ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

2002ވަނަ އަހަރު ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުފެދިގެން އައީ، ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމުގެ ތަޞައްވުރާ އެކުގައެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި، ބައިސަން މޯލްޑިވްސް ވަނީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި ނުހަނު މުހިންމު ދައުރެއް އަދާކޮށްފައެވެ. ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާއާއި، އިމާރާތްކުރުމުގެ ޞިނާޢަތުގައި ހޯދައިފައިވާ ކާމިޔާބީތަކަކީ، ފާހަގަކޮށްލަންޖެހޭ ފަޚުރުވެރި މަސައްކަތްތަކެކެވެ.

ބައިސަން މޯލްޑިވްސްގެ ކާމިޔާބީގެ ސިއްރަކީ، އެ ކުންފުނިން ހިންގައިފައިވާ ބޮޑެތި މަޝްރޫޢު ތަކެވެ. މިގޮތުން، 2016އިން 2023އަށް ކޮކޫން ކަލެކްޝަންގެ ތިން ރިޒޯޓެއް ކަމަށްވާ، ކޮކޫން މޯލްޑިވްސް، ޔޫ.އެންޑް މީ، އަދި ޖޯއި އައިލެންޑް ވަނީ "ޓާންކީ" މަޝްރޫޢުތަކެއްގެ ގޮތުގައި ތަރައްޤީ ކޮށްފައެވެ. މީގެއިތުރުން، އެޓްމޮސްފިއަރ ގުރޫޕުގެ ދަށުން ހިންގާ ހަލަވެލި، ސަންގޭލި، ލޯބިގިލި، އައިލާފުށި އަދި ބޮލިފުށި ފަދަ މަޝްހޫރު ރިޒޯޓުތައް ތަރައްޤީކުރުމުގައިވެސް ބައިސަންއިން ވަނީ، އިސް ދައުރެއް އަދާކޮށްފައެވެ. ޚާއްޞަގޮތެއްގައި، ލޯބިގިލި ރިޒޯޓުގައި ބިނާކޮށްފައިވާ، 52 މީހުންގެ ޖާގައިގެ ރެސްޓޯރެންޓަކީ، ދުނިޔޭގައި މިހާތަނަށް ބިނާކޮށްފައިވާ ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓެވެ. މިއީ، ކުންފުނީގެ ފަންނީ ގާބިލުކަން ހާމަކޮށްދޭ މަޝްރޫޢެކެވެ.

ކުންފުނީގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ދިވެހި ސަރުކާރުންނާއި، ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ އެވޯޑުތަކެއް ވަނީ ލިބިފައެވެ. ފަތުރުވެރިކަމުގެ ޞިނާޢަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ޓޫރިޒަމްގެ ދާއިރާއިން "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" 2022ވަނަ އަހަރު، ބައިސަން މޯލްޑިވްސްއަށް ވަނީ ލިބިފައެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ރަން އެވޯޑާއި، 2018ވަނަ އަހަރު ލިބުނު "އިންސްޕިރޭޝަނަލް ބިޒްނަސް ލީޑަރ" އެވޯޑު ހިމެނެއެވެ. އަދި 2016އިން ފެށިގެން 2023އާ ހަމަޔަށް ރާއްޖޭގައި އެންމެ ކުރިއަރައިފައިވާ ކުންފުނިތަކުގެ ތެރޭގައި، ބައިސަން މޯލްޑިވްސް ވަނީ ހިމެނިފައެވެ. މީގެއިތުރުން، ކުންފުނީގެ މަސައްކަތްތައް މިހާރުވަނީ، ރާއްޖޭގެ ބޯޑަރުން ބޭރަށް ފުޅާވެފައެވެ. މިގޮތުން، ޒެންޒިބާރުގެ ބާވޭ އައިލެންޑާއި، ޗަންގޫ އައިލެންޑްގައި ރިޒޯޓް ތަރައްޤީކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

ބައިސަން މޯލްޑިވްސްއަކީ، ހަމައެކަނި ވިޔަފާރީގެ ފައިދާއަށްޓަކައި މަސައްކަތްކުރާ ކުންފުންޏެއް ނޫނެވެ. ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޅ. އޮޅުވެލިފުށީގައި މަސް މާރުކޭޓެއް ބިނާކޮށްދިނުމާއި، ދިވެހީންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ، ކުންފުނީގެ މުހިންމު ސިޔާސަތެކެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެނީ ކުންފުނީގެ އިސް މެނޭޖްމަންޓުގެ 90 އިންސައްތަ މުވައްޒަފުންނަކީ، ދިވެހީން ކަމުގައިވާއިރު، އޭގެތެރެއިން 65 އިންސައްތައަކީ، އަންހެން މުވައްޒަފުން ކަމެވެ.

ބައިސަން މޯލްޑިވްސްއަކީ، ޒަމާނީ ފަންނިއްޔާތާއި، އޭ.އައި. ފަދަ އައު އީޖާދުތައް ބޭނުންކޮށްގެން، ރައްކާތެރިކަމާއެކުގައި ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކުރަމުންގެންދާ ނަމޫނާ ކުންފުންޏެކެވެ. އައި.އެސް.އޯ. 9001 އަދި އައި.އެސް.އޯ. 45001 ސެޓުފިކެޓު ހާސިލުކޮށްފައިވާ "ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ އަމާޒަކީ، ދިވެހިރާއްޖޭގެ ނަން، ބައިނަލްއަގުވާމީ މައިދާނުގައި އުފުލައިދީ، ޤައުމީ ތަރައްޤީގައި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ކުރަމުން ގެންދިޔުމެވެ.

ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންނަކީ، ޗެއަރމަން މައްޗަންގޮޅީ ކަބީލާގޭ އަލްފާޟިލް ޢަބްދުލްމަޖީދާއި، ޑިރެކްޓަރ މައްޗަންގޮޅީ މަނަސް އަލްފާޟިލާ ނީނާ މަންޞޫރެވެ.