ކެއަރ ސޮސައިޓީ

               ކެއަރ ސޮސައިޓީއަކީ، ރާއްޖޭގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ޚިދުމަތް ދެމުން ގެންދާ ޖަމާޢަތެކެވެ. 1998 ވަނައަހަރު އުފެދުނު މި ސޮސައިޓީން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ، މުޖްތަމަޢުގައި ބޭނުން ހިފޭ ބަޔަކަށް  ހެދުމުގެ ގޮތުން، އެފަދަ މީހުންނާއި ކުދިންނަށް ތަޢުލީމާއި ތަމްރީނުދީ، ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދެއެވެ. މިގޮތުން، ޚާއްޞަ އެހީއަށް ބޭނުންވާ 52 ފަރާތަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ހޯދައިދީފައިވުމާއި، 300 އަށްވުރެ ގިނަ މީހުންނާއި ކުދިންނަށް ތަފާތު ޚިދުމަތް ދެމުން ގެންދިޔުމާއި، 160 އަށްވުރެ ގިނަ މީހުންނާއި ކުދިންނަށް، ތަމްރީނުގެ ފުރުޞަތުވެސް މި ސޮސައިޓީން ހޯދައިދީފައިވުން ހިމެނެއެވެ.

               ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުން ތަމްރީނު ކުރުމަށްޓަކައި، ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގެ ނަމުގައި ތަޢުލީމާއި، ހުނަރު ދަސްކޮށްދޭ މަރުކަޒެއް ޤާއިމުކޮށް، ޚިދުމަތްދޭން ފަށާފައި ވެއެވެ. އެކިކަހަލަ ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ ގޮތުން މި މަރްކަޒުން ތަފާތު 16 ކްލާހެއް ހިންގައެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ފުރުޞަތު ހޯދައިދިނުމަށްޓަކައި، ކެއަރ ގްރެފިކް ސްޓޫޑިއޯއެއްވެސް ވަނީ ޤާއިމުކޮށްފައެވެ. 

               މި ސޮސައިޓީގެ ފައުންޑަރ މެންބަރުންނަކީ، ހ. އޯކިޑް އަލްފާޟިލާ ފާޠިމަތު ޢާފިޔާ އާއި، މއ. ފަސްއެރި އަލްފާޟިލް އިޖާޒުﷲ ޢަބްދުﷲ ޢަލީ އާއި، ހ. ސޭންޑީބީޗް އަލްފާޟިލާ ކުލްޘަމް ސަޢީދާއި، ހ. އޯކިޑް އަލްފާޟިލާ އިރްތިޝާމް އާދަމާއި، ހ. އޯކިޑް އަލްފާޟިލާ އިބްތިޝާމް އާދަމެވެ.