މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަން

        މި އެސޯސިއޭޝަނަކީ، ރާއްޖޭގެ އަންހެނުންގެ ކުރިއެރުމަށް ދިގު މުއްދަތެއްގައި ޚިދްމަތް ކޮށްފައިވާ ޖަމްޢިއްޔާއެކެވެ. ގާލްގައިޑް ހަރަކާތްތަކުގެ އަމާޒަކީ، ޤައުމަށް ވަފާތެރި، ދީނަށް ޙުރްމަތްތެރިކޮށްހިތާ، އުފެއްދުންތެރި މުރާލި ދަރިންތަކެއް އުފެއްދުމެވެ. މީގެތެރޭގައި، ހިލޭސާބަހަށް ހިންގަވާ އަދި އިޖްތިމާޢީގޮތުން ފައިދާހުރި މަޝްރޫޢުތައް ހިމެނެއެވެ. މިގޮތުން، ތިމާވެށީގެ ރޮނގުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި، ހިލޭސާބަހަށް މަސައްކަތްކުރާ އެހެން ޖަމްޢިއްޔާތަކަށް ތަފާތު ޕްރޮގްރާމްތަކުގައި އެހީތެރިވަމުން ގެންދެއެވެ.

       ފަސް އުމުރުފުރައަކަށް ބަހާލައިގެން ހިންގާ ހަރަކާތްތަކުގައި ހިމެނެނީ، ސްޓާރ، ލިޓްލް މެއިޑްސް، ގައިޑް، ސަރވިސް ގައިޑް، ލީޑަރުން މި ބައިތަކެވެ.

      2004 ވަނަ އަހަރު 761 ބައިވެރިންނަށް އަދި 2005 ވަނަ އަހަރު 680 ބައިވެރިންނަށް އެކިއެކި ތަމްރީނު ދީފައިވެއެވެ. މީގެ އިތުރުން، 2003 ން 2005 އަށް، ގައިޑާޒްއާއި، ކޮމިޝަނަރޒްގެ ގޮތުގައި 529 ގައިޑުން ތަމްރީނުކޮށްފައިވެއެވެ. ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި މިތަނުން ހިންގި ޤައުމީ ޕެޓްރޯލް ލީޑާޒް ޕްރޮގްރާމުގައި، އަހަރަކު 300 އަށްވުރެގިނަ މެންބަރުން ބައިވެރިވެފައިވެއެވެ.

      މި އެސޯސިއޭޝަނަށް ލިބިފައިވާ ކާމިޔާބީތަކުގެ ތެރެއިން، ތިމާވެށީގެ އެވޯޑާއި، ވެގްސްގެ އިވެލުއޭޝަންގައި، ވޭތުވެދިޔަ 6 އަހަރުވެސް، އޭ ކެޓަގަރީގައި ހިމެނުމާއި، 7 ގައިޑުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ދެއްވާ "ޕްރެޒިޑެންޓް ގައިޑް ބެޖް" ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މި އެސޯސިއޭޝަންގެ ބޭފުޅަކަށް ޒުވާނުންގެ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ.