އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް
ގ. އިލާ

ކުޅިވަރުގެ ދާއިރާއިން، ޚާއްޞަކޮށް ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގެ ރޮނގުން ޚިދުމަތުގެ ޤައުމީ އިނާމު، އެ ބޭފުޅެއްގެ ހަނދާނަށް އެރުވޭ އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީ، ކުޅިވަރުގެ ދަނޑުގައި މަޝްހޫރުވެފައިވާ ނަމުން ދަންނަވާނަމަ "ސާންތީ"އަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކޯޗުންގެ ތެރޭގައި، ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. މިދިޔަ އަހަރުގެ މާރިޗު މަހުގެ 22ވަނަ ދުވަހުގެރޭ މި ދުނިޔެއާ ވަކިވެވަޑައިގެންފައިވީ ނަމަވެސް، އިޙްސާން ޢަބްދުލްޣަނީގެ ކުޅިވަރުގެ ޙަޔާތުގެ ޚިދުމަތްތަކަކީ، ދިވެހީންގެ ހިތްތަކުން ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ.

އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީ ފުރަތަމަ ފެނިގެންދިޔައީ، މަޖީދިއްޔާ ސްކޫލްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. ދެން ފެނުނީ، ގަލޮޅު ރަސްމީ ދަނޑުން، ޔޫތު ސްޕޯޓްސް ކުލަބުންނެވެ. ހުނަރުވެރި މިޑްފީލްޑަރެއްގެ ގޮތުގައެވެ. އޭގެފަހުން، ފުޓުބޯޅަ ކުޅުއްވުމަށްވުރެ ބޮޑަށް ޚާއްޞަވެވަޑައިގަތީ، ކޯޗިންގގެ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށެވެ. އެހެންކަމުން، ވަރަށް ޒުވާން އުމުރުފުޅުގައި އެ ދާއިރާއަށް އިޙްސާން ޢަބްދުލްޣަނީ ހިތް ދޫކޮށްލެއްވިއެވެ.

ދިވެހި ފުޓުބޯޅައާ ބައްދަލުކުރި އެންމެ އުފާވެރި، އެންމެ ޚާއްޞަ ވަގުތުތަކުގައި އިޙްސާން ޢަބްދުލްޣަނީގެ އެހީތެރިކަމާއި މަދަދުނެތި އެ ކަމެއް ހާސިލުވެފައެއް ނެތެވެ. 2004ވަނަ އަހަރުގެ މާރިޗު މަހު އޭޝިއާގެ ފުޓްބޯޅައިގައި، ވަރުގަދަ ދެކުނު ކޮރެއާއާ ދެކޮޅަށް ރާއްޖެއިން އެއްވަރުކުރި މެޗުގެ އޭރުގެ ކޯޗް މެނައުލް ގޯމޭޒްގެ އެންމެ އިސް އެސިސްޓެންޓަކީ، އިޙްސާން ޢަބްދުލްޣަނީއެވެ. އޭގެ ހަތަރު އަހަރު ފަހުން ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު، އޭރުގެ ކޯޗް ޖޯސެފް ޔަންކޭޒްގެ އެންމެ އިސް އެސިސްޓެންޓަކީވެސް އިޙްސާން ޢަބްދުލްޣަނީއެވެ. އޭގެ 10 އަހަރު ފަހުން، ދެވަނަ ފަހަރަށް އެ މުބާރާތް ރާއްޖެއިން ކާމިޔާބުކުރިއިރު، އިޙްސާން ހުންނެވީ، އެންމެ އިސް އެހީތެރިއެއްގެ ގޮތުގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ މަގާމުގައެވެ.

ފުޓުބޯޅައިގެ ޓެކްނިކަލް ކޮންމެ މަގާމެއްގައި އިޙްސާން ޢަބްދުލްޣަނީ ވިސްނެވީ، އަދި އިސްކަން ދެއްވީވެސް އަންނަން އޮތް ޖީލުތަކަށް ފުރުޞަތުތައް ފަހިވާނެ ގޮތަކަށެވެ. ކޯޗެއްގެ ގޮތުގައި އަދި ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރުވެސް މަސައްކަތް ކުރެއްވީ، އާ ވިސްނުންތަކެއް ތަޢާރުފު ކުރައްވައިގެން، އެ ބަދަލުތައް ގެންނަވައިގެން ކުރިއަށް ވަޑައިގަތުމަށެވެ. ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދެއްވައި، އެ ކުޅުންތެރިންގެ ކުރިއެރުމަށް އެހީތެރިވެދެއްވައި، އެކުދިން ފުޓުބޯޅައިގެ ތަރިންނަށް ހައްދަވައި ދެއްވައި، އެހާ ކާމިޔާބު މަސައްކަތްތަކެއް ކުރެއްވި ދެވަނަ އެހެން ކޯޗެއް، ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚުގައި ނެތޭވެސް ދެންނެވިދާނެއެވެ.

އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީގެ ކޯޗްކަމުގެ ދަށުން ކުލަބް އީގަލްސްއިން 2016ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުގައި ގިނައިން ހިމެނުނީ، އިޙްސާން ޢަބްދުލްޣަނީ ފުރުޞަތު ދެއްވި ބެޗުގެ ކުޅުންތެރިންނެވެ. އާ ކުޅުންތެރިންނަށް އަބަދުވެސް ފުރުޞަތު ދެއްވައިގެން، ޓީމެއް ބިނާކުރައްވައި، ކާމިޔާބީއާ ހަމަޔަށް ވާސިލުވުމަކީ، ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅު ކަމުގައި އިޙްސާން ޢަބްދުލްޣަނީ އަބަދުވެސް ވިދާޅުވެއެވެ.

އިޙްސާން ޢަބްދުލްޣަނީއަކީ، ރާއްޖޭގެ އެތައް ރަށެއްގައި ކޯޗިންގ ކޭމްޕުތައް ހިންގެވި، ރާއްޖޭގެ އެކި ރަށްރަށުން ޒުވާން ކުޅުންތެރިން މާލެއަށް ގެންނަވައިގެން، ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ހޯއްދަވައި ދެއްވައި، މުހިންމު ތަމްރީނުތަކެއް ހިންގެވި ބޭފުޅެކެވެ.

ފުޓްބޯޅައިގެ ކޮންމެ ކަމެއްގައިވެސް އިޙްސާން ޢަބްދުލްޣަނީގެ އެހީތެރިކަން ވަރަށްބޮޑެވެ. މުޅި ޙަޔާތް ހޭދަކުރެއްވީ، ފުޓްބޯޅައަށެވެ. ފުޓްބޯޅައިގެ ޚިދުމަތުގައެވެ.

މާތްﷲ، އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! އާމީން.