އަލްފާޟިލް އާދަމް ރަޝީދު
ގ.އަޑިމަގު / މާލެ

އާދަމް ރަޝީދަކީ، މަސްވެރިކަމުގެ ދާއިރާގައި އާދަޔާ ޚިލާފު ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. 1985 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީގެ ވަޒީފާއަށް އާދަމް ރަޝީދު ވެދެވަޑައިގަތީއްސުރެ، އޮއިވާލި ކަނދުފަތީގެ މަސައްކަތުގައި މިއަދާ ހަމަޔަށް ދެމިހުންނެވި، އެކަމުގެ އެންމެ ތަޖުރިބާކާރު އެއްބޭފުޅަކީ، އާދަމް ރަޝީދެވެ. މި ވޭތުވެދިޔަ 29 އަހަރު، ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގެ މަސްކަނޑުތަކުގައި، ރާއްޖޭގެ ގިނަ އަދަދެއްގެ މަސްވެރިންނާ ގުޅިގެން، ރާއްޖޭގެ މަސްވެރިކަމަށާއި މަސްވެރިންނަށް، ނުހަނު ފައިދާހުރި މަސައްކަތްތަކެއް އޭނާވަނީ ކޮށްދެއްވާފައެވެ.

މަސްވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް އާދަމް ރަޝީދަށް މިއަދު މި އެރުވެނީ، އޮއިވާލި ކަނދުފަތި ހަރުކުރުމާއި އަދި ކަނދުފަތި ހަރުކުރަމުންދިޔަ އެކި ދުވަސްވަރު ކުރިމަތިވި އެކިއެކި ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލެއްވި އަދި ރާއްޖޭގެ މަސްވެރިންގެ ކުރިއެރުމަށާއި، މި ޞިނާޢަތުގެ ކުރިއެރުމަށްޓަކައި އޭނާ އަދާކުރެއްވި މުހިންމު ދައުރުގެ ސަބަބުން އެކަންޏެއް ނޫނެވެ. ހަމައެއާއެކު، އޮއިވާލި ކަނދުފަތި ހަރުކުރުމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ، މަސްވެރިންގެ ގިނަ އަދަދެއްގެ ބަޔަކަށް ފައިދާކުރި އަދި އާމްދަނީ ލިބެމުންދިޔަ މަސައްކަތް ކަމަށްވުމާއެކު، އާދަމް ރަޝީދުގެ އަމިއްލަ ތަޖުރިބާއާއި ހުނަރުން އެކަނިވެސް މި މަސައްކަތުގެ އުސް ކުރިބޯށްޓާ ހަމަޔަށް އޭނާ މިއަދު ދަތުރުކުރައްވާފައިވާތީއެވެ.

އާދަމް ރަޝީދު ވަނީ މިދާއިރާއިން މީހުން ތަމްރީނު ކުރެއްވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޮއިވާލި ކަނދުފަތީގެ މަސައްކަތް، އެތައް ބަޔަކަށް ދަސްކޮށްދެއްވާފައިވެއެވެ. މިއަދުގެ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝައިނީއަކީވެސް އާދަމް ރަޝީދާ އެކީގައި މި މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

އާދަމް ރަޝީދު ޔަމަނަށް ދަތުރުކުރައްވައި، އެތަނުގެ މަސްވެރިންނަށް ކަނދުފަތި އަޅާގޮތް ދަސްކޮށްދެއްވައި، 3 ކަނދުފަތި އަޅުއްވައިދެއްވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން މާލެ ވިލިނގިލީގައި ހިންގަވާ ފިޝް އެގްރިގޭޝަން ޑިވައިސް ސެންޓަރުގައި، ސްރީލަންކާގެ 5 ރައްޔިތަކަށާއި، އިންޑިޔާގެ 2 ރައްޔިތަކަށާއި، ބަންގްލަދޭޝްގެ ރައްޔިތަކަށް މި މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ.

ކަނދުފަތީގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ހުރިހާ ކުރިއެރުންތަކެއްގައިވެސް އާދަމް ރަޝީދުގެ ޙިއްޞާ ވަރަށް ބޮޑެވެ. އަދި ޒަމާނާ އެއްގޮތަށް ،ވަޔަރުލީ ވާ ބޭނުންކޮށްގެން ކަނދުފަތި އެޅުމާއި ތަޖުރިބާ ކުރުމުގެ ގޮތުން އެންކަނދުފަތި ހަރުކުރުމުގައިވެސް އާދަމް ރަޝީދުގެ ދައުރު ވަރަށް ބޮޑެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޓެކްނީޝަނެއްގެ މަގާމުގައި އޭނާ މިއަދު ހުންނެވި ކަމަށްވިޔަސްވެސް، ރަސްމީ ވަޒީފާގެ އިތުރުން، މިރޮނގުން އޭނާ މިހާތަނަށް ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު، ސަރުކާރުން ވަޒަން ކުރެއްވިކަން އެއީ، އާދަމް ރަޝީދަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފަލެކެވެ.

އާދަމް ރަޝީދުގެ މިއަދުގެވެސް ޢަޒުމަކީ، މަސްވެރިކަމުގެ ދާއިރާއިން ޤައުމަށާއި މުޖްތަމަޢަށް، ކުރިއަށް އޮތް ތާނގައިވެސް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވުމެވެ.