އަލްފާޟިލާ ޝާޢިރާ ސަލީމް
ހ. ލަކީކޯނަރ

               ޝާޢިރާ ސަލީމަކީ، ޚާއްޞަކޮށް، އަންހެނުންގެ ތަޢުލީމާއި ކުރިއެރުމަށް، އަންހެނުންގެ ޙައްޤުތަކާއި، ޖިސްމާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އަންގައިދީ، އަދި ދިވެހި އަންހެނުންނާއި ފިރިހެނުންނާއި ޒުވާނުންނަކީ، ޞިއްޙީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ބަޔަކަށް ހެއްދެވުމުގެ މަޤްޞަދުގައި، "ޝެރީ ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި 1998 ގައި ކުންފުންޏެއް އުފައްދަވައިގެން، "ޝެރީ"ގެ ނަމުގައި ޚިދުމަތްތަކެއް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. "ޝެރީ" އިން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރޭގައި، ހިތުގެ ހިނގުމާއި، ނާރުތަކަށް ބޭނުންވާ ކަސްރަތުގެ ކްލާސްތައް ހިންގުމާއި، ހަށިގަނޑު ބައްޓަން ކުރުމާއި ރީތިކޮށް ބެހެއްޓުމަށްޓަކައި، ބަަރު އުފުލުމާއި، މަސްތަކުގައި ބާރު ޖެއްސުމަށް ބޭނުންވާ ބޮޑީ ސްކަލްޕްޓިންގ ކްލާސްތަކާއި، މާރޝަލް އާޓްސްގެ ބައެއް ހަރަކާތްތައް ދަސްކޮށްދިނުމަށް، ބޮޑީ ކޮމްބެޓް ކްލާސްތަައް ހިންގުމާއި، ނެށުމުގެ ތެރެއިން ކަސްރަތު ހިމެނޭ ބޮޑީ ޖޭމް ކްލާސްތަކާއި، ހަށިގަނޑަށް އަރާމާއި ހިތްހަމަޖެހުން ލިބިދޭ ޔޯގާއާއި ބޮޑީ ބެލަންސް ކްލާސްތަކާއި، ޖިމްގެ ޚިދުމަތްދޭ ކްލާސްތައް ހިންގުން ހިމެނެއެވެ.

               މީގެއިތުރުން، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ބޭނުންވާ މީސްމީހުންނަށް، ޑައެޓްކުރުމާއި، އެކަމުގައި ބަަލަންޖެހޭ ކަންތައްތަކާބެހޭ މަޢުލޫމާތާއި، މާބަނޑު ދުވަސްވަރު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، ރީތިވުމުގެ ހުރިހާ އެންމެފަހުގެ ފެޝަންތަކާއި ވާހަކައާއި، މިނޫނަސް އެކިއެކި މަޢުލޫމާތު ލިބޭ ފޮތްތައް ހިމެނޭ ލައިބްރަރީގެ ޚިދުމަތް ދިނުން، މި ތަނުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. "ޝެރީ" އިން ދެމުން ގެންދާ ޚިދުމަތްތައް ލިބިގަތުމަށްޓަކައި މިހާތަނަށް 4811 މީހުން ރަޖިސްޓަރީ ކޮށްފައި ވެއެވެ. މީގެއިތުރުން، "ޝެރީ"ގެ ޚިދުމަތްތައް ލިބިގަތުމަށް ދުވާލަކު 300 މީހުން ޒިޔާރަތްކުރެއެވެ.