އަލްފާޟިލް އިސްޙާޤު ޞާލިޙު
ހުޅަނގުގެ/ސ. މަރަދޫ


ފަތުރުވެރިކަމުގެ ދާއިރާއިން ކެއްކުމުގެ ހުނަރުވެރިކަން ކުރިއެރުވުމުގެ ރޮނގުން މިހާތަނަށް އެއްވެސް ބޭފުޅަކަށް ހިތްވަރު ދިނުމުގެ އިނާމެއް ލިބިވަޑައިގެންފައެއް ނެތެވެ. އެހެންނަމަވެސް، އިސްޙާޤު ޞާލިޙަށް މިރޮނގުން ހިތްވަރު ދިނުމުގެ އިނާމެއް މި ލިބިވަޑައިގަންނަވަނީ، މިވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، ޚާއްޞަކޮށް، ފަތުރުވެރިންނަށް ތަފާތު ބާވަތްބާވަތުގެ ކެއްކުންތައް ތައްޔާރުކޮށްދެއްވުމަށް ކުރައްވާފައިވާ ހީވާގި މަސައްކަތްތަކުގެ ސަބަބުންނެވެ.

އިސްޙާޤު ޞާލިޙަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޝެފެކެވެ. މިއަދު އޭނާ ހުންނެވީ، އަނަންތަރާ ކިހަވައް ރިޒޯޓުގެ ޝެފް ޑި ކުއިޒިންގގެ މަގާމުގައެވެ.

އިސްޙާޤު ޞާލިޙު ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، މިރޮނގުން ކުރިއަށް ވަޑައިގަތުމަށް ނިންމެވީއެވެ. ކައްކާއެއްގެ ވަޒީފާއަކީ ވަރަށް ދަށް ފެންވަރުގެ ވަޒީފާއެއް ކަމަށް އޭރު ބައެއް ފަރާތްތަކުން ދުށްކަމުގައިވިޔަސް، މިއަދު އެކަން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކެއްކުމަކީވެސް ވަކި ހުނަރުތަކެއް ލިބިގެން، ކުރިއަށް ދެވޭނެ މުހިންމު ރޮނގެއްކަން މިއަދު އަޅުގަނޑުމެންނަށް ވަޒަން ކުރެވެއެވެ. އިސްޙާޤު، މިރޮނގުން ކިޔަވައިވިދާޅުވުމަށް އެންމެ ފުރަތަމަ ވެދެވަޑައިގަތީ، ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒަށެވެ. އެތަނުގައި ތަފާތު ކޯސްތައް ފުރިހަމަކުރެއްވިއެވެ. އަދި މިއަދު އޭނާ ގެންދަވަނީ، މިރޮނގުން މަތީ ތަޢުލީމު ހާސިލުކުރައްވަމުންނެވެ. 

އިސްޙާޤު މިހާތަނަށް އެކިއެކި ރިޒޯޓުތަކުގައި މަސައްކަތް ކުރައްވާފައިވާއިރު، ކޮންމެ ރިޒޯޓަކުންވެސް އޭނާގެ މަސައްކަތްތައް ފާހަގަކުރެއެވެ. އޭނާ އިޚްލާޞްތެރިކަމާއެކު ކޮށްދެއްވި ޚިދްމަތްތަކުގެ އަގު، އެ ރިޒޯޓުތަކުން ވަޒަންކުރެއެވެ. އިސްޙާޤު ވަނީ ކެއްކުމުގެ ހުނަރުވެރިކަމުގެ ރޮނގުން ރާއްޖެއިން ބޭރުގައިވެސް ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައެވެ. އެގޮތުން، ޖަރުމަން، ތައިލެންޑް، ވިއެޓްނާމުގައި އޭނާވަނީ، މިރޮނގުން ތަމްރީނުތައް ފުރިހަމަކުރައްވާފައެވެ. އަދި ރިޒޯޓު ފެންވަރުގައި ހިންގާފައިވާ ޕްރޮގްރާމްތަކުގައިވެސް އޭނާވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކެއްކުމުގެ ހުނަރުވެރިކަމުގެ ރޮނގުން އޭނާވަނީ އެތައް ބަޔަކު ތަމްރީނު ކުރައްވާފައެވެ. ޚާއްޞަކޮށް، ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި އޭނާވަނީ އެކިއެކި ކޯސްތަކުގައި ކިޔަވައިދެއްވާފައެވެ. އަދި ބައެއް ރިޒޯޓުތަކުގައި އޭނާ ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ހިލޭ ސާބަހަށް މީހުންނަށް އެ މަސައްކަތް ދަސްކޮށްދެއްވަމުން ގެންދެވިއެވެ. މިގޮތުން، ބަނޑޮހުގައި ވަޒީފާ އަދާކުރެއްވިއިރު، ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، ކެއްކުމުގެ ހުނަރުވެރިކަމުގެ ރޮނގުން ކުރިއަށްދާން އެދޭ ކުދިންނަށާއި މީހުންނަށް ޚާއްޞަ ކޯސްތަކެއް އެތަނުގައި ހިންގެވިއެވެ. ރާއްޖޭގައި މިރޮނގުން މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ދި ޓީ.ވީ.ގެ ދެ ޕްރޮގްރާމެއް، 2010 ވަނަ އަހަރު ހުށަހަޅުއްވައި ދެއްވާފައި ވެއެވެ. އަދި 2012 ،2011 ،2010 މި ތިން އަހަރު ބަނޑޮހުގައި ކައުންސިލަރުންނަށް ހިންގުނު ތަމްރީނު ޕްރޮގްރާމްތަކުގައި، ޒުވާނުން މިކަމަށް ހޭލުންތެރިކުރުވުމަށްޓަކައި މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި އެ ތިން އަހަރު ބަނޑޮހުގައި ބޭއްވުނު ޔޫތު ލީޑަރޝިޕް ޕްރޮގްރާމްގައިވެސް މަޢުލޫމާތު ދެއްވާފައި ވެއެވެ. އިސްޙާޤު ތަމްރީނު ކުރެއްވި ގިނަ އަދަދެއްގެ ދަރިވަރުން މިއަދު އެކިއެކި ރިޒޯޓްތަކުގައި ޝެފެއްގެ ވަޒީފާ އަދާކުރަމުންދާކަން އެއީ، އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށް ޚާއްޞަ އުފަލެކެވެ.

2006 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖްގައި އިޞްޙާޤު ބައިވެރިވެވަޑައިގެން، ސީފުޑް ކެޓަގަރީން ގޯލްޑް މެޑެލް ހޯއްދަވާފައިވެއެވެ. އަދި 2008 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ޝެފް ގިލްޑް ކަލިނަރީ ޗެލެންޖް ލޭމްބް ކެޓަގަރީން ގޯލްޑް މެޑެލް ލިބިވަޑައިގެންފައިވެއެވެ.

އިސްޙާޤު ޞާލިޙުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައި، މާސްޓަރ ޝެފަކަށް ވެވަޑައިގެން، ރާއްޖެއަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިރޮނގުން އިތުރު ޚިދްމަތްތަކެއް ކޮށްދެއްވައި، ގިނަ އަދަދެއްގެ ދިވެހިން މިދާއިރާއަށް ނެރުއްވުމެވެ.