އަލްފާޟިލް އަރުޝަދު އަޙްމަދު
އަރުޝަދު އަޙްމަދަކީ، ސޮފްޓްވެއަރ ޑިވެލޮޕްމަންޓާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި.)ގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ، އީޖާދީ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ފަންނީ މާހިރެކެވެ.
2013ވަނަ އަހަރު ފްރީލާންސް ޑިވެލޮޕަރެއްގެ ގޮތުގައި ސޮފްޓްވެއަރ މަސައްކަތުގެ ތެރެއަށް އަރުޝަދު ވެދެވަޑައިގެން، 2016ވަނަ އަހަރު "ޖަވާބު"ގެ ނަމުގައި ސޮފްޓްވެއަރ ހެދުމުގެ ވިޔަފާރިއެއް ފެށްޓެވިއެވެ. "ޖަވާބު"ގެ ޗީފް ޓެކްނޯލޮޖީ އޮފިސަރުގެ މަގާމު، އަރުޝަދު ފުރުއްވަމުން ގެންދަވާއިރު، ސަރުކާރުގެ އެކި އިދާރާތަކަށާއި، އަމިއްލަ ފަރާތްތަކަށް، މިހާތަނަށް 100 އަށްވުރެ ގިނަ ވެބްސައިޓާއި، އިންފޮމޭޝަން ސިސްޓަމް އަދި މޯބައިލް އެޕްލިކޭޝަން ހައްދަވައި ދެއްވައިފައި ވެއެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި، ވިޒިޓް މޯލްޑިވްސް ވެބްސައިޓް، ޖޮބް ސެންޓަރ، އީ ޓުކުރި، އަދި ކިޔެވެނި ޕޯޓަލް ފަދަ މުހިންމު މަސައްކަތްތައް ހިމެނެއެވެ.
އަރުޝަދު ވަނީ، ދިވެހިބަހުގެ އޭ.އައި. ޓެކްނޯލޮޖީތައް ކުރިއެރުވުމުގެ ގޮތުން "ދިވެހި ޖީ.ޕީ.ޓީ."ގެ ނަމުގައި 2023ވަނަ އަހަރު ދިވެހިބަހުގެ އޭ.އައި. ޓެކްނޯލޮޖީއެއް ތަޢާރުފު ކުރައްވައިފައެވެ. އެއްލައްކައަށްވުރެ ގިނަ މީހުން ބޭނުންކުރަމުންގެންދާ މި ވެބްސައިޓުގެ ތެރެއިން، ދިވެހި ލިޔުންތައް އުފެއްދުމާއި، ޔައުމިއްޔާ ލިޔުމާއި، އޮޕްޓިކަލް ކެރެކްޓަރ ރިކޮގްނިޝަން (އޯ.ސީ.އާރު.) ފަދަ ތަފާތު ޚިދުމަތްތައް ގެންދަވަނީ ދެއްވަމުންނެވެ. އަރުޝަދު ވަނީ، ދިވެހިބަހުގެ އޭ.އައި.ގެ ދިރާސީ މަސައްކަތްތައް ކުރައްވައި، ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގައި ހުށަހަޅުއްވައި ދެއްވައިފައެވެ. އަދި ސަރުކާރުގެ އޭ.އައި. ސިޔާސަތުތައް ކަނޑައެޅުމުގައި އަރުޝަދު ވަނީ، ފަންނީ ލަފާ ފޯރުކޮށްދެއްވައިފައެވެ.
2018ވަނަ އަހަރުން ފެށިގެން "ޖަވާބު އެކެޑަމީ" މެދުވެރިކޮށް، އަރުޝަދު ވަނީ 400 އަށްވުރެ ގިނަ ދަރިވަރުންނަށް ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީނު ދެއްވައިފައެވެ. އަދި "ޖަވާބު އިންޓަރންޝިޕް"ގެ ދަށުން އެތައް ޒުވާނުންނަކަށް ވަނީ، ވަޒީފާގެ ތަޖުރިބާއާއި ތަމްރީނު ފޯރުކޮށްދެއްވައިފައެވެ. އަރުޝަދު ގެންދަވަނީ، އައި.ސީ.ޓީ. ސެކްޓަރ ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ޤައުމީ އޭ.އައި. ކަރިކިއުލަމް ކަނޑައަޅާ ކޯސްތަކުގެ ފެންވަރު ޔަގީންކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އޭ.އައި. އަށް އަހުލުވެރިކުރުވުމަށްޓަކައި، ކައުންސިލްތަކާއި، ސްކޫލްތަކާއި، އަމިއްލަ ޖަމުޢިއްޔާތަކަށް ހިލޭސާބަހަށް ސެޝަންތައް ނަންގަވައި ދެއްވަމުންވެސް ގެންދަވައެވެ.
އަރުޝަދު އަޙްމަދު، މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް ނޮޓިންގހަމްއިން ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވައި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސެއިންޓް އެންޑްރޫޒް އިން، އޭ.އައި. އިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައިފައިވާއިރު، މި ދެ ކޯހުންވެސް އަރުޝަދު ވަނީ 1ވަނަ ދަރަޖަ ހޯއްދަވައިފައެވެ. މި ކާމިޔާބީތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 2019 އަދި 2025ވަނަ އަހަރު އަދި ޒުވާނުންގެ ޤައުމީ އިނާމު، 2021ވަނަ އަހަރު އަރުޝަދު ވަނީ ހާސިލުކުރައްވައިފައެވެ.