އަލްފާޟިލް މުޙައްމަދު ޝަހީބު
ހ.ރީތިގަސްދޮށުގެ

               ނޫސްވެރިކަމުގެ ރޮނގުން މުޙަންމަދު ޝަހީބު މަސައްކަތް ކުރައްވަން ފެށްޓެވީ، 1989 ވަނަ އަހަރުއެވެ. މި މަސައްކަތް ފެށްޓެވިއިރު، ޝަހީބު ހުންނެވީ ކޮޅުނބުގައި ކަމަށްވުމުން، ފުރަތަމަ މަަސައްކަތް ކުރެއްވީ، ކޮޅުނބުގައި ހުންނަ "ހަވީރު"ގެ ޚާއްޞަ ކޮރެސްޕޮންޑެންޓެއްގެ ގޮތުގައެވެ. އޭގެފަހުން ރާއްޖެ ވަޑައިގެން "ހަވީރު"ގެ ރިޕޯޓަރެއްގެ ގޮތުން މަސައްކަތް ކުރައްވަން ފެށްޓެވިއެވެ. ފާއިތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި، "ހަވީރު" ނޫހުގެ ތަފާތު މަޤާމުތައް ޝަހީބު ވަނީ ފުރުއްވާފައެވެ. އެ މަޤާމުތަކުގެ ތެރޭގައި، ސަބް އެޑިޓަރުކަމާއި، އެސިސްޓެންޓް އެޑިޓަރުކަމާއި، ސީނިއަރ އެސިސްޓެންޓް އެޑިޓަރުކަން ހިމެނެއެވެ. މިހާރު ޝަހީބަކީ، "ހަވީރު"ގެ ސްޕޯޓްސް އެޑިޓަރެވެ. މީގެ އިތުރުން ޝަހީބަކީ، ހަވީރުގެ ފަރާތުން ނެރޭ "ހުވާސް" މަޖައްލާގެ އެޑިޓަރުވެސްމެއެވެ.

               ނޫސްވެރިކަމުގައި ޝަހީބު ޚާއްޞަވެވަޑައިގެންފައިވާ ދާއިރާއަކީ، ދިވެހި ކުޅިވަރެވެ. ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ ބޮޑެތި ކުޅިވަރު މުބާރާތްތަކުގައި ދިވެހި ކުޅުންތެރިންގެ ދުވެލި، ނޫހަށް ގެނެސްދެއްވުމަށްޓަކައި ޝަހީބު ވަނީ އެ ޓީމުތަކާއެކު ރާއްޖެއިން ބޭރަށް ވަޑައިގެން، ޚަބަރާއި ފޮޓޯ ފޮނުއްވާފައެވެ.

               ނޫސްވެރިކަމުގެ މަސައްކަތް މެދުނުކެނޑި ކުރައްވާތާ އެންމެ ގިނަދުވަސްވީ ނޫސްވެރިންގެ ތެރޭގައި، މުޙަންމަދު ޝަހީބު ހިމެނިވަޑަައިގަންނަވައެވެ. ދިވެހި ނޫސްވެރިކަމުގެ ޚިދުމަތުގެ ރިހި ގަލަމާއި، "ހަވީރު"ގެ ރަންގަލަން، ޝަަހީބަށް ލިބިވަޑައިގެނެްފައިވެއެވެ.