އަލްފާޟިލް އިސްމާޢީލް ޢަބްދުލްޣަފޫރު
އިސްމާޢީލް ޢަބްދުލްޣަފޫރު، ފޮޓޯގްރަފީގެ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1984ވަނަ އަހަރު "ފޮޓޯ ޓެކްނިކް"އާ ގުޅިވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ. މި ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ ދިގު މުއްދަތުގެ ތެރޭގައި، އިސްމާޢީލް ޢަބްދުލްޣަފޫރުގެ ފޮޓޯގްރަފީ ޚިދުމަތް ރާއްޖޭގެ އެތައް ބަޔަކަށް ވަނީ ލިބިފައެވެ.
އިސްމާޢީލް ޢަބްދުލްޣަފޫރަށް ވިޜުއަލް އާޓްސްގެ ދާއިރާއިން ފޮޓޯގްރަފީގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމެވީ، މިހާ ދިގު މުއްދަތެއްގައި އެއް ކަމެއްގައި ވަރަށް އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކުގައި ޚިދުމަތް ކުރައްވައިފައިވާތީއާއި، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ނެތް ދުވަސްވަރުގައިވެސް އިސްމާޢީލް ޢަބްދުލްޣަފޫރުގެ ފޮޓޮގްރަފީގެ ޚިދުމަތް، ރާއްޖޭގެ އެތައް ބަޔަކަށް ދެއްވައި، އާންމުން ހިތްހަމަޖެހޭފަދަ ފެންވަރެއްގައި ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ، ޤައުމީ ފެންވަރެއްގައި ބަލައިގަންނަންޖެހޭނެ މަސައްކަތްޕުޅުތަކެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.
އިސްމާޢީލް ޢަބްދުލްޣަފޫރު ކުރައްވައިފައިވާ ފާހަގަކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ދައުލަތުގެ ރަސްމިއްޔާތުތަކުގެ އިތުރުން، ސަރުކާރުގެ އެކިއެކި އިވެންޓްތަކުގެ ފޮޓޯ ނެންގެވުމާއި، ސްކޫލްތަކުގެ ކޮންސަރޓްތަކުގެ ފޮޓޯ ނެންގެވުން ހިމެނެއެވެ. މީގެއިތުރުން، އުފަންދުވަހުގެ ހަފުލާތަކާއި، ކައިވެނި ހަފުލާތަކާއި އަދި އަމިއްލަ އެކި ފަރާތްތަކުން ބާއްވަވާ މިނޫންވެސް ވަރަށްގިނަ ހަފުލާތަކުގައި ފޮޓޯ ނަންގަވައި ދެއްވައިފައި ވެއެވެ. އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމަކީ، ފޮޓޯތައް ނަންގަވައި، ފޮޓޯތައް ސާފުކުރައްވައިގެން، ފޮޓޯގެ ވެރިފަރާތަށް އެ ފޮޓޯތައް ރައްދުކުރެއްވުމަށް ކުރައްވާ މަސައްކަތެވެ. ބައިސްކަލުގައި ގޭގެއަށް ވަޑައިގެން، ފޮޓޯތައް ރައްދުކޮށްދެއްވުމަށްޓަކައި އިސްމާޢީލް ޢަބްދުލްޣަފޫރު އެ ކުރައްވާ މަސައްކަތެވެ. އެހާގިނަ ފޮޓޯ ނަންގަވާއިރު، އެ ފޮޓޯތަކުގެ ރެކޯޑުތައް ބަލަހައްޓަވައި، އެ ފޮޓޯއެއްގެ ވެރިފަރާތަށް ރައްދުކޮށްދެއްވާކަން އެއީ، އިސްމާޢީލް ޢަބްދުލްޣަފޫރު މިކަމަށް ދެއްވާ ޚާއްޞަ އަހަންމިއްޔަތުގެ ހެއްކެކެވެ.
އިސްމާޢީލް ޢަބްދުލްޣަފޫރު މިހާރު ހުންނެވީ، "މިއަދު" ނޫހުގެ ފޮޓޯގްރާފަރެއްގެ މަގާމުގައެވެ. މީގެއިތުރުން، އެ ނޫހުގެ ނިއުސް ރިޕޯޓަރުކަމާއި، އޮފީސް އެސިސްޓެންޓުގެ މަސްއޫލިއްޔަތުވެސް ފަރުވާތެރިކަމާއެކުގައި އަދާކުރައްވަމުން ގެންދަވައެވެ. އިސްމާޢީލް ޢަބްދުލްޣަފޫރު ވަނީ، އެސް.އެސް.ޓީ.ވީ.ގެ ފޮޓޯގްރާފަރެއްގެ ގޮތުގައިވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ.
