ޙުސައިން ތައުފީޤަކީ، ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވާވިދާޅުވާ، އަދި މި ޢިލްމު، ކުދިންނަށާއި، މީހުންނަށް ދަސްކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، 1991ން ފެށިގެން ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ (ކުރީގެ މަޢުހަދު)ން ބައިވެރިވާ ޤައުމީ ޤުރްއާން މުބާރާތްތަކަށް، ދަރިވަރުން ތައްޔާރުކޮށްދެއްވުމާއި، ކުއްލިއްޔާއިން ހިންގަވާ ޤާރީ ކޯސްތަކާއި، ނިޒާމީ ކްލާސްތަކާއި، ދިރާސާތުލްއިސްލާމިއްޔާ ކޯހާއި، މުދިމުން ތަމްރީނުކުރާ ކޯހާއި، މިނޫންވެސް ކުއްލިއްޔާއިން ހިންގަވާ ތަފާތު ކޯސްތަކުގެ ބައިވެރިންނަށް ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދެއްވުން ހިމެނެއެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާ "ދީނުގެ އަޑު"ގެ "ޤުރްއާން ކިޔެވުމަށް ފަސޭހަ މަގެއް" މި ޕްރޮގްރާމަށް މުޅި ޤުރްއާން އެއްކޮށް ރެކޯޑުކޮށްދެއްވީ، ޙުސައިން ތައުފީޤެވެ. އަދި ޓީ.ވީ މޯލްޑިވްސުން ފޮނުއްވި "ޤުރްއާން ކިޔަވަން ދަސްކުރަމާތޯ" މި ޕްރޮގްރާމް ހުށަހަޅުއްވައިދެއްވީވެސް، ޙުސައިން ތައުފީޤެވެ.
ޙުސައިން ތައުފިޤަކީ، ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުން މަތީ ވަނަތައް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖެއިން ބޭރުގައި ބޭއްވި، ޤުރްއާން ކިޔެވުމުގެ ބައެއް މުބާރާތްތަކުގައިވެސް، ޙުސައިން ތައުފީޤު ބައިވެރިވެވަޑައިގެންފައި ވެއެވެ.