އަލްފާޟިލް އިބްރާހީމް ފައުޒީ
މ. އޯކިޑްވާދީ

               އިބްރާހީމް ފައުޒީއަކީ، 1958ން ފެށިގެން މެދުނުކެނޑި ކިޔަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން މަދްރަސަތުލް ޙަމީދިއްޔާއާއި، މަދްރަސަތުލް މަޖީދިއްޔާއާއި، މަދްރަސަތުލް އަމީނިއްޔާއާއި، މަޖީދިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، މަދްރަސަތުލް ޢާލިޔާއާއި، މާލޭ އިންގްލިޝް ސްކޫލުގައި، ޢަރަބި ތާނަ ލިޔަން ދަސްކޮށްދެއްވުމުގެ މުދައްރިސެއްގެގޮތުން ޚިދުމަތް ކުރައްވައިފައި ވެއެވެ.

               ފައުޒީއަކީ، 1985ން ފެށިގެން، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގައި (މިހާރު ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގައި) ދިވެއްސާއި ޢަރަބިތާނަ ލިޔުުން ކިޔަވައިދެއްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ. މިގޮތުން، މަޢުހަދާއި ކުއްލިއްޔާގެ ހުރިހާ ގްރޭޑްތަކަށާއި، މުދިމުން ތަމްރީނުކުރާ ކޯސްތަކުގަޔާއި، ތަރުބިޔާ އިސްލާމިއްޔާ ކޯހުގައިވެސް ދިވެހި ކިޔަވައިދެއްވަމުން ގެންދަވައެވެ. މަޢުހަދާއި ކުއްލިއްޔާގެ ދަރިވަރުން، ތަފާތު އަދަބީ މުބާރާތްތަކަށް ތައްޔާރުކޮށްދެއްވައި، ގިނަ މުބާރާތްތަކަކުން މަތީ ވަނަތައް ހޯއްދަވައިދެއްވުމުގައި، ފައުޒީ ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވައިފައި ވެއެވެ.