ކުރެހުމާއި ފަރުމާކުރުމުގެ މަސައްކަތް، އަޙްމަދު ޝުޖާޢު ޤައުމީ ފެންވަރެއްގައި ކުރައްވަން ފެށްޓެވީ، މަދްރަސީ ދައުރުގައި، 1983 ވަނަ އަހަރުއެވެ. މިގޮތުން ޝުޖާޢު ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ފުޅަނދުބުރުގެ ފުޅަނދުތައް ފަރުމާކުރެއްވުމާއި، ބޭރުގެ ޢިއްޒަތްތެރިންނަށް މަރުޙަބާ ދެންނެވުމަށް ޒީނަތްތެެރިކުރުމުގެ ގޮތުން ތައްޔާރުކުރާ ގިޑިގެތައް ފަރުމާކުރެއްވުމާއި، ރައީސުލްޖުމްހޫރިއްޔާ އެކިއެކި މުނާސަބަތުތަކުގައި ފޮނުއްވާ ތަހުނިިޔާ ކާޑު ފަރުމާކޮށްދެއްވުމާއި، ސްޓޭމްޕާއި ލޯގޯ ފަރުމާކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، ބައެއް ރިޒޯޓުތަކުގެ ބިޑްކުރެހުންތައްވެސް ފަރުމާކުރައްވާފައިވެއެވެ. ކ.ހެނބަދުއާއި، ޅ.މަދިރިގުރައިދުއާއި، ޅ.ހުދުފުށީގެ ކުރެހުންތައް މީގެތެރޭގައި ހިމެނެއެވެ. ޓީ.ވީ.އެމް. އިން ބާއްވަވަމުން ގެންދަވާ، މަދަރުސާތަކުގެ ކުދިންގެ ލަވަ މުބާރާތްތަކުގައި ސްޓޭޖް ފަރުމާކުރެއްވުމުގެ އިތުރަށް، ބައެއް މިޔުޒިކް ޝޯތަކާއި، ކުއިޒް މުބާރާތްތަކުގެ ސެޓުތައްވެސް، ޝުޖާޢު ތައްޔާރުކޮށްދެއްވާފައިވެއެވެ.
ކުރެހުމުގެ ފަންނުން، އަޙްމަދު ޝުޖާޢަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރެއިން، 1982 ވަނައަހަރު ޗައިނާގައި ބޭއްވުނު ދުނިޔޭގެ ސްކޫލް ކުދިންގެ 12 ވަނަ ކުރެހުމުގެ މުބާރާތުން ރިހި މެޑެއްޔެއް ހޯއްދަވާފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ، މިރޮނގުން ރާއްޖެއަށް ހޯއްދަވައިދެއްވި މިފަދަ ފުރަތަމަ މެޑެލްވެސްމެއެވެ.