އަލްފާޟިލް މުޙައްމަދު އަޙްމަދު
މުޙައްމަދު އަޙްމަދުގެ ހިތްޕުޅުގައި ދިވެހިބޭސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދި، އެ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1998ވަނަ އަހަރުގައެވެ. އޭރުގެ އިންސްޓިޓިއުޓް އޮފް ހެލްތު ސައެންސަސްއިން ހިންގި ދިވެހިބޭސްވެރިކަން ދަސްކޮށްދޭ ކޯސް ފުރިހަމަކުރައްވައި، ސަނަދު ހާސިލުކުރެއްވުމަށްފަހު، ދިވެހިބޭހުގެ ފަރުވާކުރުމުގެ ހުއްދަ ހޯއްދަވައިގެން، ރަސްމީކޮށް ދިވެހިބޭހުގެ ފަރުވާ ދެއްވަން ފެށްޓެވީ، 7 މާރިޗު 2000 ގައެވެ. މުޙައްމަދު އަޙްމަދަކީ، 5 އޮގަސްޓު 1998 ގައި ޚިތާނުކުރުމުގެ ހުއްދަ ލިބިވަޑައިގަތުމާއެކު، އޭރުއްސުރެ ފެށިގެން ޚިތާނުކުރުމުގެ ޚިދުމަތްވެސް މެދުނުކެނޑި ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގައި ދިވެހިބޭސްވެރިކަން އާލާކުރައްވައި ކުރިއަށް ގެންދެވުމަށްޓަކައި މުޙައްމަދު އަޙްމަދުގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމާއެކުގައި މި ދާއިރާ އިތުރަށް ތަރައްޤީ ކުރެއްވުމަށްޓަކައި 3 ސެޕްޓެންބަރު 2013އިން ފެށިގެން "ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިން"ގެ ނަމުގައި ދިވެހިބޭހުގެ ޚިދުމަތްދޭ މެޑިކަލް ސެންޓަރެއް ރަޖިސްޓަރީ ކުރައްވައިގެން ޚިދުމަތް ދެއްވަމުން ގެންދަވައެވެ. އަދި، މި ދާއިރާ ތަރައްޤީ ކުރެއްވުމަށްޓަކައި އެކިއެކި ބައްޔާގުޅޭ ދިވެހިބޭސް އީޖާދުކުރައްވައި، ބޭސް އުފައްދަވައި، އެ ބޭސްތައް، ނޭޝަނަލް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓަރީ ކުރައްވައިގެން ބޭނުންކުރައްވަމުންވެސް ގެންދަވައެވެ. ދިވެހިބޭސްވެރިކަމުގެ ޚިދުމަތް ދެއްވަން މުޙައްމަދު އަޙްމަދު ފެށްޓެވި ފަހުން މިހާތަނަށް ގިނަ އަދަދެއްގެ ބަލިމީހުންނަށް ދިވެހިބޭހުގެ ފަރުވާ ވަނީ ދެއްވައިފައެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ ތެރެއިން، މާލީ ހާލަތު ހުރިގޮތުން ފަރުވާ ހޯދުމަށް މާލެއަށް އާދެވެން ނެތް ފަރާތްތަކަށާއި، އަދި ޖިސްމާނީ ނުކުޅެދުންތެރިކަމުގެ ސަބަބުން، ދަތުރުފަތުރުކުރުމަށް އުޒުރުވެރިވާ ފަރާތްތަކަށާއި، ދިވެހިބޭހުގެ ފަރުވާ ހޯދުމަށް ބޭނުންވާ އެހެނިހެން ފަރާތްތަކަށް އެ ޚިދުމަތް ދެއްވުމަށްޓަކައި 2016ވަނަ އަހަރުން ފެށިގެން ދިވެހިބޭހުގެ މެޑިކަލް ކޭމްޕްތައް، މުޙައްމަދު އަޙްމަދު ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަވަމުންނެވެ. މިގޮތުން މިހާތަނަށް ރާއްޖޭގެ 49 ރަށެއްގައި ވަނީ މެޑިކަލް ކޭމްޕް ހިންގަވައިފައެވެ. މިހާތަނަށް ބޭއްވެވި ކޭމްޕުތަކުގައި، ޖުމުލަ 8,820 މީހަކަށް ވަނީ ދިވެހިބޭހުގެ ފަރުވާ ދެއްވައިފައެވެ.
މުޙައްމަދު އަޙްމަދު، ދިވެހިބޭހުގެ ފަރުވާ ދެއްވަމުން ގެންދަވާ ބަލިތަކުގެ ތެރޭގައި، ރާއްޖެބަލި، ތުރުތުރުއެޅުމާއި ވާގިނެތުން، ގެސްޓްރައިޓިސް، ޖެހިތަދުވެ ހާނިއްކަވުމާއި، ކަށިގަނޑުގައި ރެނދުލުން، މައިދާއާއި ގޮހޮރުގެ ބަލިތައް، އަރިދަފުސް ރޯގާއާއި ކެއްސުން، ނޭވާހިއްލުމާއި، ނޭވާލާން ދަތިވުން، ބޯ އެނބުރުމާއި، ބޮލުގައި ރިއްސުމާއި، ހަމުގެ ތަފާތު ބަލިތަކާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، އަދި ތަފާތު ޞިއްޙީ އެހެނިހެން ބަލިތައް ހިމެނެއެވެ.
