އަލްފާޟިލާ ޢާއިޝަތު ނައުރާ
ޢާއިޝަތު ނައުރާއަކީ، މަދްރަސީ ދައުރުން ފެށިގެން ކުޅިވަރުގެ އެކި މުބާރާތްތަކުން ފާހަގަކުރެވޭ ބޭފުޅެކެވެ. 1993ވަނަ އަހަރު އަމީނިއްޔާ ސްކޫލްގެ ނެޓްބޯޅަ ޓީމުން ވިދާލި ނައުރާއަށް ނެޓްބޯޅައަކީ، ހަމައެކަނި ކުޅިވަރަކަށްވުރެ ބޮޑަށް ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެގެންދިޔައީ، އެ ދުވަސްވަރު ކުޅިވަރަށް އުފެދުނު ޚާއްޞަ ލޯތްބަކާއި ޝައުޤެއްގެ ބޮޑުކަމުންނެވެ. ކުޅިވަރުގެ ދަނޑުގައި ކުޅެވުނު އެކި ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރައްވައި، ކުޅިވަރުގެ ތެރެއިން ދެއްކެވި އަޚުލާޤާއި، ސާބިތުކަމާއި، ހިތްވަރުގަދަ ކަމުގެ ސަބަބުން ނައުރާއަކީ، އެހެން ކުޅުންތެރީންނަށް ނަމޫނާ ކުޅުންތެރިއެއްކަން ވަރަށް އަވަހަށް ސާބިތުކޮށްދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން، 1997ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ނެޓްބޯޅަ ޓީމުގެ ޖަރޒީގައި ކުޅުއްވުމުގެ ފުރުޞަތު ނައުރާއަށް ލިބިވަޑައިގެން، ބޭރު ޤައުމުތަކުގައި ރާއްޖެ ތަމްސީލުކުރެއްވުމަށްޓަކައި ގިނަ މުބާރާތްތަކެއްގައި ކުޅުންތެރިއެއްގެ ގޮތުގައި ނައުރާވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކުލަބު ޖަމުޢިއްޔާތަކުގެ މެދުގައި ބާއްވާ މުބާރާތްތަކާއި، ޤައުމީ މުބާރާތްތަކުން ލިބިވަޑައިގެންނެވި ކާމިޔާބީއާއެކު، ނައުރާގެ އަމާޒަކަށްވީ، ދިވެހިރާއްޖޭގެ ނެޓްބޯޅަ ތަރައްޤީކުރައްވައި، އެހެން ހަރުފަތަކަށް ގެންދެވުމެވެ. އެ ޢަޒުމާ އެއްގޮތްވާ ގޮތުގެ މަތިން، ނެޓްބޯޅައަށް ޚިދުމަތް ކުރެއްވުމަށްޓަކައި އެކި ރޮނގުރޮނގުން ލިބިވަޑައިގެންނެވި ހުރިހާ ފުރުޞަތެއްގެ ބޭނުން ނައުރާ ކުރެއްވީ، މި ކުޅިވަރުންވެސް ރާއްޖެއަށް ރީތި ނަމެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައެވެ. ކޯޗެއްގެ ހައިސިއްޔަތުންނާއި، އަމްޕަޔަރެއްގެ ހައިސިއްޔަތުންނާއި، އެސޯސިއޭޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ނައުރާގެ އެހީތެރިކަން ނެޓްބޯޅައަށް ލިބެމުންދެއެވެ.
ނެޓްބޯޅައިން ކުރިއަށް ވަޑައިގަތުމަށްޓަކައި 1998ވަނަ އަހަރުން ފެށިގެން ކޯޗުކަމުގެ ތަމްރީނުތަކާއި، އަމްޕަޔަރުކަމުގެ ތަމްރީނުތަކުގެ އެކި ލެވެލްގެ ކޯސްތައް، ރާއްޖެއާއި ރާއްޖެއިން ބޭރުން ނައުރާ ފުރިހަމަކުރައްވައިފައި ވެއެވެ. އެގޮތުން، 1998ވަނަ އަހަރު، ކޯޗުކަމާއި އަމްޕަޔަރު ކަމުގެ ކޯސް ފުރިހަމަކުރެއްވުމަށްފަހު، 2002ވަނަ އަހަރު އޮސްޓްރޭލިޔާގައި އޮތް އޭޝިއަން ނެޓްބޯލް ކޯސް އެންޑް އަމްޕަޔަރސް ސެމިނާރުގައި ރާއްޖޭގެ ފަރާތުން ނައުރާ ބައިވެރިވެވަޑައިގެންފައި ވެއެވެ.
މިފަދަ ކޯސްތަކާއި ސެމިނާރުތަކުން ލިބިވަޑައިގަންނަވާ ޢިލްމާއި، ތަޖުރިބާގެ އަލީގައި، ޒުވާން ނެޓްބޯޅަ ކުޅުންތެރިން އުފެއްދެވުމުގެ މަސައްކަތް ނައުރާ ގެންދަވަނީ ކުރައްވަމުންނެވެ. އަދި، ނެޓްބޯޅަ ކުޅުއްވަމުން ކޯޗުކަން ކުރައްވައި، މުބާރާތްތަކުގައި އަމްޕަޔަރުކަންވެސް ނައުރާ ކުރައްވައެވެ. ޤައުމީ ފެންވަރުގެ މުބާރާތްތައް އިންތިޒާމު ކުރެއްވުމާއި، އިދާރީ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމާއެކުގައި ޖަޖުކަންވެސް ކުރައްވައެވެ. މުބާރާތްތަކުގައި އިންސާފުވެރިކަމާއެކުގައި ކަންކަން ނިންމެވުމާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓެވުމަށް ނައުރާ އިސްކަން ދެއްވައެވެ. އަދި، ކުޅިވަރުގެ ހިންގުން ހަރުދަނާކުރެއްވުމަށްޓަކައިވެސް ނައުރާ ގެންދަވަނީ، މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުންނެވެ.
ނައުރާއަކީ، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓެކްނިކަލް ޑިރެކްޓަރު ކަމާއި، ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. މީގެއިތުރުން، އެ އެސޯސިއޭޝަންގެ ޖަޖިންގ އެންޑް އެޑްވައިޒަރީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް ނައުރާވަނީ މަސައްކަތް ކުރައްވައިފައެވެ.
ނައުރާގެ އުންމީދަކީ، ދިވެހި ނެޓްބޯޅަ، އައު އުސްމިންތަކަކަށް ގެންގޮސްދެއްވުމެވެ. މި ކުޅިވަރުގެ ކުރިއެރުމަށްޓަކައި އިޚުލާޞްތެރިކަމާއެކުގައި ކުރައްވާ މަސައްކަތަކީ، ނައުރާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފަލަކާއި ފަޚުރެއް ކަމުގައި ގަބޫލުފުޅުކުރައްވައެވެ.