އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން
ގ. ކޮއްކިރި
ތަރުޖަމާ ކުރެއްވުމުގެ މަސައްކަތް ޢަބްދުﷲ ފާރޫޤު ޙަސަން ފެށްޓެވީ، 1972 ގައެވެ. އޭރުއްސުރެ، ފާރޫޤު ގެންދަވަނީ، އުރުދޫބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން މިހާތަނަށް 38 ފޮތް ތަރުޖަމާ ކުރައްވާފައިވެއެވެ. މީގެތެރޭގައި، އިސްލާމީ ތާރީޚުގެ ވާހަކަތަކާއި، ކީރިތި ރަސޫލާ صـلّى الله علـيـه وسـلّمގެ ސީރަތާބެހޭ ފޮތްތަކާއި، އަލްޚުލަފާއުއްރާޝިދޫންގެ ޙަޔާތްޕުޅާބެހޭ ފޮތްތަކާއި، އިސްލާމީ ދުނިޔޭގެ ބައެއް ޝަޚްޞިއްޔަތުތަކުގެ ވާހަކަތަކާއި، ދީނީ އަދި ޢިލްމީ ވާހަކަތަކާއި، ރަށްވެހިކަމުގެ ވާހަކަތަކާއި، ކުޑަކުދިންނަށް ޚާއްޞަކުރެވިފައިވާ ވާހަކަތައް ހިމެނެއެވެ.
ޢަބްދުﷲ ފާރޫޤު ޙަސަނަށް މިރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު 1985 ގައި ލިބިވަޑައިގެންފައި ވެއެވެ.