އިސްމާޢީލް ޢަބްދުލްޣަފޫރަކީ، ބޭސިކް ޖަރނަލިޒަމް ކޯސް ފުރިހަމަކުރައްވައި، ފޮޓޯގްރަފީގެ ދާއިރާއިން، އާ ކުދިން ތަމްރީނު ކުރެއްވުމަށްވެސް މަސައްކަތް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، "މިއަދު" ނޫހުން ކުރިއަށްގެންދިޔަ ތަމްރީނު ޕުރޮގުރާމުތަކުގައި، އެ ކުދިންނަށް މައުލޫމާތު ދެއްވައި، އިސްމާޢީލް ޢަބްދުލްޣަފޫރުގެ ހުނަރާއި ތަޖުރިބާ އެ ކުދިންނަށް އުނގަންނައިދެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، އިސްމާޢީލް ޢަބްދުލްޣަފޫރަށް ވަނީ، ނޫސްވެރިކަމުގެ ދާއިރާއިންނާއި، ފޮޓޯގްރަފީގެ ދާއިރާއިން އެކިއެކި އިނާމުތައް ލިބިވަޑައިގެންފައެވެ. އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، 2019ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއިން، "ނޫސްވެރިކަމުގެ ރަން ގަލަން" ލިބިވަޑައިގެންނެވިކަމެވެ. މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާގައި ބޭއްވުނު އިސްލާމިކް ސޮލިޑަރިޓީ ގޭމްސް ކަވަރު ކުރުމުގައި އަދާކުރެއްވި މުހިންމު ދައުރުގެ އަގު ވަޒަންކުރައްވައި، އެކަމުގެ ހަނދާނީ ލިޔުން އިސްމާޢީލް ޢަބްދުލްޣަފޫރަށް ލިބިވަޑައިގެންފައި ވެއެވެ. އަދި 2007ވަނަ އަހަރު "މިއަދު ކްރިސްޓަލް އެވޯޑު" ހާސިލު ކުރައްވައި "މިއަދު" ނޫހުގައި 10 އަހަރު ދުވަހު މެދުކެނޑުމެއްނެތި ޚިދުމަތް ކުރައްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި ސެޓުފިކެޓު ލިބިވަޑައިގެންފައި ވެއެވެ. އަދި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި، 2009ވަނަ އަހަރު އެ މިނިސްޓްރީން ވަނީ، އިސްމާޢީލް ޢަބްދުލްޣަފޫރަށް ހަނދާނީ ލިޔުމެއް އަރުވައިފައެވެ.
ދަތުރުފަތުރު ކުރެއްވުމަށް އާންމުކޮށް ބައިސްކަލް ބޭނުންކުރައްވާތީ، އެކަމަށް ހިތްވަރު ދެއްވުމުގެ ގޮތުން، "ބައިކް މޯލްޑިވްސް"އިން އިސްމާޢީލް ޢަބްދުލްޣަފޫރަށް ވަނީ ޚާއްޞަ ހަނދާނީ ފިލައެއްވެސް އަރުވައިފައެވެ.
ފޮޓޯގްރަފީގެ ދާއިރާގައި މިހާ ދިގު މުއްދަތެއްގައި އިސްމާޢީލް ޢަބްދުލްޣަފޫރު ޚިދުމަތް ކުރައްވައިފައިވާއިރު، މިހާތަނަށް ހޯއްދަވައިފައިވާ ކާމިޔާބީގެ ފަހަތުގައި ތިއްބެވީ، ޢާއިލާގެ މެންބަރުންނާއި، ގާތް ރަޙްމަތްތެރިންކަން ފާހަގަކުރައްވައެވެ. އިސްމާޢީލް ޢަބްދުލްޣަފޫރުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައިވެސް މި މަސައްކަތުގައި ދެމިހުންނަވައި، މި ދާއިރާއިން އިތުރަށް ކުރިއަށް ވަޑައިގަތުމެވެ.