ސާޖަންޓް ފަސްޓް ކްލާސް އަލްޤާރީ މުޙައްމަދު އަސްލަމް
އަނަސް / ދ.ކުޑަހުވަދޫ

އަލްޤާރީ މުޙައްމަދު އަސްލަމަކީ ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ޤައުމަށާއި މުޖްތަމަޢަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމުގެ ޝައުޤުވެރިކަން، މުޙައްމަދު އަސްލަމްގެ ހިތްޕުޅުގައި އުފެދުނީ މީގެ ތިރީހަކަށް އަހަރު ކުރިންނެވެ. ޢުމުރުން އެންމެ 3 މަހުގައި މަންމަ ނިޔާވެފައިވާ މުޙައްމަދު އަސްލަމަށް މިކަމުގައި ކުރިއަށް ވަޑައިގަތުމުގެ މަގު ހުޅުއްވާލަދެއްވީ އޭނާގެ ލޮބުވެތި ބޭބެ ޙަސަން އަސްލަމެވެ.

މަދްރަސީ ދައުރުން ފެށިގެން އެކި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން، މުޙައްމަދު އަސްލަމް ވަނަތައް ހޯއްދަވަމުން ގެންދެވިއެވެ. އަދި އެދުވަސްވަރު ސްކޫލުގައި އުޅުއްވަމުން، ކުޑަކުދިންނަށް ޤުރްއާން ކިޔަވައިދެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ.

ސްކޫލް ދައުރު ނިންމެވުމަށްފަހު، މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާއިން ހިންގެވި ޤާރީ ކޯހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެދުވަސްވަރަކީ، ސަރުކާރަށް ޚިދްމަތް ކުރުމުގެ ބޮންޑުގެ ދަށުން ސިފައިންގެ ޚިދްމަތަށް ސްކޫލް ކުދިން ވައްދަވަމުން ގެންދެވި ދުވަސްވަރު ކަމަށްވާތީ، އަސްލަމަށް ސިފައިންގެއަށް ވެދެވަޑައިގަންނަވަން ޖެހުނީއެވެ. ސިފައިންގެ ވަޒީފާ ލިބިވަޑައިގެންނެވި ހިސާބުން އޭނާގެ ޙަޤީޤީ އުންމީދު، އާދެ، މަޝްހޫރު ޤާރީއަކަށް ވެވަޑައިގަތުމުގެ ހުވަފެން ޙަޤީޤަތަކަށް ދެން ނުވާނެކަމަށް އޭނާ ދެކެވަޑައިގަތެވެ. ޙަޤީޤަތުގައި ސިފައިންގެ ވަޒީފާއަށް ވެދެވަޑައިގަތުން ވެގެންދިޔައީ، އޭނާގެ ކުރިމަގަށް ހުޅުވުނު އިތުރު ދޮރޯށްޓަކަށެވެ. އެމް.އެން.ޑީ.އެފް.ގެ ލީޑަރޝިޕުން އަސްލަމަށް މި ފުރުޞަތު ފަސޭހަކަމާއެކު ހުޅުއްވާލަދެއްވިއެވެ. އޭގެ ނަތީޖާއަކީ، ޤާރީކޯހާއި، ޤުރްއާން މުދައްރިސް ކަމުގެ ޑިޕްލޯމާ ކޯހާއި އަދި ޤުރްއާން މުދައްރިސް އޮނަރސް ޑިގްރީ ކޯސް ފުރިހަމަކުރެއްވުމެވެ. އޭނާ، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން 6 ފަހަރު 1 ވަނަ،ފަހަރު 2 ވަނަ އަދި 2 ފަހަރު 3 ވަނަ ހާސިލު ކުރައްވާފައިވެއެވެ.

އަސްލަމް މިއަދު ހުންނެވީ، އެމް.އެން.ޑީ.އެފް.ގެ ސާޖެންޓް ފަސްޓް ކްލާސް ކަމުގެ ރޭންކުގައެވެ. އެމް.އެން.ޑީ.އެފުން ރާއްޖޭގެ އަތޮޅުތަކުގައި ހިންގަވާ ޤުރްއާން ކިޔަވައިދިނުމުގެ މޭސްތިރިއަކީ އަސްލަމެވެ. އަސްލަމް ވަނީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ޤުރްއާން މުބާރާތް، އަލިގަދަ ތަރީގެ ފުރަތަމަ މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި ރާއްޖޭގެ ބައެއް ޤައުމީ ޤުރްއާން މުބާރާތްތަކުގަޔާއި އަދި އެހެން އެތައް މުބާރާތެއްގައި ފަނޑިޔާރުކަން ކުރައްވާފައިވެއެވެ.

މިހާރުވެސް އެތައް ދަރިވަރުންނަކަށް ޤުރްއާން ކިޔަވައި ދެއްވަމުން ގެންދަވާ އަސްލަމަކީ، މިރޮނގުން ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެންމެ ކާމިޔާބު އެއް މުދައްރިސެވެ. ރާއްޖެއިން ބޭރުގައި ބާއްވާ ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތްތަކުގައި، ރާއްޖޭގެ ދަރިވަރުން ހޯދާފައިވާ މުހިންމު ބައެއް ކާމިޔާބީތަކުގަޔާއި، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ސްކޫލްތަކުންނާއި އެ ސްކޫލްތަކުގެ ދަރިވަރުން ހޯދާފައިވާ ކާމިޔާބީތަކުގައި އަސްލަމްގެ ޙިއްޞާ ވަރަށް ބޮޑެވެ.

ސިފައިންގެ ޚިދްމަތުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއް މިހާރު ވޭތުކުރައްވާފައިވާ އަސްލަމް މިހާރު ކުރައްވަމުން ގެންދަވަނީ، ރާއްޖޭގެ ތުއްތު ކުދިންނަށް ޤުރްއާން އުނގަންނައިދިނުމާއި، އަކުރު އުނގަންނައިދޭ ސީޑީއެއް، އޭނާގެ އަޑުން ރެކޯޑު ކުރައްވާފައި ނެރުއްވުމުގެ މަސައްކަތެވެ. ކީރިތި   رســول اللّـه صـلّى الله علـيـه وسـلّم  ޙަދީޘް ކުރައްވާފައިވާ ފަދައިން، މާތްﷲގެ ޙަޟްރަތުގައި އެންމެ ހެޔޮކަން ބޮޑު މީހަކީ، ޤުރްއާން އުނގެނި، އަނެކުންނަށް އެ ޤުރްއާން އުނގަންނައިދޭ މީހާ ކަމަށްވާހިނދު، އެކަން އޭނާގެ ހިތްޕުޅުގައި އަބަދުވެސް ވަނީ ބިންވަޅު ނެގިފައެވެ.