މުޙައްމަދު އަޙްމަދު ހިންގަވަމުން ގެންދަވާ "ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިން" ސެންޓަރުގައި، މި ދާއިރާއިން ތަޢުލީމު ހާސިލުކުރަމުން ގެންދާ ފަރާތްތަކަށް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތުވެސް ވަނީ ދެއްވައިފައެވެ. އެގޮތުން، އިންޓަރންގެ ގޮތުގައި މަސައްކަތްކުރި ފަރާތްތައް މަސައްކަތް ކޮށްފައިވަނީ، މުޙައްމަދު އަޙްމަދުގެ ސީދާ ބެއްލެވުމުގެ ދަށުންކަން ފާހަގަކޮށްލަންޖެހެއެވެ.
މުޙައްމަދު އަޙްމަދު ހިންގަވަމުން ގެންދަވާ ސެންޓަރުން ބާއްވަމުން ގެންދާ މެޑިކަލް ކޭމްޕުތަކުގައި، ދިވެހިބޭހުގެ ފަރުވާ ހޯދަން ބޭނުންވެފައިވާ ފަރާތްތަކުގެ ތެރެއިން މާލީ ފުދުންތެރިކަން ހުރިގޮތުން ޚިދުމަތް ހޯދެން ނެތް ފަރާތްތަކަށް ހިލޭސާބަހަށް މި ޚިދުމަތް ދެމުން ގެންދެއެވެ. އެގޮތުން، އެފަދަ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމުގެ ފީއާއި، ފަރުވާއާއި، އަދި ބޭހަށް އެއްވެސް އަގެއް ނެގުމަކާ ނުލައި، ޚިދުމަތް ދެމުން ގެންދެއެވެ. މީގެއިތުރުން، ރާއްޖެއިން ޙައްޖަށާއި ޢުމްރާއަށްދާ ބައެއް ޖަމާޢަތްތަކަށް، ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިންއިން އުފައްދާ ބޭސްތައް، އަގަކާ ނުލައި ފޯރުކޮށްދެމުންވެސް ގެންދެއެވެ. އަދި ޙައްޖަށާއި ޢުމްރާއަށް ދާ ފަރާތްތަކަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.
ދިވެހިބޭސްވެރިކަން ދިރުވައި އާލާކުރުމުގެ މަގުސަދުގައި، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރެއްވި ފުންނާބު އުސް ބޭފުޅުން، ޚާއްޞަކޮށް ދިވެހިބޭހުގެ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ އިސްނެންގެވުމުގެ މަތިން އުފެއްދެވި "ދިވެހިބޭސްވެރިންގެ ޖަމުޢިއްޔާ" ރަސްމީކޮށް އުފެދުނުފަހުން މުޙައްމަދު އަޙްމަދު ގެންދަވަނީ، އެ ޖަމުޢިއްޔާގައި އެކި މަގާމުތަކުގައި މަސައްކަތް ކުރައްވަމުންނެވެ. ދިވެހިބޭސްވެރިންގެ ޖަމުޢިއްޔާގެ މި ދައުރުގެ ރައީސަކީ، މުޙައްމަދު އަޙްމަދެވެ. ދިވެހިބޭސްވެރިންގެ ޖަމުޢިއްޔާގެ ރައީސްގެ ހައިސިއްޔަތުން، ސަރުކާރުގެ އިދާރާތަކާއި، ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ދިވެހިބޭސްވެރިންނަށާއި، ދިވެހިބޭސްވެރިކަމަށާއި އަދި މި ދާއިރާއަށް ފަހި ފުރުޞަތުތަކެއް ހޯއްދަވައި ދެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް މުޙައްމަދު އަޙްމަދު ކުރައްވަމުން ގެންދަވައެވެ.
މީގެއިތުރުން، ދިވެހިބޭހާއި، ކޮމްޕްލިމެންޓްރީ މެޑިސިންއާ ބެހޭގޮތުން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލަށް ލަފާދޭ ކޮމިޓީގެ މެންބަރުކަމާއި، ދިވެހިބޭހާއި، އޯލްޓަރނޭޓިވް މެޑިސިންއާ ބެހޭ ކޮމިޓީގެ މެންބަރުކަން، މުޙައްމަދު އަޙްމަދު ކުރައްވައިފައި ވެއެވެ. އަދި، ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް އެޑްވައިޒަރީ ކޮމިޓީގައި ދިވެހި ބޭސްވެރިން ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި، އޮކްޓޫބަރު 2022 އިން ފެށިގެން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރުން، މުޙައްމަދު އަޙްމަދުގެ މަސައްކަތް ބައްލަވައިލެއްވުމަށްޓަކައި މާލޭގައި ހުންނަ "ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިން"އަށް ކުރެއްވި ޒިޔާރަތުގައި، މި މަސައްކަތަށް މުޙައްމަދު އަޙްމަދުގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމާއި އަދި މި މަސައްކަތް ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމަށް ދެއްވާ އަހަންމިއްޔަތު އެބޭފުޅުންނަށް ފާހަގަކުރެއްވުނެވެ.