އަލްފާޟިލް ޢަބްދުﷲ ޢަލީ
ރާޒް/ބ. ހިތާދޫ

               ޢަބްދުﷲ ޢަލީއަކީ، އުމުރުން 15 އަހަރުން ފެށިގެން މަސްވެރިކަން ކުރައްވަމުން ގެންދަވާ ހީވާގި މަސްވެރިއެކެވެ. އަދި ކެޔޮޅެކެވެ. ފަޅުވެރިއެއްގެ ގޮތުގައި 10 އަހަރު މަސައްކަތް ކުރެއްވުމަށްފަހު، އޭގެފަހުން މަސްވެރިކަން ކުރައްވަނީ، ކެޔޮޅެއްގެ ގޮތުގައެވެ. މަސްވެރިކަމުން ލިބިވަޑައިގަތް އާމްދަނީން، 12 ރިޔަނުގެ ދޯންޏަކާއި، 13 ރިޔަނުގެ ދޯންޏަކާއި، 17 ރިޔަނުގެ ދޯންޏަކާއި، 23 ރިޔަނުގެ ދޯންޏެއް އުފައްދަވާފައި ވެއެވެ. މިހާރުވެސް 23 ރިޔަނުގެ ދޯނީގައި ކެޔޮޅެއްގެ ގަޮތުން، ޢަބްދުﷲ ޢަލީ މަހަށް ފުރުއްވަމުން ގެންދަވައެވެ.

               މީގެއިތުރުން ޢަބްދުﷲ ޢަލީއަކީ، ޒުވާން ޖީލުގެ މަސްވެރިންނަށާއި، ރަށުގެ ޒުވާނުންގެ ތެރެއިން މަސްވެރިކަމަށް ޝައުޤު ހުންނަ ކުދިންނަށް މަސްވެރިކަމާބެހޭ ހުނަރުތައް ދަސްކޮށްދެއްވައި، އެކަމަށް ކުދިން ޝައުޤުވެރި ކުރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެތެރޭގައި ދޯނި ދުއްވުމާއި، އެންވެރިކަން ކުރާނެގޮތާއި، ދޮށި އަޅާނެގޮތް ދަސްކޮށްދިނުން ހިމެނެއެވެ. ޢަބްދުﷲ ޢަލީގެ ފަރާތުން ލިބުނު މަޢުލޫމާތާއި ތަޖުރިބާއާއެކު އަލަށް ކެޔޮޅެއްގެ ގޮތުން މަހަށް ފުރާ މީހުން އެބަތިއްބެވެ.