އަލްފާޟިލް މުޙައްމަދު ނާޞިރު
މ.މެޓްރޯވިލާ

       މުޙައްމަދު ނާޞިރަކީ، ރާއްޖޭގައި ރަސްމީ ސިފައެއްގައި ކުޅެވުނު ވަރަށްގިނަ ކުޅިވަރުތަކެއްގައި، ކުޅުންތެރިއެއްގެ ގޮތުން ވަރަށް މަޝްހޫރުކަން ހޯއްދެވި ބޭފުޅެކެވެ. ފުޓްބޯޅައާއި، ޓީޓީއާއި، ކްރިކެޓާއި، ހޮކީއާއި، ބެޑްމިންޓަނާއި، އެތްލެޓިކްސްއާއި، ޓެނިހާއި، ބާސްކެޓާއި، ވޮލީއާއި، ބައިސްކަލް ރޭސްތަކުން ނާޞިރުވަނީ، ވަރަށްގިނަ މަތީ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. މީގެއިތުރުން، މަންޑި ފަދަ ސަގާފީ ކުޅިވަރިތަކުގައިވެސް ނާޞިރުވަނީ، ރަތްވަނަތަކެއް ހޯއްދަވާފައެވެ. އަދި އެ ކުޅިވަރު ދިރުވައި އާލާކުރުމަށްވެސް މަސައްކަތް ކުރައްވާފައިވެއެވެ. ނާޞިރު ވަނީ، 1968ން ފެށިގެން، ކުޅިވަރުގެ ދާއިރަގައި، ކުޅުންތެރިއެއްގެ ގޮތުންނާއި، އޮފިޝަލެއްގެ ގޮތުންނާއި، ކޯޗެއްގެ ގޮތުން ގިނަގުނަ ޚިދްމަތްތަކެއް ކުރައްވާފައެވެ. މިހާރުވެސް، ވަރަށް ޢަމަލީގޮތެއްގައި، ކުޅިވަރުގެ ތަފާތު ހަރަކާތްތަކުގައި، ކްލަބް ފެންވަރުގަޔާއި، ޤައުމީ ފެންވަރުގައި ޚިދްމަތްކުރައްވަމުން ގެންދަވައެވެ. މިހާރު ނާޞިރު ފާހަގަކުރެވެނީ، ކުޅިވަރު ޓީމުތައް އުފެއްދެވުމާއި، ކުޅުންތެރިން ގޮވައިގެން މަސައްކަތް ކުރެއްވުމުގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ.