްފާޟިލް ޙުސައިން ރަޝީދު
މ.ހުދުހުދާގެ / މާލެ

ދަނޑުވެރިކަމުގެ ދާއިރާގެ ޚިދްމަތާ، ޙުސައިން ރަޝީދު ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖެއަށް ކުރިމަތިވި ބޮޑުތަދުގައި، ހައިހޫނުކަމުގެ އިޙްސާސްތައް ކުރަމުންދިޔަ އެތައްބަޔަކު މިދުނިޔެއާ ވަކިވެގެންދިޔަ ހިތާމަވެރި ހާދިސާއާ، ޙުސައިން ރަޝީދު ދަނޑުވެރިކަމުގެ ދާއިރާއަށް ނުކުމެވަޑައިގަތުމާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ޙުސައިން ރަޝީދުގެ ޢާއިލާގެ ގިނަ މެންބަރުން، މި ހައިހޫނުކަމުގައި މިދުނިޔެއާ ވަކިވެގެންދިޔަ ހިތާމަވެރި ހާދިސާގެ ވާހަކަ، ޙުސައިން ރަޝީދުގެ ލޮބުވެތި ބައްޕަ ކިޔައިދެއްވި ހިސާބުން ފެށިގެން ދަނޑުވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގަތުމުގެ ޝައުޤުވެރިކަން އޭނާގެ ހިތްޕުޅުގައި އުފެދުނެވެ. އެފަދަ ބޮޑު ތަދުމަޑުކަމެއްގައި، ރާއްޖޭގެ ގިނަ ބަޔަކު މި ދުނިޔެއާ ވަކިވެގެން ދިޔައީ، ރާއްޖޭގައި އޭރު އެކަށީގެންވާ ފެންވަރަކަށް، އަދި އެކަށީގެންވާ މިންވަރެއްގައި ކާބޯތަކެތި ހެއްދިފައި ނެތުމުންނާއި، އެކަމުގެ ހޭލުންތެރިކަންވެސް ނެތުމުން ކަމަށް، ޚުދު އޭނާ އަމިއްލަފުޅަށް ގަބޫލުކުރައްވައި، މިދާއިރާއިން ޚިދްމަތަށް ނުކުންނެވީއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފީލްޑް އޮފިސަރުގެ މަގާމުން ދަނޑުވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގެންނެވި ޙުސައިން ރަޝީދު، އެންމެ ދިގު މުއްދަތެއްގައި ކުރައްވާފައިވަނީ، ދަނޑުވެރިކަމުގެ މަޢުލޫމާތުތައް ފެތުރުމުގެ މަސައްކަތެވެ.

މިއަދު ޙުސައިން ރަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެގްރޯ ސަރވިސަސްގެ ނަމުގައި އަމިއްލަ ކުންފުންޏެއް އުފައްދަވައިގެންނެވެ. އެ ކުންފުނިން ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި، އެކި އުމުރުގެ މީހުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވައެވެ. ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން، ދަނޑުވެރިކަން ކުރާނެގޮތް ދަސްކޮށްދެއްވައި، އެފަދަ މަސައްކަތްކުރާ ފަރާތްތަކުގެ ދަނޑުތައް ބަލަހައްޓާނެ ގޮތުގެ މައުލޫމާތު ދެއްވަމުން ގެންދަވައެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް މަޢުލޫމާތު ދެއްވައި، އެމަސައްކަތުގައި ކުރިއަށް ދިޔުމަށް ހިތްވަރު ދެއްވަމުން ގެންދެވިއެވެ. ރަށްރަށުގެ ބައެއް ޖަމްޢިއްޔާ، ޖަމާޢަތްތަކުން އެދިގެން އަދި ހަމައެކަނި ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމުން، ހިލޭ ސާބަހަށް ތަފާތު ކޯސްތައް އެކިފަހަރުމަތިން ހިންގަވައި ދެއްވާފައިވެއެވެ.

ރާއްޖޭގެ ދަނޑުވެރިކަން، ވިޔަފާރީގެ އުޞޫލުން ފުޅާ ދާއިރާއެއްގައި ކުރުމަށްޓަކައި ކޮމާރޝަލް ފަރމިންގގެ މަސައްކަތް ޢާންމުކޮށް ފެންނާނެ ގޮތަށް، އިންތިޒާމު ކޮށްދެއްވައި، އެކަން އެންމެ ފުރަތަމަ ފެށްޓެވީވެސް ޙުސައިން ރަޝީދެވެ. އަދި ރާއްޖޭގެ ދަނޑުވެރިންނަށް، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމުގެ އިތުބާރާއި ޔަޤީންކަން ހޯއްދަވައި ދެއްވުމަށްޓަކައި ލ. މެންދޫ އެގްރިކަލްޗަރ ސެންޓަރުގައި މަސައްކަތްތައް ރާއްވަވައި ހިންގަވައި ދެއްވީވެސް ޙުސައިން ރަޝީދެވެ.

ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން، ރޭޑިއޯ އާއި ޓީ.ވީ އާއި ޚަބަރުފަތުރާ އެހެން ވަސީލަތްތައް މެދުވެރިކުރައްވައި، ދަނޑުވެރިކަމާބެހޭ ތަފާތު މަޢުލޫމާތުތައް ޙުސައިން ރަޝީދު ގެނެސްދެއްވާފައިވެއެވެ. ދިވެހި ފަސްގަނޑާ ގުޅޭ ތައްޔާރީ ގަސްކާނާއެއް ފޮމިއުލޭޓްކޮށް އުފައްދައި، "ފަރިވަޅު" ގަސްކާނާގެ ނަމުގައި ދަނޑުވެރިންނަށް ތަޢާރުފް ކުރައްވާފައިވެއެވެ. މިއީ ރާއްޖޭގައި މިހާރު އެންމެފުޅާ ދާއިރާގައި ބޭނުންކުރެވޭ އަދި ދަނޑުވެރިންގެ މެދުގައި އެންމެ މަޤްބޫލު އެއް ގަސްކާނާއެވެ. މި ގަސްކާނާއަށް އިތުރު ބަދަލުތައް ގެނެސް. "އެގްރޯ ފަރިވަޅު" ނަމުގައި ބްރޭންޑް ކުރެވި ޒަމާނީ ފެންވަރަށް ބަންދުކޮށް މިހާރު ވަނީ މާކެޓަށް ނެރުއްވާފައެވެ. މީގެއިތުރުން، ގަސްހައްދާ ފަރާތްތަކަށް ބޭނުންވާ ގަސްކާނާ ސޮލިއުޝަނެއް ތައްޔާރުކުރައްވައި، "ފަރިވަޅު ސޮލިއުޝަން"ގެ ނަމުގައި މާކެޓަށް ނެރުއްވާފައިވެއެވެ.

ޙުސައިން ރަޝީދުގެ ޢަޒުމަކީ، މިރޮނގުން އަދިވެސް އިތުރު ކާމިޔާބީތައް ހާސިލު ކުރެއްވުމެވެ. ހަމައެއާއެކު، ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދު މަދުކުރައްވައިގެން، ރާއްޖޭގައި އުފައްދާ ތަކެތީގެ އަދަދު އިތުރުކުރެއްވުމެވެ.